ސީރިއާގެ ހަތް އަހަރުގެ ކުއްޖާގެ ސިޓީއެއް ޓްރަމްޕަށް
ސީރިއާގެ ހަތް އަހަރުގެ ކުއްޖާގެ ސިޓީއެއް ޓްރަމްޕަށް

އިސްތަންބޫލް (ޖެނުއަރީ 25) - ސީރިއާގެ ހަލަބުގައި ހަނގުރާމަ އެންމެ ވަރުގަދަވި ދުވަސްވަރު ޓްވީޓް މެދުވެރިކޮށް އެ ސިޓީގެ ހާލަތު ދުނިޔެ އަށް ބަޔާންކޮށްދީގެން މަޝްހޫރުކަން ހޯދީ ހަތް އަހަރުގެ ކުޑަ ކުއްޖާގެ ހުޅުވާލެވިފައިވާ ސިޓީއެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފޮނުވައިފި އެވެ.

ބަނާ އަލް އާބިދުގެ ސިޓީގައި ވަނީ ސީރިއާގެ ކުޑަ ކުދިންގެ ރައްކަލަށް ޓްރަމްޕް ކޮންމެވެސް ކަމެއް ކޮށްދިނުމަށް އެދިފަ އެވެ.

"ސީރިއާގެ ކުޑަ ކުދިންނަކީ ވެސް ޓްރަމްޕުގެ ކުދިން ކަހަލަ ކުދިން. އެހެންވެ އެ ކުދިންނަށް ވެސް ސުލްހަ ބޭނުންވޭ،" ބަނާ ލިޔެފައިވެ އެވެ.

ބަނާ އާއި އޭނާގެ އާއިލާ ހަލަބުން ޑިސެމްބަރު މަހު ސާލަމަތް ކުރުމަށް ފަހު މިހާރު ދިރިއުޅެނީ ތުރުކީގަ އެވެ.

ބަނާގެ މަންމަ ފާތިމާ ބުނީ އެ ސިޓީ ބަނާ ލިޔެފައި ވަނީ ރައީސްކަމުގެ ހުވާ ޓްރަމްޕް ކުރެއްވުމުގެ ކުރިން ކަމަށެވެ. އަދި ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން ވެސް ބަނާ އަށް ޓީވީން އެތައް ފަހަރަކު ޓްރަމްޕް ފެނިފައިވާ ކަމަށް ފާތިމާ ބުންޏެވެ.

ޓްރަމްޕަށް ފޮނުވި ސިޓީގައި ބަނާ ބުނެފައި ވަނީ ހަލަބުން ސަލާމަތްވެގެން އޭނާ ތުރުކީގައި މިހާރު ދިރިއުޅުނު ނަމަވެސް ބިރުވެރިކަމުގެ ހާލުގައި ސީރިއާގައި ދިރިއުޅެން ޖެހިފައިވާ އެތައް ކުދިންނެއް އަދިވެސް އުޅޭ ކަމަށެވެ.

"އަޅުގަނޑަށް އެނގޭ މަނިކުފާނަކީ އެމެރިކާގެ ރައީސްކަން. އެހެންވެ އަޅުގަނޑު ވަރަށް އިހުތިރާމާ އެކު މި ދެނީ ސީރިއާގެ ކުޑަ ކުދިންނާއި ބޮޑެތި މީހުން ސަލާމަތް ކޮށްދިނުމަށް އެހީތެރިވެ ދިނުމަށް. ސީރިއާގައި ވެސް ދިރިއުޅެނީ މަނިކުފާނުގެ ދަރިންނެކޭ ހަމަ އެއްފަދަ ކުޑަ ކުދިން. މަނިކުފާނުގެ ދަރިންނަށް ރައްކާތެރިކަން ބޭނުންވާ ފަދައިން ސީރިއާގެ ކުޑަ ކުދިންނަށް ވެސް ރައްކާތެރިކަން ބޭނުންވާނެ. ސީރިއާގެ ކުޑަކުދިންނަށް ކަމެއް ކޮށްދެއްވުމަށް މަނިކުފާނު ވައުދުވެވަޑައިގެންފި ނަމަ އަޅުގަނޑު ވާނީ މަނިކުފާނުގެ އާ ރަހުމަތްތެރިއަކަށް،" ބަނާގެ ސިޓީގައި ލިޔެފައިވެ އެވެ.