15 މެއި 2023 - 06:41

ފެޝަންގެ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އިވެންޓު "މެޓް ގާލާ" ގައި އުޅެން ޖެހުނީ ވެއްޓިދާނެތީ ކަމަށް، މިފަހަރު ފުރަތަމަ ފަހަރަށް އެ އިވެންޓުގައި ބައިވެރިވި ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް ބުނެފި އެވެ.

އިންޑިއާގެ "ނިއުސް 18" އަށް އޭނާ ބުނީ މެޓް ގާލާގެ ރެޑް ކާޕެޓުގައި ހިނގާފައި ދިޔައިރު ވެއްޓިދާނެތީ ވަރަށް ސަމާލުވާން ޖެހުނު ކަމަށެވެ. އަދި ފޮޓޯއަށް ޕޯސް ކުރުމާއި، ފުންނޭވާއެއް ލާ އެ ވަގުތުކޮޅު "އެންޖޯއީ" ކޮށްލަން ސަމާލުކަން ދިން ކަމަށް ވެސް ބުންޏެވެ.
ގިނަބައެއްގެ ސަމާލުކަން ހުއްޓިފައިވާ އާލިއާ އަށް އެ ދުވަހަކީ ތާރީހީ ދުވަހެކެވެ. އެހެންވެ، އެހުރިހާ ޕްރެޝަރަކާ އެކު އޭނާ ކަމެއްގޯސްކޮށް ކުރެވިދާނެތީ ވަރަށް ބެލި ކަމަށް ބުންޏެވެ.
"..އެއީ ޕްރެޝަރު ބޮޑެވެ އަބަދު ސީރިއަސްވެފައި ސަމާލުކަން ދީގެން ހުންނަން ޖެހޭ ކަމެއް ނޫން. ބޮޑު އިވެންޓެއް އެއީ، ބޮޑުކަމެއް، އެކަމަކު އެއީ ހަމަ އަމިއްލައަށް މަޖާކޮށްލާ ހިތްހަމަ ޖައްސާލައި މޫނުމަތިން އުފާވެރިކަން ފެންނަންވީ ވަގުތެއް. އެއީ އަހަރެން އެންމެ ބޮޑަށް ސަމާލުކަން ދިން ކަންކަމަކީ" އާލިއާ ބުންޏެވެ.
މެޓް ގާލާ ޑެބިއު އަށް ފަހު މިހާރު އޭނާ ތައްޔާރު ވަމުން އަންނަނީ ގާލް ގަޑޮޓް އަދި ޖޭމީ ޑޯނަން ފަދަ މަޝްހޫރު އެކްޓަރުންނާއެކު އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ދަ ހާޓް އޮފް ސްޓޯން" އަށެވެ. އޭނާ ވަނީ މިދިޔަ އަހަރު ނިކުތް ބްލޮކްބަސްޓާ ފިލްމު "ގަންގުބާއީ ކަތިއާވަޅީ" ގައި ވެސް ހިތްގައިމު އެކްޓިންއެއް ދައްކާލައިފަ އެވެ.