14 މެއި 2023 - 13:11

އޯލެވެލް އިމްތިހާނާއި އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕާ ހެދި، ވެލެންސިއާ ޓީމުގެ ފަރިތަކުރުންތައް ބޭއްވުމުގައި އުނދަގޫތަކެއް ކުރިމަތި ވެފައިވާ ކަމަށް އެ ޓީމުގެ ހެޑް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.

ވެލެންސިއާގެ ޓީމުގެ މިހާރު ގިނައީ އެކިއެކި ސްކޫލްތަކުގައި ކިޔަވާ ކުދިންނެވެ.

އެހެންވެ، މިއަދު ފަށާ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގައި ވެސް ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ވާދަ ކުރާތީ، އެ ކުދިންގެ ކިޔެވުމާއި ސްކޫލް ހަރަކާތްތުގައި އުނދަގޫ ނުވާނެ ގޮތަށް ޕްރެކްޓިސްތައް ބޭއްވޭތޯ މަސައްކަތް ކުރާ ކަމަށް ފެސްކޯ ބުންޏެވެ.
"ވެލެންސިއާގެ 80 ނޫނީ 90 ޕަސެންޓަކީ ސްކޫލް ކުދިން. ދެން މި އޯލެވެލް އެގްޒާމް ފެށިގެން ކުރިއަށް ދަނީ. އޭގެ ތެރެއިން ވަރަށް ގިނަ ކުދިން އޯލެވެލް އެގްޒާމް ހަދާ. އެހެންވެ ޕްރެކްޓިސްތައް ތަންކޮޅެއް ދައްކޮށް ދަނީ،" ކްލަބް އީގަލްސްއާ މިއަދު ބައްދަލުކުރަން އޮތް މެޗުގެ ކުރިން އިއްޔެ ގަލޮޅު ދަނޑުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ފެސްކޯ ބުންޏެވެ.
"އެ ކުދިންނަށް ވެލެންސިއާގެ ޓެކްނިކަލް ޓީމުން ބޮޑު ލީނިއެންސީއެއް (ލުޔެއް) ދީގެން މެނޭޖް ކޮށްގެން މި ކުރަނީ."
ފެސްކޯ ބުނީ، މިއަދު ފަށާ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގައި ވެސް ވެލެންސިއާގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ކަމަށެވެ.
ފެސްކޯ ބުނިގޮތުގައި، ވެލެންސިއާ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ބޭނުންވާ ހުރިހާ ކުޅުންތެރިން މި ވަގުތަށް ބޭނުން ނުކުރެވުމަކީ ޓީމަށް ދިމާވެފައި އޮތް އުނދަގޫ ހާލަތެކެވެ. ނަމަވެސް ސްކޫލް ކުދިން ހިމަގައިގެން ސްކޮޑް އެކުލަވާލައި މި ސީޒަނާ ކުރިމަތި ލީ މި ކަންކަމަށް ވިސްނާފައި ކަމަށް ބުންޏެވެ. ކިޔެވުން އެއީ އެންމެ މުހިއްމު ކަންތައް ކަމަށާއި ކުޅުންތެރިންނަށް ވާނީ އިމްތިހާނު ނިމެންދެން ރިލީޒް ދީފައި ކަމަށް ފެސްކޯ ބުންޏެވެ.
"އޯލެވެލް ހަދާ ކުޅުންތެރިންނަށް އެއްކޮށް ކަހަލަ ގޮތަކަށް ރިލީޒް ދީފައި ހުންނާނީ. އެ ކުޅުންތެރިންގެ ކިޔެވުން އެއީ އެންމެ މުހިއްމު ކަންތައް،" ފެސްކޯ ބުންޏެވެ.
"ހަމަ ގައިމު ވެސް އޯލެވެލް އަށް ފަހު އެ މީހުންގެ ސިކުނޑިތައް ތާޒާވެގެން ދާނެ. އެއީ ޕްރެކްޓިސްތަކަށް ލިބޭނެ ކުރިއެރުމެއް ކަމަށް ގަބޫލު ކުރަނީ. ދެން އެތުލެޓިކްސް މުބާރާތުގައި އަޅުގަނޑުމެންގެ ވަރަށް މުހިއްމު ކުޅުންތެރިން އެބަ ވާދަ ކުރޭ. އަޅުގަނޑު އެ ކުދިންނަށް ކާމިޔާބަށް އެދެން. ކުލަބުގެ ހަމައެކަނި ޓާގެޓަކީ ފުޓުބޯޅައިގައި އެ މީހުން ހިފެހެއްޓުމެއް ނޫން. ކުރިއަށް ދެވެން ހުރި ހުރިހާ ދިމާއަކުން ކުރިއަށް ދާން ފުރުސަތު ވެލެންސިއާ އިން ދޭނެ."
ކުޅުންތެރިންގެ ފަރާތުން ކުރިއެރުން ފެންނާތީ އެކަމާ ހިތްހަމަޖެހޭ ކަމަށް ވެސް ފެސްކޯ ފާހަގަ ކުރި އެވެ. ވެލެންސިއާ މިދިޔަ ސީޒަންގައި ވެސް ލީގުގެ ގަދަ ހަތަރެއްގައި ހިމެނުމާ ގުޅިގެން މި ސީޒަންގައި ޒުވާން ޓީމަކާ އެކު ވެސް މަސައްކަތް ކުރާނީ ލީގު ގަދަ ހަތަރެއްގައި ހިފަހައްޓާލެވޭތޯ ކަމަށް ފެސްކޯ ބުންޏެވެ.
"އަބަދުވެސް ވެލެންސިއާގެ ޓާގެޓަކަށް އޮންނާނީ ކުރީ އަހަރަށް ވުރެ ރަނގަޅު ނަތީޖާއެއް މި އަހަރު ނެރުން. މިދިޔަ އަހަރު ވެސް ވެލެންސިއާ އަކީ ގަދަ ހަތަރެއް ނޫނީ ތިން ވަނަ ދެ ވަނައިގައި އޮތް ޓީމެއް. މި އަހަރު ވެސް އަޅުގަނޑުމެންގެ ޓާގެޓަކީ ﷲ ގެ ރަހުމަތްފުޅާ އެކު އެ ހިސާބަށް ވަނުން،" ފެސްކޯ ބުންޏެވެ.
"އައުޓް އޮފް ކޮންޓެކްސްޓް ދަންނަވަންޏާ، ފަލަސްތީނު 60 އަކަށް އަހަރު ވެއްޖެ އުންމީދެއްގައި ދިރިއުޅޭތާ، އަޅުގަނޑުމެން ދެތިން މަސް ދުވަހު މިހެން ހިތްވަރު ކޮށްލަން ޖެހުމަކީ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެއީކީ އުންމީދު ކަނޑާލަންޖެހޭ ވަރުގެ ކަމެއް ކަމަކަށް."
އެންމެ ފަހުގެ ޕްރެޒިޑެންޓްސް ކަޕްގައި ވެސް ވެލެންސިއާ ވަނީ ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅެފަ އެވެ. އެ މެޗުން ވެލެންސިއާ ބަލިވީ 4-0 އިންނެވެ.
ފެސްކޯ ބުނީ އެ މެޗުގައި ނުކުތް ނަތީޖާ ތަކުރާރު ނުވެ، މެޗުން ފިލާވަޅު ލިބިގެން މަސައްކަތް ކުރުމަކީ ޓާގެޓެއް ކަމަށެވެ.
އީގަލްސްގެ ފަރާތުން އިއްޔެގެ ޕްރެސްގައި ބައިވެރިވި ޓީމުގެ އެސިސްޓެންޓް ކޯޗު މުއާވިޔަތު އިލްހާމް ބުނީ، ހެޑް ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ގެ ބަލި ހާލަތު ހުރި ގޮތުން ޓީމަށް އިރުޝާދު ދިނުމުގައި އަމަލީ ގޮތުން މިވަގުތު މަސައްކަތް ނުކުރެވުނަސް ހުރިހާ ކަމެއް ކުރިއަށް ގެންދަނީ ކޯޗުގެ ވެސް ލަފަ އާއި އިރުޝާދުގެ މަތިން ކަމަށެވެ. ކުޅުންތެރިންގެ ހިތްވަރާއި ކުޅުންތެރިންގެ ފަރާތުން ލިބޭ އެއްބާރުލުން މުއާވިޔަތު ވަނީ ފާހަގަ ކޮށްފަ އެވެ.
މުއާވިޔަތު ބުނީ އީގަލްސް އަކީ ލީގަށް ވާދަ ކުރަން ނުކުންނަ ޓީމެއް ކަމަށާއި ކޮންމެ މެޗަކީ ވެސް އެ ޓީމަށް މުހިއްމު މެޗެއް ކަމަށެވެ. ޓީމަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކުން އަރައިގަންނަން ވަގުތު ބޭނުންވާކަމަށް އޭނާ ބުންޏެވެ.
"ކުޅުންތެރިންގެ ފަރާތުން ދަނޑުމަތީގައި ދައްކާ ހިތްވަރު ހާއްސަކޮށް ފާހަގަކޮށްލަން. ކުޅުންތެރިންނަށް ފަށްފަށުން ޝުކުރު ވެސް އަދާކުރަން އެ ފެންނަ ޕާފޯމަންސަށް. ހާއްސަކޮށް ފަހު ހާފުގައި އެ ކުޅެލާ ކުޅެލުން، ވަރަށް ހިތްގައިމު ފުޓުބޯޅައެއް ފެނިގެންދޭ،" މުއާވިޔަތު ބުންޏެވެ.
ވެލެންސިއާ އާއި އީގަލްސް ބައްދަލުކުރާ މެޗު ފަށާނީ މިރޭ 9 ޖަހާއިރެވެ.