ރިފްއަތު ވަކި ކުރެވޭނެ ކަމުގެ ޔަގީން ކަމެއް އިދިކޮޅަކަށް ނެތް: މިއުވާން
ރިފްއަތު ވަކި ކުރެވޭނެ ކަމުގެ ޔަގީން ކަމެއް އިދިކޮޅަކަށް ނެތް: މިއުވާން

އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ ފާސްކުރެވޭނެ ކަމުގެ ޔަގީންކަން އެ ހުށަހެޅި އިދިކޮޅު ފަރާތްތަކަށް ވެސް ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ފަހު ރައްޔިތުންގެ މަޖިލީހުގައި މިއަދު ވަނީ ޕީޕީއެމް، ޕީއެންސީ، ޖުމްހޫރީ ޕާޓީ، އެމްއެންޕީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަންގެ ބައެއް މެންބަރުން ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން މިއުވާން ވިދާޅުވީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފެނުނީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުގެ ނަމްބަރުތަކާ ގުޅޭ ގޮތުން ވެސް އެ ފަރާތްތަކަށް ޔަގީން ނުވެގެން އުޅުނު މަންޒަރު ކަމަށެވެ.

"އެއް ބޭފުޅެއް އަނެއް ބޭފުޅަކާ ސުވާލުކުރާ ތަން ފެނޭ، ސޮއި ކުރެއްވި އަދަދު އެ ބޭފުޅުންނަށް ޔަގީން ނުވޭ،" މިއުވާން ވިދާޅުވި އެވެ.

މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވާނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.

ނަމަވެސް އިދިކޮޅު ޕީޕީއެމް، ޕީއެންސީ، ޖޭޕީ އަދި އެމްއެންޕީގައި މިވަގުތު ތިއްބެވީ 13 މެންބަރުންނެވެ. އޭގެ އިތުރުން ނަޝީދު ފެކްޝަންގައި 12 މެންބަރު ތިއްބަވަ އެވެ.

ގާނޫނުއަސާސީގައި އޮންނަ ގޮތުން މިނިސްޓަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ 10 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅިދާނެ އެވެ.

އެ ޕާޓީތައް ގުޅިގެން ކުރިޔަށް އޮތް ތަނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓްރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް މައްސަލަ ހުށަހަޅަން ވަނީ ނިންމާފަ އެވެ.