25 ޖެނުއަރީ 2017 - 13:31

ލިވަޕޫލް (ޖެނުއަރީ 25) - އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި މިރޭ ރަށުން ބޭރުގައި ލިވަޕޫލް ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ސައުތެމްޓަންގެ ކޯޗު ކްލައުޑް ޕުއެލް ބުނެފި އެވެ.
ސައުތެމްޓަން ދަނޑުގައި ކުޅުނު ފުރަތަަމަ ލެގުން އެ ޓީމުން މޮޅުވީ 1-0 އިންނެވެ. މިރޭ ލިވަޕޫލް ދަނޑުގައި ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް ސައުތެމްޓަނަށް ފައިނަލުން ފުރުސަތު ހޯދޭނެ އެެވެ.
"އަހަރެމެން ދާނީ ހަމައެކަނި ޑިފެންސްކުރަން ވިސްނައިގެނެއް ނޫން. އެއީ ފަސޭހަ ކަމެއް ވެސް ނޫން. މިއީ ވަރަށް އުނދަގޫވާނެ މެޗެއް. ލިވަޕޫލުން ކުރިމަތިކުރުވާ ހުރިހާ ސުވާލަކަށް ސައުތެމްޓަނުން ޖަވާބު ދޭނެ. އަހަރެމެން ބޭނުމީ ފުރިހަމަ ކުޅުމަކާ އެކު ފައިނަަލަށްދާންް،" ޕުއެލް ބުންޏެވެ.
މި ސީޒަނުގައި ސައުތެމްޓަނަށް އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑިފެންޑަރު ވާޖިލް ވެން ޑައިކަށް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފަ އެވެ. ޕުއެލް ބުނީ މިރޭގެ މެޗުގައި އޭނާ ބޭނުންކުރުވުމާ މެދު ގޮތެއް ނިންމާނީ ފަހު ވަގުތު ކަމަށެވެ.
ސައުތެމްޓަން ލީގު ކަޕްގެ ފައިނަލަށް މީގެ ކުރިން ދަތުރުކުރީ އެންމެ ފަހަރަކު އެވެ. އެއީ 1979 ވަނަ އަހަރު އެވެ. އެ ފަހަރު ފައިނަލުން އެ ޓީމު ބަލިވީ ނޮޓިންހަމް ފޮރެސްޓް އަތުންނެވެ.
ފަހަކަށް އައިސް ލިވަޕޫލްގެ ނަތީޖާތައް ވަނީ ދަށްވެފަ އެވެ. އަދި ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ސްވަންސީ ސިޓީ އަތުން ބަލިވިއިރު، މިއި ފާއިތުވި އަހަރެއްހާ ދުވަސް ތެރޭ އަމިއްލަ ދަނޑުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ.
ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"ފުރަތަމަ މެޗުގައި ލިބުނު ފުރުސަތުތަކަށް ބަލާއިރު އަހަރެމެންގެ ނަސީބު މެޗުގެ ނަތީޖާ 3-0 އަށް ނުވުމަކީ. އަމިއްލަ ދަނޑުގައި އަހަރެމެންނަށް އެޑްވާންޓޭޖް އެބައޮތް. އެއީ ސަޕޯޓަރުންގެ އެހީއާ އެކު 1-0 ގެ ނަތީޖާ ބަދަލުކޮށްލެވޭނެތީ،" ކްލޮޕް ބުންޏެވެ.
މިދިޔަ އަހަރުގެ ލީގު ކަޕް ފައިނަލުގައި ލިވަޕޫލް ބަލިވީ ޕެނަލްޓީ ޖަހައިގެން މެންޗެސްޓާ ސިޓީ އަތުންނެވެ. ކްލޮޕް ބުނީ ފައިނަލާ މެދު އަދި ވިސްނަން އަވަސްކަމަށެވެ.
ލިވަޕޫލް ދަނޑުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.