ޖަދަލު
ޖަދަލު

ބުދަ ދުވަހާ ގުޅޭ

ހަމަ ގުޅާ އިރަށް އާމިރާ ފޯނު ނެގިއެވެ. ފުރަތަމަ ދެކެވުނީ، މަންމައަކާއި ދަރިއަކާ ދެމެދު އާންމުކޮށް ދެކެވޭނެ ކަހަލަ ވާހަކައެވެ. އާމިރާ ބުނާ އެއްޗެއް ފައިސަލަކަށް ނީވެއެވެ. ފައިސަލް ވާހަކަތައް އަޑުއެހީ ދެލޮލުންނެވެ. ޒިޔާންގެ މޫނުމައްޗަށް އަންނަ ބަދަލުތަކުންނެވެ.

"އެބަހުރި މިތާ ކައިރީގަ." ފައިސަލަށް ބަލައިލައިފައި ޒިޔާން ބުންޏެވެ.

ފައިސަލް އުންމީދުކުރި ގޮތަކީ އެއީއެވެ. ޒިޔާންގެ އަޑުޖެހުމުން އާމިރާގެ ހަރު ހިތް މަޑު ކަފަކޮޅަކަށް ބަދަލުވާނެއެވެ. ގޮތްދޫކުރަން މަޖުބޫރުވާނެއެވެ. ދެން ފައިސަލަށް ފޯނު ދޭން ޒިޔާން ގާތުގައި އާމިރާ ބުނާނެއެވެ. ފައިސަލް ކަންފަތުގައި ފޯނުޖެހުމުން އާމިރާ ބުނާނެއެވެ. ބަލާ އަންނާށެވެ. ފައިސަލް ނިންމައިގެންހުރީ އެ ގޮތަށެވެ. ޒިޔާން ލައްވައި ފޯނުކުރުވީ ވެސް އެ މަގުސަދުގައެވެ. ފޯނުގެ އިންތިޒާރުގައި ފައިސަލް ހުއްޓައި، ޒިޔާން ފޯނު އިސްޕީކަރަށް ލައިފައި މޭޒުމަތީގައި ބޭއްވިއެވެ.

"މަންމަ މި ކިޔައިދޭން އުޅޭ ވާހަކަ، ފަހަރެއްގަ ދަރިފުޅަށް ނުވިސްނިދާނެ،" އާމިރާ ބުނި އަޑުއިވުނެވެ. "އެކަމަކު ވިސްނޭތޯ މަސައްކަތްކުރާތި! މަންމަ މި ދިޔައީ ބައްޕަ ކައިރީގަ ނޫޅެވިގެން. މަންމަ ބޭނުމެއް ނޫން ދެން ތި ގެއަށް ދާކަށް."

ޒިޔާން ރޯންފެށިއެވެ. ބައްޕަ ދެކެ ޒިޔާން ލޯބިނުވަނީކީ ނޫނެވެ. އެހެނަސް، ޒިޔާންގެ ހަޔާތުގެ ގިނަ ވަގުތު ހޭދަވީ މަންމަ ގާތުގައެވެ. އެ މަންމަ ހަނދާންނައްތައިލުން ކީއްކުރަން ހެއްޔެވެ؟ ނުފެންނަ ހިސާބުގައި އުޅޭކަށް ވެސް ޒިޔާނަކަށް ފަސޭހައެއް ނޫނެވެ.

"ދެން ނުރޮއި ދަރިފުޅާ!" ވަރަށް އޯގާވެރިކަމާ އެކުގައި އާމިރާ ބުންޏެވެ. "ކޮން ކަމަކާ ތި ރޮނީ؟ ދުރުގަ ހުއްޓަސް ދަރިފުޅު ބޭނުން ކޮންމެ ވަގުތަކު މަންމަޔާ ގުޅޭނެއްނު. ވީޑިޔޯ ކޯލު ވެސް ކުރެވޭނެ."

ޒިޔާން ހުއްޓައެއް ނުލިއެވެ. އާމިރާ ކިޔައިދޭން ގަސްތުކުރި ހުރިހައި ވާހަކައެއް ކިޔައެއް ވެސް ނުދެވުނެވެ. ޒިޔާން ކިޔަނީ އެކައްޗެކެވެ. މަންމަ އަންނާށެވެ. މަންމަ ކައިރިއަށް ޒިޔާން ގެންދާށެވެ. އެންމެ ފަހުން، ކުރުނުކޮށްގެން ނަސޭހަތްދިނުން އާމިރާ ހުއްޓައިލިއެވެ. ފައިސަލަށް ގޮވަން ފެށިއެވެ. ފައިސަލް އޭރު ހުރީ ފެންކަޅިވެފައެވެ. ފައިސަލް ފޯނު ނެގިއެވެ. އިސްޕީކަރު ކަނޑައިލިއެވެ. ޒިޔާން ރޯއަޑަށް ސީމާ އައެވެ. ޒިޔާން ހުއްޓުވަން ސީމާޔާ ހަވާލުކޮށްފައި ފޯނު ހިފައިގެން ފައިސަލް ދުރަށް ޖެހިއެވެ. ދައްކާ ވާހަކަ ޒިޔާނަށް ނީވޭ ހިސާބަށެވެ.

"ތިހިރީ ކުރާ ކަންތައް." ހިތްހަމަނުޖެހިފައި ފައިސަލް ބުންޏެވެ.

"އައްދެ! އަހަރެންތަ ކަމެއް ކުރީ؟" ހިތްހަމަނުޖެހިފައި އާމިރާ ބުންޏެވެ. "އަހަރެންތަ ޒިޔާނަށް ފޯނެއް ގަނެދިނީ؟ އަހަރެންތަ ޒިޔާން ލައްވާ އަހަންނަށް ގުޅުވީ؟ ހަމަ ކޮންމެ ފަހަރަކު ވެސް ތިހެނޭ ތި ހަދަނީ. ހުރިހާ ކަމެއް އަހަރެންގެ ބޮލަށް."

"ޒިޔާން ފޯނުކުރީ އޭނަގެ މަންމަ ހަނދާންވެގެން މަންމަޔާ ވާހަކަދައްކާށޭ. ކޯޓުގަ މައްސަލަ ތަހުގީގުކުރާކަށް ނޫނޭ،" ފައިސަލް ރައްދުދިނެވެ. "އަބަދު ވެސް އުޅޭނީ ބަދަލުހިފަން. ކޮން ކަމެއް ނުވެގެން ކޯޗެއް ނުލިބިގެންތަ އާމިރާ ތި އުޅެނީ؟"

"ބަލިގަނޑުހިލުނީ،" ޗޮކެއްކަނޑައިފައި އާމިރާ ބުންޏެވެ. "މީހުން ހީކުރަނީ ފައިސަލާ އަހަރެން އިނީ ލާރިޔާ ހެދިޔޭ! ފައިސަލް ވެސް އެހެންތަ ހީކުރަނީ؟ އަޑުއަހާ! އަހަރެން ބޭނުންވީ އަހަރެން ދެކެ ލޯބިވާނެ، އަހަންނަށް ކެއާކުރާނެ މީހެއް. ތީ އެ ކަހަލަ މީހެއް ނޫން. ތި ކަހަލަ މީހެއް ކައިރީގަ ޒިޔާން ބަހައްޓައިފިއްޔާ ހަމަ ތި ކަހަލަ މީހަކަށް އޭނަ ވެސް ވާނީ. ޒިޔާން ގޮވައިގެން އަހަރެން ދާނީ. މި ދަނީ ބަލާ!"

"އޭނ؟ މި ދަނީ ބަލައޭ؟" ހައިރާންވެފައި ފައިސަލް ބުންޏެވެ. "އޭނަ ގެންދަން ހިތަށް ވެސް ނާރުވާތި! ދެވަނަ ފަހަރަށް މި ބުނަނީ. ހިތަށް ވެސް ނާރުވާތި!"

އާމިރާއަށް ޒުވާބުކުރެވިދާނެއެވެ. ފައިސަލް ވެސް ރައްދުދޭނެއެވެ. ފަހަކަށް އައިސް ދެމަފިރިން އެ ނޫން ކަމެއް ނުކުރެއެވެ. އާމިރާ ވަރުބަލިވެއްޖެއެވެ. ޒިޔާން ދޭށޭ އާމިރާ ބުނީ ފައިސަލް ކުރާ ހަރަދު ޒިޔާނަށް ކުރެވޭނެތީއެއް ވެސް ނޫނެވެ.

"އަހަންނަށް އެނގޭ ޒިޔާން ނުދޭނެކަން،" ފޫހިވެފައި އާމިރާ ބުންޏެވެ. "ފައިސަލް ތި ގެންގުޅޭ ފެންވަރުގަ އަހަންނަކަށް އޭނަ ނުވެސް ގެންގުޅެވޭނެ. އެކަމަކު ދެން ޒިޔާން ލައްވާ އަހަންނަށް ނުގުޅާތި! ޒިޔާންގެ އަޑުއިވިފަ އޭނަޔާ ދުރުގަހުންނަން ވަރަށް އުނދަގޫ. ހީކޮށްލާ އަހަރެން މީ ނެތް މީހެކޭ."

"އާމިރާ!" ފައިސަލް އެހެން ބުނި އިރު އާމިރާ ފޯނުކަނޑައިލައިފިއެވެ.

ފައިސަލް އަލުން ގުޅުމުން އަންނަނީ މެސެޖެކެވެ. އެ މެސެޖުގައި ބުނަނީ ފޯނު ނިއްވައިލައިފައި ކަމުގައެވެ. ފައިސަލް ވިސްނައިލިއެވެ. ހިތަށްއެރިއެވެ. އެއީ ކޮން ކަހަލަ ހިތެއް އޮތް މަންމައެއް ހެއްޔެވެ؟ ދަރިޔަކު ރޮއިރޮއި ހުއްޓައި އެ ގޮތަށް އަތްފޮޅައިލައިފައި ދާން ކެރޭހެއްޔެވެ؟ އާމިރާ އަމިއްލައަށް ވަރިފޯމު ލާންއުޅޭކަން ނަސީބެކެވެ. އެހެން ނޫން ނަމަ ފައިސަލް އެ ކަން ކުރީހެވެ.

އެ ދުވަހު ފައިސަލް ދެން އޮފީހަކަށް ނުދެއެވެ. ފިހާރަޔަކަށް ވެސް ނުދެއެވެ. މުޅި ދުވަސް ހޭދަވީ ޒިޔާނަށް ވިސްނައިދޭން މަސައްކަތްކުރުމުގައެވެ. ޒިޔާނަށް ހީވަނީ ޒިޔާން ދެކެ މަންމަ ލޯބިނުވަނީހެންނެވެ. ހަގީގަތުގައި އެއީ ފައިސަލަށް ލިބުނު ރަނގަޅު ދަނޑިވަޅެކެވެ. އާމިރާޔާ ދެކޮޅަށް ޒިޔާންގެ ހިތަށް ވިހަލެވުނީހެވެ. އާމިރާ މަތިން ހައްތަހާ ބޮޑަށް ފޫހިކުރުވުނީހެވެ. ފައިސަލް އެހެނެއް ނަހަދައެވެ. އާމިރާއަށް ޓަކައި އެކަންޏެއް ނޫނެވެ. ޒިޔާން އިތުރަށް ދެރަކުރަން ބޭނުން ނުވީއެވެ.

މަންމަޔާ ނުލައި ފުރަތަމަ ރޭ ހޭދަކުރުން ޒިޔާނަށް ވަރަށް އުނދަގޫވިއެވެ. ޒިޔާން އުޅުނީ މަންމަ ދިޔަ ސަބަބު ވެސް ގަބޫލުކުރަން އުނދަގޫވެގެންނެވެ. ހިތަށް ވިސްނައިދޭން ޒިޔާން މަސައްކަތްކުރީ މަންމަ އަންނާނެކަމުގައެވެ. ހެނދުނު ހޭލާ އިރު މަންމަ ހުންނާނެކަމުގައެވެ. އެހެން ނުވާނެކަން ފައިސަލަށް ކަށަވަރެވެ. އެކަމަކު ޒިޔާންގެ އުންމީދުގެ ހުޅުކޮޅު ނިވައިލަން ފުމެލާނެ ހިތްވަރެއް ފައިސަލަކަށް ނުލިބުނެވެ. ޒިޔާން ނިދީ ހެނދުނު ޒިޔާނަށް ގޮވާނީ މަންމަ ކަމުގައި ހީކޮށްލައިގެންނެވެ.

"ދެން ވިސްނާލާ ހެނދުނު ޒިޔާން ހޭލާ އިރު އޭނަގެ މަންމަ ނެތީމަ ވާނެ ގޮތް،" ފޯނުން ސިރާޖާ ވާހަކަދައްކަމުން ފައިސަލް ބުންޏެވެ. "އަންހެނަކަށް ހެޔޮނުވާނެ ރަނގަޅަށް ކަމެއް ކޮށްދޭން. ސިރާޖު ވިސްނާލަބަލަ އޭނަޔަށްޓަކާ އަހަރެން އުޅުނު ހާލު."

"ވަރަށް ހާލުގަ އުޅުނީ،" ސިރާޖު ބުނި އަޑުއިވުނެވެ. "އަނގައިން ބުނެލާނެ ޓައިމެއް ނުވޭ! އޭނަ ގޮވައިގެން ތާކަށް ޖައްސައެއް ނުލެވޭ! ސައުވީސް ގަޑިއިރު އޮފީހުގަ ނޫނީ ފިހާރައިގަ."

"އޭ މަޑުކޮށްބަލަ! ތީ އަހަރެންގެ ފްރެންޑެއްތަ ނޫނީ އާމިރާގެ ފްރެންޑެއްތަ؟" ފައިސަލް އެހިއެވެ. "އަހަންނަށް މިހާރު އޮޅިއްޖޭ! އަނބިދަރިންނަށްޓަކާ އެއްވެސް ރެސްޓެއް ނެތި އަހަރެން ތެޅިތެޅި ހުއްޓާ ދަރި ބޮލަށް ޖަހާފަ އޭނަ އެ ކަނޑާލީ."

"މަ ނަމަ ވެސް ހަދާނީ ހަމަ އެހެން،" ސިރާޖު ދެން ވެސް ތާއީދުކުރީ އާމިރާއަށެވެ. "އަހަރެން ކިހާ ދުވަހެއް ވެއްޖެ ކިޔާތާ، ވައިފަށް ޓައިމްކޮޅެއް ދީބަލާށޭ! ޗުއްޓީއެއް ނަގާބަލާށޭ! އާމިރާ ވާ ރަނގަޅު. އަހަރެން އަސްލު ހީކުރީ އޭނަ މީހަކާ ހިތާވާނީކަމަށް. އެހެނެއް ނަހަދާތާ!"

ފައިސަލް ފޯނުކަނޑައިލިއެވެ. ސިރާޖު ގާތަށް ރުޅިއެއްނާދެއެވެ. އެކަމަކު އަލުން ގުޅަން އުޅެފައި ވިސްނުން ބަދަލުކުރިއެވެ. ސިރާޖު ބޭނުންވީ ކުރެވުނު ކުށް ގަބޫލުކުރަން ފައިސަލަށް ވަގުުތުދޭށެވެ. ފައިސަލް ސޯފާގައި ވިސްނަން އިނެވެ. ހިތަށްއެރިއެވެ. ސިރާޖު އެ ބުނީ ތެދެކެވެ. އާމިރާއަށް ގުޅައިފައި މާފަށްއެދެންވީއެވެ. އެހެނަސް، ފޯނުގެ ހަތް ނަންބަރަށް ފިތައިލަން ބޭނުންވާ ހަކަތައެއް ފައިސަލްގެ އިނގިލިތަކަކު ނެތެވެ. އެހައި އަވަހަށް މާފަށްއެދުން ފައިސަލަށް ގަބޫލުކުރެވުނީ ހުތުރު އަދި ފިނޑިކަމެއް ގޮތުގައެވެ. އެ ދަރަޖައަކަށް ފައިސަލް ނުވެއްޓޭނެއެވެ. ހިތަށްއެރިއެވެ. ފިރިހެނެއް ވިއްޔާ ގޮތެއް ހުންނަންޖެހޭނެއެވެ.

ހެނދުނު ހޭލައިފައި ޒިޔާން ފުންމައިގެން ތެދުވިއެވެ. ދުވެފައި އައިސް ފައިސަލްގެ ކޮޓަރިއަށް ވަނެވެ. އޭރު ފައިސަލް ހޭލައިގެން، ކޮޓަރިން ނުކުމެގެން ޒިޔާންގެ ކޮޓަރިއާ ދިމާއަށް އާދެއެވެ. ޒިޔާން ދުވެފައި ގޮސް ފައިސަލްގެ ކޮޓަރިއަށް ވަނެވެ. އެ މަންޒަރު ބަލަން ފައިސަލަށް ވަރަށް އުނދަގޫވިއެވެ. ހުރިހައި ރުޅިއެއްއައީ އާމިރާ ދެކެއެވެ. އެ ދުވަސް ދެކެން ޒިޔާނަށް މަޖުބޫރުކުރުވީމައެވެ. ދޮރުމަތީގައި ޒިޔާން ގަބުވެފައި ހުއްޓައި ފައިސަލް އައިސް ޒިޔާންގެ ކޮނޑުގައި ފިރުމައިލިއެވެ.

"މަންމަ ނާދޭ ދޯ؟" ޒިޔާން ސުވާލުކުރިއެވެ.

ފައިސަލަށް ދޮގުހެދުނީހެވެ. ކިތަންމެ ގޮތަކަށް ޖަވާބުދެވުނީހެވެ. ބަދަލުގައި ފައިސަލް ބުނީ ތެދަށެވެ.

"އާނ ދަރިފުޅާ! މަންމައެއް ނާދޭ! އަންނާނެކަމަށް އުންމީދުކުރާނެކަމެއް ވެސް،" ހިންދިރުވައިލައިފައި ފައިސަލް ބުންޏެވެ. "ޑެޑީ ކޮންމެހެން ބޭނުމެއް ނޫން ދަރިފުޅަށް ދޮގުހަދާކަށް. މަންމަ ދިޔައީ ދަރިފުޅު ދެކެ ރުޅިއައިސްގެނެއް ނޫން. ޑެޑީ ދެކެ ރުޅިއައިސްގެން."

"ކީއްވެ ޒިޔާން ނުލާ ދިޔައީ؟" ޒިޔާން އެހިއެވެ.

އެ ސުވާލަށް ވެސް ފައިސަލް ބޭނުންވީ ތެދަށް ޖަވާބުދޭށެވެ.

"ތިއެއް ޑެޑީއަކަށް ނޭނގެ،" ތިރިވެފައި ޒިޔާނާ ހަތަރުކަޅި ހަމަކުރަމުން ފައިސަލް ބުންޏެވެ. "މަންމަ ބުނި ދަރިފުޅު ގެންދަން ބޭނުމޭ! މި އަންނަނީއޭ ބަލާ! ޑެޑީ ބުނިން ނޫނެކޭ، ޒިޔާނެއް ނުދޭނަމޭ! ޒިޔާން ހިތަށްއަރާފާނެ، ޑެޑީއަކީ ދަރިފުޅާ އެއްކޮށް ޓައިމް ސްޕެންޑްކުރާ މީހެއް ވެސް ނޫނޭ! ދެން ޒިޔާން ގެންގޮސް މަންމަޔާ ހަވާލުކުރީމަ ނިމުނީނޫންހޭ! ވަރަށް ބޮޑެތި ވާހަކަ މި ދެކެވެނީ. ދަރިފުޅަކަށް އަދި ހިޔެއްނުވޭ ވިސްނޭނެ.."

"ޒިޔާނަށް އެނގޭ ޒިޔާން ދެކެ ޑެޑީ ކިހާ ލޯބިވާކަން." ފައިސަލްއާ ހަތަރުކަޅި ހަމަކޮށްލަމުން ޒިޔާން ބުންޏެވެ.

ފައިސަލް ވަގުތުން ފެންކަޅިވިއެވެ. ހިނިތުންވެލިއެވެ. ޒިޔާނަށް އެ ވަރު އެއްޗެއް ވިސްނިދާނެކަމަކަށް ފައިސަލަކަށް ގަބޫލެއް ނުކުރެވެއެވެ.

"ތީ ކާކު ބުނި ވާހަކައެއް؟" ފައިސަލް އެހިއެވެ.

"މަންމަ!" ޒިޔާން ބުންޏެވެ.

އޮފީހުގައި އިން އިރު ވެސް ފައިސަލް އެ ލަފުޒު ހަނދާނެއް ނުނެތެއެވެ. ހިތަށްއެރިއެވެ. ފައިސަލް ދެކެ އާމިރާ ކިތަންމެ ރުޅިއަޔަސް، ފޫހިވިޔަސް، މަންމައެއްގެ ވާޖިބު އަދާކޮށްފައިވާލެއް ހާދަ ފުރިހަމައެވެ. ކުރިން ފައިސަލަށް އެ ކަން ނުވިސްނުނީ ކީއްވެގެން ހެއްޔެވެ؟ އެ ވަގުތު ސީމާގެ ކޯލެއް އައެވެ. ފައިސަލްގެ ހިތް ނިކަން ބާރަށް ތެޅިގަތެވެ.

"ހަލޯ!" ފައިސަލް ބުންޏެވެ.

"ޒިޔާން ބަލާ ސްކޫލަށް އައިއިރު ޒިޔާނެއް ނެތް!" ހާސްވެފައި ސީމާ ބުންޏެވެ. "ގެޔަކު ވެސް ނެތް."

ނުނިމޭ