14 މެއި 2023 - 11:26

އއ. ތޮއްޑޫން ދޫކުރަން ނިންމި 100 ގޯއްޗަށް ޝަރުތު ހަމަވި މީހުންގެ ދާއިމީ ލިސްޓު މިއަދު އާންމުކޮށްފި އެވެ.
އެ ރަށު ކައުންސިލުން އާންމުކުރި ލިސްޓުގައިވާ ގޮތުން ގޯއްޗަށް އެދި 524 މީހަކު ފޯމު ހުށަހެޅި އެވެ. އޭގެ ތެރެއިން 504 މީހަކު ޝަރުތު ހަމަވާއިރު، ޝަރުތު ހަމަނުވާ ތިބީ 20 މީހެކެވެ.
ދާއިމީ ލިސްޓުގައި ހިމެނޭ މީހުންގެ މެދުގައި ގުރުނެގުން މާދަމާ ރޭ 9:00 ގައި އޮންނާނެ ކަމަށް ކައުންސިލުން ބުންޏެވެ.
ދަނޑުވެރިކަމާއި ލޯކަލް ޓޫރިޒަމް ވެސް ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ތޮއްޑޫން 100 ގޯތި ދޫކުރަން އިއުލާންކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އެ ރަށުން ދޭން ނިންމާފައި ވަނީ 3،000 އަކަފޫޓުގެ 100 ގޯއްޗެވެ.
ތޮއްޑޫން ގޯއްޗަށް ކުރިމަތިލީ މީހުންގެ ވަގުތީ ލިސްޓުގައި ނަން ނެތިގެން ހަތަރު މީހަކު ކައުންސިލާ ދެކޮޅަށް ކޯޓަށް މައްސަލަ ވެސް ވެއްދި އެވެ. އެ މައްސަލާގައި ރަށުގެ މެޖިސްޓްރޭޓް ކޯޓުން ވަނީ ގޯތި ދޫކުރުމުގެ މަސައްކަތް މަޑުޖައްސާލައި، ވަގުތީ ލިސްޓު އަލުން އިވެލުއޭޓްކޮށް އާންމުކުރަން އަމުރުކޮށްފަ އެވެ.
ރަށު ކައުންސިލުން މިއަދު ބުނި ގޮތުގައި، ކޯޓު އަމުރާ އެއްގޮތަށް ވަގުތީ ލިސްޓު އަލުން އިވެލުއޭޓްކޮށް މިދިޔަ ހަފުތާގައި އާންމުކުރި އެވެ.
ތޮއްޑޫން އެންމެ ފަހުން ގޯތި ދޫކުރީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން، 2020 ވަނަ އަހަރު ވެސް ގޯތި ދޭން އިއުލާންކުރި އެވެ. އެކަމަކު މައްސަލަތަކެއް ދިމާވެ އެ މަސައްކަތް އެ ފަހަރު ވެސް ހުއްޓުނީ އެވެ.