25 ޖެނުއަރީ 2017 - 11:48

ހަތް ދިހަ ހަތަރު ވަނަ ގޯލްޑެން ގްލޯބް އެވޯޑްސްގައި ހަތް އެވޯޑް ހޯދައި، ގިނަ ބަޔަކު ހައިރާންކޮށްލި މިއުޒިކަލް/ކޮމެޑީ "ލާ ލާ ލޭންޑް" 14 ނޮމިނޭޝަނާ އެކު، ޝަރަފުވެރި އޮސްކާ އެވޯޑް ރޭހުގެ ކުރި ވެސް އަތުލައިފި އެވެ.
ރަޔަން ގޮސްލިން އާއި އެމާ ސްޓޯން ލީޑް ރޯލް ކުޅެފައިވާ "ލާ ލާ ލޭންޑް" އަށް ލިބުނު 14 ނޮމިނޭޝަނާ އެކު، އެ ފިލްމް ވަނީ ތާރީހުގެ ތެރެއަށް ވެސް ވަދެފަ އެވެ. މިއީ އެއް ފިލްމަކަށް އޮސްކާގެ 14 ނޮމިނޭޝަން ލިބުނު ތިން ވަނަ ފަހަރެވެ.
އެ ޝަރަފު ކުރިން ލިބިފައި އޮތީ ޖޭމްސް ކެމެރަންގެ ޓައިޓޭނިކް (1997) އާއި އޯލް އެބައުޓް އީވް (1950) އަށެވެ.
"ލާ ލާ ލޭންޑް" ގެ ނޮމިނޭޝަންތަކުގެ ތެރޭގައި އެންމެ މޮޅު ފިލްމާއި އެ ފިލްމުން އެންމެ މޮޅު އެކްޓަރުގެ ރަޔަން ގޮސްލިން، އެންމެ މޮޅު ބަތަލާ އެމާ ސްޓޯން، އެންމެ މޮޅު ޑައިރެކްޓަރު ޑެމިއަން ޗެލެޒް، އޮރިޖިނަލް ސްކްރީންޕްލޭ، ސިނަމޮޓޮގްރަފީ، އެޑިޓިން، ސައުންޑް އެޑިޓިން، ސައުންޑް މިކްސިން، ޕްރޮޑަކްޝަން ޑިޒައިން، އޮރިޖިނަލް ސްކޯ އަދި ކޮސްޓިއުމް ހިމެނެ އެވެ.
"ލާ ލާ ލޭންޑާ" އެކު އެންމެ މޮޅު ފިލްމަކަށް ވާދަ ކުރާ ފިލްމުތަކުގެ ތެރޭގައި މޫންލައިޓް، މެންޗެސްޓަ ބައި ދަ ސީ، ފެންސެސް. ލަޔަން، ހެކްސޯ ރިޖް، ހިޑެން ފިގާޒް އަދި ހެލް އޯ ހައިވޯޓަ ހިމެނެ އެވެ.
އެންމެ މޮޅު އެކްޓަރުންނަށް ރަޔަން ގޮސްލިންއާ އެކު ވާދަ ކުރަނީ މެންޗެސްޓަ ބައި ދަ ސީން ކޭސީ އެފްލެކް، އެންޑްރޫ ގާފީލްޑް (ހެކްސޯ ރިޖް)، ވިގޯ މޮޓެންސެން (ކެޕްޓަން ފެންޓާސްޓިކް) އަދި ޑެންޒެލް ވޮޝިންޓަން (ފެންސެސް) އެވެ.
އެންމެ މޮޅު ބަތަލާއަކަށް އެމާއާ އެކު ވާދަ ކުރަނީ "އެލީ" އިން އީޒަބެލް ހަޕަޓް، ރުތު ނެގާ (ލަވިން)، ނަޓަލީ ޕޯޓްމަން (ޖެކީ) އަދި މެރީލް ސްޓްރީޕް (ފްލޮރެންސް ފޮސްޓަ ޖެންކިންސް) އެވެ.
ސަޕޯޓިން އެކްޓަރުންނަށް ވާދަ ކުރަނީ "މޫންލައިޓް" އިން މެހެރްޝާލާ އަލީ، ޖެފް ބްރިޖެސް (ހެލް އޯ ހައިވޯޓަ)، ލޫކަސް ހެޖެސް (މެންޗެސްޓަ ބައި ދަ ސީ)، ދޭވް ޕަޓެލް (ލަޔަން) އަދި މައިކަލް ޝެނަން (ނޮކްޓާނަލް އެނިމަލް) އެވެ.
އެންމެ މޮޅު ސަޕޯޓިން ބަތަލާއަކަށް ވާދަ ކުރަނީ "ފެންސެސް" އިން ވަޔޯލާ ޑޭވިސް، ނައޯމީ ހެރިސް (މޫންލައިޓް)، ނިކޯލް ކިޑްމަން (ލަޔަން)، އޮކްޓާވިއާ ސްޕެންސާ (ހިޑެން ފިގާސް) އަދި މިޝެލް ވިލިއަމްސް (މެންޗެސްޓަ ބައި ދަ ސީ) އެވެ.
އެންމެ މޮޅު ޑައިރެކްޓަރުންނަށް "ލާ ލާ ލޭންޑް" ގެ ޑައިރެކްޓަރާ އެކު ވާދަ ކުރަނީ މެލް ގިބްސަން (ހެކްސޯ ރިޖް)، ބެރީ ޖެންކިންސް (މޫންލައިޓް)، ކެނެތު ލޮނަގަން (މެންޗެސްޓަ ބައި ދަ ސީ) އަދި ޑެނިސް ވިލެނޯވް (އެރައިވަލް) އެވެ.
އަންނަ މަހުގެ 26 ވަނަ ދުވަހު ބާއްވާ 89 ވަނަ އޮސްކާ އެވޯޑްގެ އެންމެ މޮޅު އެނިމޭޓެޑް ފިލްމަކަށް ވާދަ ކުރަނީ ކޫބޯ އެންޑް ޓޫ ސްޓްރިންގްސް، މޮއާނާ، ޒޫޓޯޕިއާ، މައި ލައިފް އޭސް ޒުކިނީ އަދި ދަ ރެޑް ޓާޓްލް އެވެ.
އެންމެ މޮޅު ބޭރު ފިލްމަކަށް ވާދަ ކުރާ ފިލްމުތަކަކީ އަ މޭން ކޯލްޑް އޯވް (ސްވެޑްން)، ލޭންޑް އޮފް މައިން (ޑެންމާކް)، ޓަނާ (އޮސްޓްރޭލިއާ)، ދަ ސޭލްސްމޭން (އީރާން) އަދި ޓޯނީ އާޑްމަން (ޖަމަރުން) އެވެ.
މި ފަހަރުގެ އޮސްކާ އެވޯޑް ހަފުލާ ހުށަހަޅައި ދޭނީ މަޝްހޫރު ޓީވީ ހޯސްޓް ޖިމީ ކިމެލް އެވެ.