25 ޖެނުއަރީ 2017 - 12:11

ވޮޝިންޓަން (ޖެނުއަރީ 25) - އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވައިޓް ހައުސް އަށް ވަޑައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައުވަތު ދެއްވައިފި އެވެ.
ވައިޓް ހައުސް އިން ބުނެފައި ވަނީ ދެ ބޭފުޅުން އިއްޔެ ކުރެއްވި ފޯނު ކޯލުގައި ޓްރަމްޕް ވަނީ އިންޑިއާ އަކީ އެމެރިކާގެ ހަގީގީ ރަހުމަތްތެރިއެއް ކަމަށް ވިދާޅުވެފައި ކަމަށެވެ.
"އެމެރިކާ އާއި އިންޑިއާގެ ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައި. އޭގެ އެތެރޭގައި އިގްތިސާދީ އަދި ދިފާއީ ގުޅުންތައް ހިމެނޭ،" ވައިޓް ހައުސް އިން ބުނެފައިވެ އެވެ. "ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިގައި ދެ ބޭފުޅުން ގުޅިގެން މަސައްކަތް ކުރުމަށް ވެސް ވަނީ އެއްބަސްވެފައި."
މޯދީ އެމެރިކާ އަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ އަހަރުގެ ފަހުކޮޅު އެވެ.
މޯދީ ވިދާޅުވީ ޓްރަމްޕް އިންޑިއާ އަށް ވަޑައިގަތުމަށް އޭނާ ވެސް ދައުވަތު ދެއްވާފައިވާ ކަމަށެވެ. އަދި އިންތިޚާބުގައި ހޯއްދެވި ކާމިޔާބީ އަށް ޓްރަމްޕަށް ހޫނު މަރުހަބާއެއް ދެންނެވި ކަމަށް ވެސް މޯދީ ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުގެ ތެރޭގައި ޓްރަމްޕް ވަނީ އެމެރިކާގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅުގެ މީހުންގެ ވޯޓު ހޯއްދެވުމަށް ވަރަށް ބޮޑަށް ކެމްޕޭން ކުރައްވައިފަ އެވެ. އަދި މޯދީގެ އިގްތިސާދީ އިސްލާހީ ޕްރޮގްރާމަށް ޓްރަމްޕް ވަނީ ތައުރީފް ކުރައްވައިފަ އެވެ.