25 ޖެނުއަރީ 2017 - 11:22

ގައުމީ ފުޓްބޯޅަ ޓީމުތައް ދެން އޮންނަނީ ހާއްސަ ކޮމިޓީއެއްގެ ބެލުމުގެ ދަށުގައި ކަމަށާއި ޓީމްތަކަށް ބޭނުންވާ އިންތިޒާމް ހަމަޖައްސައިދޭނީ ވެސް އެ ކޮމިޓީން ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
އޭޝިއަން ކަޕް ކޮލިފައިން ބޯމަތީގައި އޮތްއިރު ބައްސާމް ވިދާޅުވީ އެ ކޮމިޓީގެ މެމްބަރުންގެ ނަންތައް އަންނަ ހަފުތާގެ ތެރޭގައި އިއުލާންކޮށް ކޮމިޓީގެ މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ. ސީނިއާ ގައުމީ ޓީމުގެ އިތުރުން ޖޫނިއާ ޓީމްތައް ވެސް ބަލަހައްޓައި ބޭނުންވާ ކަންކަން ފެސިލިޓޭޓްކޮށްދޭނީ ކުރިއަށް އޮތްތަނުގައި މި ކޮމިޓީންނެވެ.
"މި ކޮމިޓީގައި ތިއްބަވާނެ ކޯޗުންނާއި ޓެކްނިކަލް މީހުންނާއި ފިޓްނަސްގެ ތަޖުރިބާކާރުންނާއި މެޑިކަލް ބޭފުޅުން ވެސް. ގައުމީ ޓީމަށް ބޭނުންވާ ޓްރެއިނިން ކޭމްޕްތައް އައިޑެެންޓިފައިކޮށް އެކަންކަން އިންތިޒާމްކުރާނީ ކޮމިޓީން. މި ކޮމިޓީގެ މަސައްކަތްތައް ބަލަހައްޓަވަން ޗެއާޕާސަނެއް ހުންނަވާނެ،" ބައްސާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފްއޭއެމްގެ ރައީސް ނުވަތަ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުން ސީދާ ގޮތުން ގައުމީ ޓީމުގެ ކަންކަމުގައި އުޅެންވެއްޖެ ނަމަ، އެކަށީގެންވާ ވަގުތާއި ސަމާލުކަން ނުދެވޭނެ ކަމަށާއި މި ކޮމިޓީގެ ބޭނުމަކީ ގައުމީ ޓީމަށް ސީދާ ފޯކަސްކޮށްގެން މަސައްކަތްތައް ކުރިއަށް ގެންދިއުން ކަމަށެވެ.
"އެފްއޭއެމުން ދޭން ޖެހޭ ހުރިހާ ސަޕޯޓެއް ދޭނެ،" އޭނާ ވިދާޅުވި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި މާޗު 28 އިން ފެށިގެން އަންނަ އަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހާ ހަމަޔަށް ރާއްޖެ އަށް މެޗުތައް އޮންނާނެ އެވެ. އޮމާނާއި ފަލަސްތީނާއި ބޫޓާނާ އެކު ނިސްބަތުން ފަސޭހަ ގްރޫޕެއްގައި ރާއްޖެ ލައްވާލާފައިވާއިރު ބައްސާމް ވިދާޅުވީ ގްރޫޕުގެ ދެ ވަނަ ހޯދައި މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު އޮތް ކަމަށް ކޯޗު ޑަރެން ސްޓެވާޓް ވެސް ގަބޫލުކުރާ ކަމަށެވެ.
"ކޯޗު ވެސް ބުނި ދެ ވަނަ މަގާމް ލިބުމުގެ ފުރުސަތު ވަރަށް ބޮޑޭ. މިހާރުން ފެށިގެން ކޯޗު މަސައްކަތް ފަށައިފި. އެހެން ޓީމުތަކުގެ ކުޅުން ބަލައި ވާން ޖެހޭ ތައްޔާރީތައް ކޯޗު ވަނީ ފަށައިފައި،" ބައްސާމް ވިދާޅުވި އެވެ. "އެފްއޭއެމުން ވެސް މި އަހަރު ކަލަންޑަރު ހެދީ ވެސް ގައުމީ ޓީމަށް ވަގުތު ލިބޭނެ ގޮތަށް. އަޅުގަނޑުމެންގެ ފުރިހަމަ ސަޕޯޓް ގައުމީ ޓީމަށް އޮންނާނެ. ވަރަށް ބޮޑަށް ފޯކަސްކޮށްގެން ތައްޔާރުވާން ޖެހޭ ފަހަރެއް މިއީ."
ބައްސާމް ވިދާޅުވީ މި މެޗުތަކުގެ ސަބަބުން އެހެން ފައިދާއެއް ވެސް ކުރާނެ ކަމަށާއި އެއީ ބަންގްލަދޭޝްގައި މި އަހަރު ފަހުކޮޅު ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ވަރުގަދަ މެޗުތަކެއް ލިބުން ކަމަށެވެ.