25 ޖެނުއަރީ 2017 - 14:44

ށ. ފުނަދޫގައި އިއްޔެ ކުނި އުކަން އަތިރިމައްޗަށް ދިޔަ ބަޔަކަށް ފެނުނީ މާވަހަރެއް ކަމާ މެދު ޝައްކު އުފެދިއްޖެ އެވެ.
ފުނަދޫ ކައުންސިލުގެ މެމްބަރު އަހުމަދު ނަޒީރު މިއަދު ވިދާޅުވީ އެ ރަށުގައި ކުނި އުކާލުމުގެ މަސައްކަތް ކުރާ ކައުންސިލްގެ ފިރިހެން މުވައްޒަފުންތަކަކަށް އިއްޔެ ފެނުނު 18 ކިލޯގެ "މާވަހަރު" ރަށުގެ ހުރިހާ އެންމެން ކަހަލަ ގޮތަކަށް ބަލާފައިވާ ކަމަށެވެ. އަދި އެއީ މާވަހަރެއް ކަމާ މެދު ގިނަ ބަޔަކު ޝައްކު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކި މީހުން އެކި ގޮތަށް ކިޔަނީ. ރަށުގެ އެންމެން ކަހަލަ ގޮތަކަށް މާވަހަރު ބެލި އިރު، ބައެއް މީހުން ބުނޭ އެއީ މާވަހަރެއް ނޫނޭ ވެސް. އަނެއް ބަޔަކު ބުނަނީ މާވަހަރަކަށް ވެސް ވެދާނެއޭ،" އެ ރަށުގެ ދެކުނު ފަރާތު ފެނުނު އެ އެއްޗާ ގުޅޭ ގޮތުން ނަޒީރު ވިދާޅުވި އެވެ.
ކައުންސިލުން ބުނި ގޮތުގައި އެއިން ދުވާ ވަހާއި ސިފަ އޮތްގޮތުން ބައެއް މީހުން އެއީ މާވަހަރެއް ކަމަށް ގަބޫލެއް ނުކުރެ އެވެ. އެކަމަކު އޭގައި މާވަހަރުގެ ސިފަތައް ގިނަ އެހެން މީހުން ބުނާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
މާވަހަރާ މެދު ރައްޔިތުންގެ މެދުގައި ހިޔާލު ތަފާތުވުމުން އެކަން ޔަގީން ކުރުމަށް ޓެސްޓުކުރުމަށް އަންނަ ހުކުރު ދުވަހު އޭތި މާލެ ގެނައުމަށް ނިންމާފައިވާ ކަމަށް ނަޒީރު ވިދާޅުވި އެވެ.
މާވަހަރެއް ކަމަށް ހީކޮށް، ރާއްޖޭގެ ބައެއް ރަށްރަށުން މިދިޔަ އަހަރު ހޮވި ގިނަ އެއްޗެހި ވެސް ވީ ތެޔޮގަނޑަކަށެވެ. އެކަމަކު ދެ މާވަހަރެއް ވަނީ މިލިޔަނަކަށް ވުރެ ގިނަ ރުފިޔާ އަށް ވިއްކާލާފަ އެވެ.