އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް ހުޅުވާލައިފި
އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް ހުޅުވާލައިފި

ރާއްޖެ އިން އުމްރާއަށް މީހުން ގެންދަން ބޭނުންވާ ކުންފުނިތަކުން ހުއްދައަށް އެދެން ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އުމްރާއަށް މީހުން ގެންދިއުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 23ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި އުމްރާއަށް މީހުން ގެންދިއުމަށް އެދޭ ކުންފުނިތަކަކީ މިއަހަރުގެ ފެބްރުއަރީ ނުވައެއްގައި ގެޒެޓްކޮށްފައިވާ "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ގުޅޭ އުސޫލު" ގެ ފަސް ވަނަ މާއްދާގައިވާ ޝަރުތުތައް ހަމަވާ ކުންފުނިތަކަކަށް ވާންޖެހެ އެވެ.

އެ ޝަރުތުތަކުގެ ތެރޭގައި އުމްރާއަށް މީހުން ގެންދަން އެދޭ ކުންފުންޏަކީ 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވުމާއި ހުއްދައަށް އެދޭ ކުންފުނީގެ ޑައިރެކްޓަރުންނަކީ ޖިނާއީ ކުށެއްގައި ހުކުމެއް ތަންފީޒުކުރަމުންދާ ބަޔަކަށް ނުވުން ހިމެނެ އެވެ.

މީގެ އިތުރުން އުސޫލުތަކާ ހިލާފަށް ހައްޖަށް ނުވަތަ އުމްރާއަށް ގެންދަން ފައިސާ ނަގައި ހިޔާނަތްތެރިވިކަން ސާބިތުވެފައިވާ މީހެއް، ޑިރެކްޓަރުންގެ ބޯޑު ނުވަތަ މެނޭޖްމަންޓުގައި ނުހިމެނުން ވެސް ހިމެނެ އެވެ.

މިނިސްޓްރީން ބުނީ ޕްރޮޕޯސަލް ބަލައިގަންނާނީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 23 ގެ ނިޔަލަށް ހެނދުނު 9:00 އިން މެންދުރު 1:30 އާ ހަމައަށް މިނިސްޓްރީގެ ކައުންޓަރުންނެވެ.

އުމްރާއަށް ގެންދިއުމުގެ ހުއްދައަށް އެދި ޕްރޮޕޯސަލް ހުޅުވާލިއިރު ކޮވިޑާ ގުޅިގެން އުމްރާއަށް މީހުން ގެންދިއުމަށް ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތު މިނިސްޓްރީން ވަނީ ދެ އަހަރަށް އިތުރުކޮށްފަ އެވެ.

އުމްރާއަށް މީހުން ގެންދަން މި އަހަރުގެ މިހާތަނަށް 43 ކުންފުންޏަކަށް ހުއްދަ ދީފައިވެ އެވެ.