އެމްޓީސީސީން ހިއްސާގެ ފައިދާގެ ގޮތުގައި 32 މިލިއަން ރުފިޔާ ބަހަނީ
އެމްޓީސީސީން ހިއްސާގެ ފައިދާގެ ގޮތުގައި 32 މިލިއަން ރުފިޔާ ބަހަނީ

އެމްޓީސީސީގެ ހިއްސާގެ ފައިދާގެ ގޮތުގައި 32.15 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.

މިއީ އެ ކުންފުނީގެ 42 އަހަރުގެ ދިގު ތާރީހުގައި ވެސް ހިއްސާދާރުންނަށް މިހާ ބޮޑު އަދަދެއް ބެހުމަށް ހުށަހަޅާ ފުރަތަމަ ފަހަރެވެ.

އެމްޓީސީސީން 2022 ވަނަ އަހަރުގެ މާލީ ހިސާބުތައް އާންމުކޮށް ނެރުނު ބަޔާނުގައި ބުނީ 2022 ވަނަ އަހަރު ޖުމްލަ 2.47 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން 324.16 މިލިއަން ރުފިޔާ ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވާ ކަމަށެވެ. އޭގެ ކުރީ އަހަރުގައި 1.97 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން ފައިދާއަށް ލިބުނީ 319.25 މިލިއަން ރުފިޔާ އެވެ.

"މި މާލީ ނަތީޖާއާ އެކު 2022 ވަނަ އަހަރަކީ ކުންފުނީގެ ތާރީހުގައި ރިކޯޑްކުރެވިފައިވާ އެންމެ ބޮޑު އާމްދަނީ އަދި ހިންގުމުގެ ފައިދާ ހާސިލުކުރެވުނު އަހަރުކަން ފަހުރުވެރިކަމާ އެކު ފާހަގަކުރަމެވެ،" އެމްޓީސީސީގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އަދި ހާއްސަކޮށް ތެލުގެ އަގު އުފުލުމުގެ ސަބަބުންނާއި ބޭރު ފައިސާ ހޯދުމަށް ކުރަންޖެހުނު ހަރަދުތައް އިތުރުވި ކަމަށެވެ. އެހެންވެ، 2022 ގައި ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ 2021 އާ އަޅާބަލާއިރު 2022 ގައި 15 ޕަސެންޓް ދަށްވި ކަމަށް ބަޔާނުގައިވެ އެވެ.

އެކަމަކު 2022 ގައި ހާސިލުވި މާލީ ނަތީޖާއާ އެކު 5 ރުފިޔާގެ ހިއްސާއަކަށް 4 ރުފިޔާގެ މަގުން ޖުމްލަ ހިއްސާގެ ގޮތުގައި 32.15 މިލިއަން ރުފިޔާ ބެހުމަށް ނިންމާފައިވާ ކަމަށް ބުންޏެވެ.

އެމްޓީސީސީން ބުނި ގޮތުގައި މިދިޔަ އަހަރަކީ ކުންފުނީގެ ތާރީހުގައި އިޖުތިމާއީ ޒިންމާގެ ދަށުން މުޖުތަމައުގެ ލާބައަށް އެންމެ ބޮޑަށް އެހީ ފޯރުކޮށްދެވުނު އަހަރެވެ. އެ ކުންފުނިން މަޝްރޫއު ހިންގާ ރަށްތަކުގައި އިޖުތިމާއީ ޒިންމާގެ ދަށުން 420 ހަރަކާތެއް ހިންގައި ޖުމްލަ 43.23 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް އެ ކުންފުނީގެ ބަޔާނުގައިވެ އެވެ.

"މާލެ ސަރަހައްދުގައި ރައްޔިތުން ޕިކްނިކް ދިއުމަށް ތަރައްގީކުރެވުނު، ކ. ކުޑަގިރިއަށް ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހަރަދުކުރެވުނު ޖުމްލަ 13 މިލިއަން ރުފިޔާއަކީ ވެސް ކުންފުނީގެ ތާރީހުގައި އިޖުތިމާއީ ޒިންމާގެ ދަށުން އެއް މަޝްރޫއަކަށް ހޭދަކުރެވުނު އެންމެ ބޮޑު އަދަދުކަން ވެސް ފާހަގަކުރަން،" އެ ބަޔާނުގައިވެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ވަނީ ކާމިޔާބުކަމާ އެކު ނިންމާލައިފަ އެވެ. އަދި މިދިޔަ އަހަރު މުޅިން އަލަށް 65 މަޝްރޫއަކާ ހަވާލުވެ، 42 މަޝްރޫއުއެއްގެ މަސައްކަތް ނިންމާފައިވާ ކަމަށް ވެސް ބުނެ އެވެ.

މިދިޔަ އަހަރު ދަތުރުފަތުރު ކުރުމުގެ ނިޒާމަށް އިތުރު ލުއިތަކެއް ހޯދައިދިނުމުގެ ގޮތުން ރާއްޖޭގެ ރަށްތައް ފެރީގެ ނިޒާމަކުން އެއް ވިއުގައަކުން ގުޅުވާލުމަށް ސަރުކާރުންވި ވައުދުގެ ދަށުން ޒޯނު އެކެއްގައި ހިދުމަތް ވަނީ ފަށައިފަ އެވެ. އަދި ބަހުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން މާލޭގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުގައި ބަހުގެ ހިދުމަތް ފެށުނު ކަމަށް އެ ކުންފުނިން ބުންޏެވެ.