13 މެއި 2023 - 14:01

ސްކޭޓް މޯލްޑިވްސްގެ ޑިވަލޮޕްމަންޓް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
އެ ޕާޓްނާޝިޕަކީ އަންނަ އަހަރުގެ ނިޔަލަށް ގާއިމު ކުރި ޕާޓްނާޝިޕެކެވެ.
ދިރާގުން ބުނިގޮތުގައި އެ ޕާޓްނާޝިޕްގެ ދަށުން އެ ކުންފުނިން ސްކޭޓް މޯލްޑިވްސްއަށް ގައުމީ އަދި ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވި ގޮތުގައި އެ ޕާޓްނާޝިޕްގެ މަގުސަދަކީ ރޯލާ ސްކޭޓިން ކުޅިވަރު ކުރިއެރުވުމަށް އެއްބާރުލުން ދީ އަދި އެ ކުޅިވަރު ކުޅޭނެ މޮޅެތި އެތުލީޓުންތަކެއް ބިނާކޮށް އަދި ގައުމީ ފެންވަރުގައި ފާހަގަ ކުރެވޭނެ ބަޔަކު އުފައްދަން އެއްބާރުލުން ދިނުމެވެ. އަދި ދިރާގަކީ ކުޅިވަރު ޕްރޮމޯޓުކޮށް ޒުވާނުންނަށް ކުޅިވަރުގެ އެކި ދާއިރާތަކުން ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރާ ކުންފުންޏެއް ކަމަށް ވިދާޅުވި އެވެ.
ސްކޭޓް މޯލްޑިވްސްގެ ރައީސް، މުހައްމަދު ހާނިމް ވިދާޅުވީ އުއްމީދަކީ އެ ޕާޓްނާޝިޕުގެ ދަށުން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރުމަށް ގިނަ ސްކޭޓަރުންތަކެއް ތަމްރީނުކޮށް ބިނާކުރުން ކަމަށެވެ.
މިހާރު ކުރިއަށްދާ އެ އެސޯސިއޭޝަންގެ ދެވަނަ އިންޓަނޭޝަނަލް ރޯލާ ސްކޭޓިން ޗެމްޕިއަންޝިޕަކީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ސްކޭޓަރުން ވެސް ބައިވެރިވި މުބާރާތެކެވެ.
ސްކޭޓް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ސްކޭޓިންއާ ބެހޭ ގައުމީ މުއައްސަސާއެވެ.