ރައީސަށް ވަގަށް ގޮވި މައްސަލާގައި މުޣުނީ އަށް ފިޔަވަޅު އަޅަނީ
ރައީސަށް ވަގަށް ގޮވި މައްސަލާގައި މުޣުނީ އަށް ފިޔަވަޅު އަޅަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްތަށިފުޅުގައި ވައްކަމުގެ ތުހުމަތު އަޅުވައި ޓުވީޓް ކުރެއްވި މައްސަލާގައި އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީގެ މައްސަލަ ރައީސް އޮފީހުން ބަލަން ފަށައިފި އެވެ.

މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ސިޔާސީ މަގާމެއް ފުރުއްވަމުން ގެންދަވާ މުޣުނީގެ ޓުވިޓާ އެކައުންޓުން ކުރެއްވި ޓުވީޓުގައި ކުންފުނިތައް ހިންގަވަން ތިބީ ވެސް ވަގުން ކަމުގެ ތުހުމަތު އެޅުވި އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ރައީސް އައްޔަން ކުރައްވާފައި ތިއްބެވީ ކުންފުނި ހިންގަން ގާބިލް ކަމެއް ނެތް ކޮރަޕްޓް ބައެއް ކަމަށް ވެސް އެ ޓުވީޓުގައި ވެ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވަނިކޮށް، އެ އަށް ވުރެން ދަށް މަގާމަކަށް އެންވަޔަރުމެންޓް މިނިސްޓްރީ އަށް ބަދަލުކުރެއްވި މުޣުނީ ރައީސް އޮފީހަށް ވެސް އިއްޔެ ހާޒިރުކުރި އެވެ. އެކަމަކު ފަހުން އޭނާ ވަނީ ޓުވީޓް ޑިލީޓް ކުރައްވައިފަ އެވެ.

މުޣުނީ ފޯނު ނުނަންގަވާތީ ކޮމެންޓެއް ނުލިބުނެވެ. އެކަމަކު، ޗާގޮސްގެ މައްސަލާގައި އިދިކޮޅު ޕާޓީތަކުން ކުރިއަށް ގެންދަން ނިންމާފައިވާ މުޒާހަރާ އަށް ޖުމްހޫރީ ޕާޓީގެ ގްރޫޕްގައި ވެސް އޭނާ ވަނީ ތާއީދުކުރައްވައިފަ އެވެ. އެ މައްސަލާގައި ޖޭޕީގެ ސްޓޭންޑަކީ ސަރުކާރުގެ ނިންމުމާ ދެކޮޅު ހެދުމެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވީ، މުޣުނީ ކުރެއްވީ ސިޔާސީ މަގާމްތަކުގައި ތިއްބަވާ ބޭފުޅުން އަމަލުކުރަން އޮންނަ އަޚުލާގީ މިންގަނޑާ ޚިލާފު އަމަލެއް ކަމަށެވެ. އެ މައްސަލާގައި އޭނާއާ ވާހަކަ ދެއްކެވި ކަމަށާއި މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"ވަކި ގޮތެއް އަދި ނިންމާފައެއް ނެތް،" ރައީސް އަންގަވާ ގޮތެއްގެ މަތިން، ސިޔާސީ މަގާމްތައް އައްޔަންކުރުމާއި ވަކިކުރުމުގައި އިދާރީ ދައުރެއް އޮންނަ އިބްރޭ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޯލިޝަންގައި ޖުމްހޫރީ ޕާޓީ ދެމިއޮތަސް، ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދެއް ނުކުރެ އެވެ. ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފައިވާ އެ ޕާޓީގެ ސިޔާސީ މަގާމްތަކުގައި ތިއްބެވި ބޭފުޅުން ގެންދަވަނީ ސަރުކާރަށް ފާޑުކިޔުމާ އެކު ގޯސްތައް ދައްކަމުންނެވެ.

ޖުމްހޫރީ ޕާޓީގެ ނިންމުމަކީ ސަރުކާރުގެ ސިޔާސަތުތައް ގަބޫލުނުކުރިޔަސް ދައުރު ނިމެންދެން ކޯލިޝަންގައި ދެމިއޮތުމެވެ.