12 މެއި 2023 - 13:57

ޕީޓާސްބާގް (މެއި 12) - ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންގެ މައިންބަފައިންގެ މަހާނަ އަށް ގަދަރުކުޑަ ކުރި މީހަކަށް ދެ އަހަރުގެ އަދަބެއް ދީފި އެވެ.

އުމުރުން 60 އަހަރުގެ އިރީނާ ޓްސިބަނޭވާ ވަނީ ޕީޓާސްބާގްގައި ފަސްދާނުލާފައިވާ ޕުޓިންގެ މައިންބަފައިންގެ މަހާނައިގައި ނޯޓެއް ތައްކޮށް، ޕުޓިން އަށް ވެސް ފާޑު ކިޔައިފަ އެވެ.
އެ ނޯޓުގައި ވަނީ ޕުޓިންގެ މައިންބަފައިންނަކީ "މޮޔައެއްގެ މައިންބަފައިން" ކަމަށް ސިފަކޮށްފަ އެވެ.
"މޮޔައެއްގެ މައިންބަފައިންނޭ، ކަލޭމެން ތި ތިބަ ތަނަށް ކަލޭމެންގެ ދަރިފުޅު ވެސް ގެންދޭ. އެހާ ގިނަ ވޭނާއި ދުއްތުރާތައް އޭނާ އުފައްދާ. އޭނާގެ މަރަށް އެދި މުޅި ދުނިޔެ ދުއާ ކުރޭ،" ޕުޓިންގެ މައިންބަފައިންގެ މަހާނައިގައި ޓްސިބަނޭވާ ތައްކުރި ނޯޓްގައި ލިޔެފައި ވެ އެވެ.
"ޕުޓިން އަށް މަރު. ކަލޭމެން ބޮޑު ކުރީ އިންސާނެއް ނޫން. އެއީ ގާތިލެއް."
ކޯޓުން ޓްސިބަނޭވާ މައްޗަށް އިއްވީ ދެ އަހަރުގެ ޖަލު ހުކުމެކެވެ. އެކަމަކު، އޭނާ އަށް އެންގީ ޖަލު ހުކުމް ތަންފީޒު ކުރަން ނުޖެހޭނެ ކަމަށާއި އޭގެ ބަދަލުގައި އިޖުތިމާއީ މަސައްކަތް ވަކި މުއްދަތެއް ވަންދެން ކުރުމަށެވެ.
ހުކުމްގައިވާ ގޮތުން، ގަބުރުއްސްތާނު ފަދަ ހުރުމަތްތެރި ތަންތަނަށް އެ މީހާ ގަދަރު ކުޑަކޮށްފައިވާކަން ސާބިތުވެ އެވެ.
ދިފާއުގައި އޭނާގެ ވަކީލު ބުނީ، ހުރުމަތްތެރި ތަންތަނަށް ޓްސިބަނޭވާ ގަދަރު ކުޑަ ނުކުރާ ކަމަށެވެ. ޕުޓިންގެ މައިންބަފައިންނަށް ވެސް ޓްސިބަނޭވާ ބޭއިހުތިރާމް ނުކުރާ ކަމަށާއި ނަމަވެސް އޭނާގެ ފާޑު ކިޔުން ރައްދުވަނީ ޕުޓިން އަށް ކަމަށް ވަކީލު ބުންޏެވެ.
މިދިޔަ އަހަރު ފެބްރުއަރީ މަހު ރަޝިއާ އިން އިސްވެ ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމުން ރަޝިއާގެ ބައެއް އާންމުންގެ ނުރުހުން ޕުޓިން އަށް އަމާޒުވާ ވަރު މިހާރު ގިނަ އެވެ.