އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދޭ ހަމަލާތައް ރާއްޖޭން ކުށްވެރިކޮށްފި
އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދޭ ހަމަލާތައް ރާއްޖޭން ކުށްވެރިކޮށްފި

ފަލަސްތީނުގެ ގާޒާ އަށް، އިޒްރޭލްގެ ސިފައިން މިހާރު ދެމުންދާ ހަމަލާތައް ރާއްޖޭން ކުށްވެރިކޮށްފި އެވެ.

މި ހަފުތާ ކުރީކޮޅުން ފެށިގެން، އިޒްރޭލްގެ ސިފައިން ދަނީ ގާޒާ އަށް ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގައި މިހާތަނަށް 31 މީހުން ވަނީ މަރާލައިފަ އެވެ. އިޒްރޭލްގެ އަމަލުތައް ކުށްވެރިކޮށް ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ބުނީ އިޒްރޭލްގެ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު އަމަލުތަކެއް ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ އިޒްރޭލްގެ އަމަލުތަކުގެ ސަބަބުން، އެ ސަރަހައްދުގައި ސުލްހަ އާއި ހަމަޖެހުން ގާއިމްކުރުމަށް ކުރާ މަސައްކަތަށް ބުރޫ އަރާ ކަމަށެވެ.

"މިނިވަން ދައުލަތެއް ގާއިމު ކުރުމަށް ފަލަސްތީނުން ކުރަމުންދާ މަސައްކަތައް އެއްބާރުލުން ދިނުމުގައި ރާއްޖޭން ސާބިތު ކަމާއެކު ދެމި އޮންނާނެ. އަދި އެކަމުގައި ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން ކުރަން ޖެހޭ މަސައްކަތް ކުރުމުގައި ވެސް ރާއްޖޭން އިސް ރޯލެއް އަދާ ކުރާނަން،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށް ކަމަށް ކަނޑައަޅައި 1967 ގެ ކުރިން އޮތް ގޮތަށް ސަރަހައްދީ ބޯޑަރު ކަނޑައަޅައި، ފަލަސްތީނަށް މިނިވަން ދައުލަތެއް ގާއިމް ކުރުމުގެ ފުރުސަތު ދޭން ވެސް ރާއްޖޭން ވަނީ އެ ބަޔާނުގައި ގޮވާލާފަ އެވެ.