10 މެއި 2023 - 20:59

އެމްޕީއެލްއިން ބޮންޑެއް ޕްރައިވެޓް މާކެޓުގައި ލިސްޓު ކޮށްފި އެވެ.
ބޮންޑު ލިސްޓު ކޮށްފައި ވަނީ ސްޓޮކް އެކްސްޗޭންޖުގެ ޕްރައިވެޓް ސެކިއުރިޓީސް ސެގްމެންޓް، "ވިޔަނަ" ޕްލެޓްފޯމުގަ އެވެ. މި ބޮންޑަކީ 200 މިލިއަން ރުފިޔާ އެއް އަހަރުގެ ތެރޭގައި ހޯދަން ކަނޑައަޅާފައިވާ ބޮންޑެކެވެ.
އެމްޕީއެލް އިން ބުނި ގޮތުގައި މި ވަގުތު ހުޅުވާލާފައި ވަނީ 50 މިލިއަން ރުފިޔާ ހޯދުމަށެވެ. މި ބޮންޑު ގަންނަ ފަރާތްތަކަށް އަހަރަކު ފައިދާގެ ގޮތުގައި ހަތް ޕަސެންޓު ދޭނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވި ގޮތުގައި މި ބޮންޑުގެ ބޭނުމަކީ ރާއްޖޭގެ އިގުތިސޯދީ ކުރިއެރުމަށް ބަލައި ކުންފުނީގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ބޭނުންވާ ފައިސާ ހޯދުމެވެ. މި ބޮންޑަށް އިންވެސްޓް ކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ ގޮތުގެ މަތިން ފައިސާ ލިބޭނެކަމުގެ ޔަގީންކަން ދެއްވި އެވެ.
އެ ކުންފުނީގެ 2021 ވަނަ އަހަރުގެ ހިސާބުތައް ދައްކާ ގޮތުގައި ކުންފުނީގެ ސޭލްސެގެ ގޮތުގައި 650 މިލިއަން ރުފިޔާއަށް ވުރެ އިތުރަށް ލިބިފައިވެ އެވެ. އެސެޓްސެގެ ގޮތުގައި 900 މިލިއަން ރުފިޔާގެ އެސެޓްސް ރިކޯޑު ކުރެވިފައިވެ އެވެ.
ޕްރައިވެޓް ޕްލޭސްމަންޓް މާކެޓުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެމްޕީއެލްގެ ބޮންޑު ގަނެވޭނެ އެވެ.
އެމްޕީއެލްގެ ބޮންޑު ލިސްޓް ކުރުމުގައި ލީޑް އެރޭންޖާ ކުރީ ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުންނެވެ. ބޮންޑު ސްޓްރަކްޗާ ކުރުމާއި ކުންފުނީގެ ޑިއުޑިލިޖެންސް ހެދުމާއި ޕްރޮސްޕެކްޓަސް ހެދުމުގެ މަސައްކަތްތައް ވެސް ކުރީ އެ ކުންފުނިންނެވެ.