13 މެއި 2023 - 14:06

މެންޗެސްޓާ (މެއި 13) - ކްލަބް ވިއްކާލުމުގެ ކަންކަން ވަކި ގޮތަކަށް ނުނިމުނަސް، ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި "ކޮލިޓީ ކުޅުންތެރިން" މެންޗެސްޓާ ޔުނައިޓެޑަށް ގެނެވޭނެ ކަމަށް އެ ކްލަބުގެ ކޯޗު އެރިކް ޓެން ހަގް ބުނެފި އެވެ.
މިދިޔަ ސީޒަނަށް ފަހު ޔުނައިޓެޑާ ހަވާލުވެ ކުޅުންތެރިން ގެންނަން ކުރި މަސައްކަތުގައި ޓެން ހަގް ބުނީ ބައެއް ކުޅުންތެރިންގެ ސޮއި ހޯދަން ޔުނައިޓެޑަށް އުނދަގޫ ކަމަށެވެ. އެކަމަކު ޔުނައިޓެޑްގެ ހާލަތު މަޑުމަޑުން ބަދަލުވަމުން އަންނާތީ މިހާރު ކުޅުންތެރިން އެ ކްލަބާ ގުޅެން އެއްބަސް ކުރުވޭނެ ކަމަށް ޓެން ހާގް ބުނެފައި ވެއެވެ.
"އަހަރެންނަށް ފެނޭ މިދިޔަ އަހަރާ އަޅާ ބަލާއިރު ބޮޑު ތަފާތެއް. މިހާރު ގިނަ ކުޅުންތެރިންނަށް މި ޕްރޮޖެކްޓް ފެންނަން އެބައޮތް. ޓީމުގެ އަމާޒަށް ކުރިއަށްދާކަން އެބަ އެނގޭ،" ޔުނައިޓެޑަށް އާ ކުޅުންތެރިން ގެނައުމާއި ގުޅޭގޮތުން ސުވާލުކުރުމުން ޓެން ހަގް ބުންޏެވެ.
ޓެން ހަގްގެ ފުރަތަމަ ސީޒަނުގައި ޔުނައިޓެޑުން ވަނީ މަޝްހޫރު ކުޅުންތެރިންގެ ސޮއި ހޯދާފަ އެވެ. އެންމެ ފާހަގަކޮށްލެވުނީ ރެއާލް މެޑްރިޑްގައި މޮޅު ކުޅުމެއް ދައްކަމުން އައި ބްރެޒިލްގެ ކަސެމީރޯ 70 މިލިއަން ޕައުންޑަށް އެޓީމަށް ގެނައުމެވެ. ކަސެމީރޯގެ އިތުރުން ޔުނައިޓެޑުން މި ސީޒަނުގައި ގެނައި ކުޅުންތެރިންނަކީ ކްރިސްޓިއަން އެރިކްސެން އާއި އަޔަކްސް އިން ގެނައި އެންތަނީ އާއި ލިސަންޑްރޯ މާޓިނޭޒްގެ އިތުރުން ޓީރެލް މަލަސިއާ އެވެ.
މިދިޔަ ޖެނުއަރީ މަހު ނެދަލެންޑްސްގެ ފޯވާޑް ކޯޑީ ގަކްޕޯ ލިވަޕޫލުން ގެންދިޔައީ ޔުނައިޓެޑުން ފާރަލަމުން ދަނިކޮށެވެ. ގަކްޕޯގެ ސޮއި ޔުނައިޓެޑަށް ނުލިބުމުން އެޓީމަށް ފާޑުކިޔުން އަމާޒުވި އެވެ.
"މިދިޔަ އަހަރު ޔުނައިޓެޑުން ބައެއް ކުޅުންތެރިން ގެންނަން އުޅުނުއިރު ގެންނަން އުނދަގޫވި ބައިވަރު ކަންކަން ދިމާވި. އެކަމަކު މިއަހަރު ކޮލިޓީ ބައިވަރު ކުޅުންތެރިން ޔުނައިޓެޑާ ގުޅެން ބޭނުންވޭ،" އޭނާގެ ކޯޗުކަމުގައި ޔުނައިޓެޑްގެ ޕްރޮޖެކްޓް ކާމިޔާބުވަމުން އަންނަކަން ފާހަގަކުރަމުން ޓެން ހާގް ބުންޏެވެ.
ޔުނައިޓެޑްގެ ވެރިންގެ ގޮތުގައި ތިބި ގްލޭޒާ އާއިލާއިން މިހާރު އަންނަނީ އެ ކްލަބް ވިއްކާލުމުގެ މަސައްކަތް ކުރަމުންނެވެ. ޔުނައިޓެޑް ގަންނަން ކުރި ބިޑްތަކުގެ ތެރެއިން އެންމެ ކުރީގައި އުޅެނީ ދެ ބިޑެކެވެ. އެއީ ގަތަރުގެ ބޭންކް، ކިއުއައިބީގެ ޗެއާމަން، ޝެހިހް ޖަސީމް ހަމަދު އަލް ތާނީ ކުރި ބިޑާއި އިނގިރޭސި ބިލިއަނަރު ޖިމް ރެޓްކްލިފް ކުރި ބިޑެވެ. އެކަމަކު ޔުނައިޓެޑް ވިއްކާލާނީ ކޮން ބަޔަކަށް ކަމެއް އަދި ހާމަކޮށްފައެއްނުވެ އެވެ.
ސީޒަނުގެ ފަހު މެޗުތަކަށް ނުކުންނައިރު ޔުނައިޓެޑް މަސައްކަތްކުރަމުން އަންނަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދައި އިނގިރޭސި އެފްއޭ ކަޕް ކާމިޔާބު ކުރުމަށެވެ. އެޓީމުން ވަނީ ތައްޓެއް ނުލިބި ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު މި ސީޒަނުގެ އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްފަ އެވެ.
ލީގުގައި ގަދަ ހަތަރެއްގެ އަމިއްލަ ބާރު އޮތަސް ފަހަކަށް އައިސް އޮތީ ފޯމު ދަށްވެފަ އެވެ. އިނގިރޭސި އެފްއޭ ކަޕް ފައިނަލުގައި އަންނަ މަހުގެ ތިން ވަނަ ދުވަހު ޔުނައިޓެޑް ނުކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑް މިރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ. މެޗު ފަށާނީ މިރޭ 7 ޖަހާއިރު އެވެ.