ފޯމުގައި ހުރި ކޮންޓާ ބަލިކޮށް ސެރީނާ ސެމީ އަށް
ފޯމުގައި ހުރި ކޮންޓާ ބަލިކޮށް ސެރީނާ ސެމީ އަށް

މެލްބަން (ޖެނުއަރީ 25) - ރަނގަޅު ފޯމެއްގައި ހުރި އިންގްލެންޑުގެ ޖޮއާނާ ކޮންޓާ ބަލިކުރުމަށް ފަހު އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ސެމީ ފައިނަލުން ސެރީނާ ވިލިއަމްސް ޖާގަ ހޯދައިފި އެވެ.

އިއްޔެގެ މެޗު ކުރިން އެންމެ ފަހުން ކުޅުނު ނުވަ މެޗުގައި ކޮންޓާ އަތުން އެންމެ ސެޓެއް ވެސް ގެއްލިފައިނުވެ އެވެ. އެހެން ނަމަވެސް ސެރީނާ ވަނީ ކޮންޓާ ހުއްޓުވުމުގައި ކާމިޔާބު ހޯދައިފަ އެވެ. ސެރީނާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. އޭނާ ސެޓުތައް ގެންދިޔައީ 6-2 6-3 އިންނެވެ.

"ކޮންޓާއާ ދެކޮޅަށް ނުކުތީ ފައިނަލެއް ގޮތަށް ތައްޔާރުވެގެން. އެއީ ކޮންޓާ ހުރި ފޯމުގައި އޭނާ ބަލިކުރަން ފަސޭހަ ނުވާނެތީ. މިއީ އަހަރެންގެ ކޮންފިޑެންސަށް ވަރަށް މުހިއްމު މޮޅެއް. އެކަމަކު އަދި އަސްލު މަސައްކަތް ކުރިއަށް އޮތީ. ދެން އޮތީ ވެސް އުނދަގޫ ދެ މެޗު،" އުމުރުން 35 އަހަރުގެ ސެރީނާ ބުންޏެވެ.

ސެރީނާ މި މުބާރާތް ކާމިޔާބު ކޮށްފިނަމަ ރޭންކިން އެއް ވަަނަ އަށް އަލުން އެރުމުގެ ފުރުސަތު އޭނާ އަށް އެބައޮތެވެ. ސެމީ ފައިނަލުގައި ސެރީނާ ނުކުންނާނީ ކްރޮއޭޝިއާގެ މިރްއާނާ ލުސިޗް-ބަރޯނީއާ ދެކޮޅަށެވެ. އަނެއް ސެމީގައި ވީނަސް ވިލިއަމްސް ބައްދަލުކުރާނީ ކޮކޯ ވެންޑަވީގޭއާ އެވެ.

ލުސިޗް-ބަރޯނީ މި މުބާރާތުގެ ސެމީ ފައިނަލުން އެންމެ ފަހުން ޖާގަ ހޯދީ މީގެ 18 އަހަރު ކުރިންނެވެ. އޭނާ ދުނިޔޭގެ ރޭންކިންގެ 79 ވަނައިގައި މި ވަގުތު އޮތްއިރު، ކުއާޓާގައި ވަނީ ދުނިޔޭގެ ފަސް ވަނައިގައި އޮތް ޗެކް ރިޕަބްލިކްގެ ކެރޮލީނާ ޕިސްކޯވާ ބަލިކޮށްފަ އެވެ.

ފިރިހެން ސިންގަލްސް ސެމީ ފައިނަލުން މިހާތަނަށް ޖާގަ ހޯދާފައިވަނީ ކުރީގެ އެއް ވަނަ ކުޅުންތެރިޔާ ރޮޖާ ފެޑެރާ އާއި ސްވިޒަލެންޑުގެ ސްޓެން ވަވަރިންކާ އެވެ.