14 މެއި 2023 - 09:51

ބަންގަލަދޭޝްގެ ޑާކާގައި އިއްޔެ ފެށި އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން) އައިއެޗްއެފް ޓޮރޮފީ އޭޝިއާ ބައްރުގެ ޒޯން 2ގައި ވާދަކުރާ ރާއްޖޭގެ 17 އަހަރުން ދަށުގެ އަންހެން ޔޫތު ޓީމާއި 19 އަހަރުން ދަށުގެ އަންހެން ޖޫނިއާ ޓީމް ވެސް ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ބަލިވެއްޖެ އެވެ.

ކުރިން އަށް ގައުމު ވާދަކުރާ ގޮތަށް ހަމަޖެހުނު ނަމަވެސް ފަހުވަގުތު ސްރީ ލަންކާ އާއި ބޫޓާނާއި ޔަމަން އަދި އަފްގާނިސްތާން މުބާރާތުގައި ވާދަ ނުކުރަން ނިންމުމުން، މުބާރާތް ކުރިއަށް ދަނީ ރާއްޖެ އާއި ބަންގްލަދޭޝްގެ އިތުރުން ނޭޕާލާއި އިންޑިއާ އާ އެކު ހަތަރު ގައުމުގެ މެޗުގަ އެވެ. ކޮންމެ އުމުރުފުރާއެއްގެ ވެސް ލީގު ބުރެއް ކުޅުމަށް ފަހު އެއްވަނަ އަދި ދެވަނަ ހޯދާ ދެ ޓީމުގެ މެޗުގައި ފައިނަލް މެޗެއް ކުޅޭނެ އެވެ. އަދި ތިންވަނަ އާއި ހަތަރުވަނަ ޓީމުގެ މެދުގައި ތިންވަނަ ހޮވާ މެޗެއް ވެސް ކުޅޭނެ އެވެ.
އަންހެން 17 އަހަރުން ދަށުގެ ޔޫތު ޓީމު ބަންގްލަދޭޝް އަތުން ބަލިވީ 48-10 ގޯލުންނެވެ. އަދި ޖޫނިއާ 19 އަހަރުން ދަށުގެ އަންހެން ޓީމު ބަންގްލަދޭޝް އަތުން ބަލިވީ 38-21 ގޯލުންނެވެ.
މިއީ މި ދެ ޓީމުގައި ހިމެނޭ ކުޅުންތެރިން ވެސް ގައުމީ ޓީމުގައި ހިމެނިގެން ބައިނަލްއަގުވާމީ މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ. މެޗުގެ ކުރިން ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ބަންގްލަދޭޝްގައި ރާއްޖޭގެ ދެ ޓީމުގެ ކުޅުންތެރިންނާ ބައްދަލު ކުރައްވައި ހިތްވަރު ދެއްވައިފަ އެވެ.
ލީގު ބުރުގައި ރާއްޖޭގެ ދެ ޓީމު ވެސް މިއަދު ކުޅުމަށް ހަމަޖެހިފައި ވަނީ އިންޑިއާ އާ ދެކޮޅަށެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި މާދަމާ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.
އައިޝަތު އައިނީ ހުސެއިން، ފާތިމަތު އަމާނީ އަހުމަދު ޝިޔާމް، ފާތިމަތު އަޝާ ރަޝީދު، އައިޝަތު އީޝަލް އަލީ، އައިމިނަތު ލަ އާލީ ހަލީލް، ފާތިމަތު ލީމް ރިޝާދު، މަރިޔަމް މާހާ ސުހައިލް، މީފާ ބިންތި މަޖީދު، ހައްވާ މިލްހާނާ މުހައްމަދު މާހިރު، އައިޝަތު ޔަފް އާ އަހުމަދު، އައިޝަތު ޒިއާނާ ރިޔާޒު، ތީބާ އަބްދުﷲ، ފާތިމަތު ރަޔާ ރަމީޒް، އައިނާ ލަތީފް
އައިޝަތު އިބާ އަހުމަދު، އައިޝަތު އީޝާ، އައިމިނަތު އިބާ އިބްރާހިމް، ފާތިމަތު ޝާޔާ މުހައްމަދު، އައިޝަތު ރަނާ ނަސީރު، ފާތިމަތު ލީމް ބިންތި ޔާސިރު، މަރިޔަމް ޔާނާ ނާސިހު، އީނާ އަހުމަދު، ޒުހާ ރަޝީދު، ފާތިމަތު ތުހުފާ، ނޫރާ އަބްދުލް ހަމީދު، މަނާލް އިސްމާއިލް ރަޝީދު، އަރީން އަހުމަދު އަބްދުﷲ، މަރިޔަމް ލީން އަހުމަދު
މި މަހުގެ 17 ގެ ނިޔަލަށް ކުރިއަށް ގެންދާ އައިއެޗްްއެފް ޓްރޮފީގައި ވާދަކުރާ ރާއްޖޭގެ 17 އަހަރުން ދަށުގެ ޔޫތު ޓީމުގެ ކޯޗަކީ ހަސަން ފަހީމް އެވެ. އެސިސްޓަންޓް ކޯޗަކީ އަހުމަދު ޒާއިން މުހައްމަދެވެ. މެޑިކަލް އޮފިޝަލަކަށް ފާތިމަތު ސައުޝަން ހަމަޖައްސާފައިވާއިރު، ހެޑް އޮފް ޑެލިގޭޓަކީ ނަޝްފާ އާމިރާ އެވެ.
ޖޫނިއާ 19 އަހަރުން ދަށުގެ ޓީމުގެ ކޯޗަކީ އިސްމާއިލް ޒައިދެވެ. އެސިސްޓަންޓް ކޯޗަކަށް މުހައްމަދު ހަސަން ހުރިއިރު، ހެޑް އޮފް ޑެލިގޭޓަކީ ހުސެއިން އަޒްހަމް އެވެ. އަދި މެޑިކަލް އޮފިޝަލަކީ އައިޝަތު ސުދާ އެވެ.