ބުސްކެޓްސް 18 އަހަރަށް ފަހު ބާސެލޯނާ ދޫކޮށްލަނީ
ބުސްކެޓްސް 18 އަހަރަށް ފަހު ބާސެލޯނާ ދޫކޮށްލަނީ

ބާސެލޯނާގައި 18 އަހަރު ހޭދަކުރުމަށް ފަހު ސާޖިއޯ ބުސްކެޓްސް އެ ކްލަބް ދޫކޮށްލަން ނިންމައިފި އެވެ.

މި ސީޒަންގައި ބާސެލޯނާގެ ކެޕްޓަންކަން ކުރަމުން އަންނަ ބުސްކެޓްސް، 34، ޓީމު ދޫކޮށްލަން ނިންމިއިރު އޭނާ ވަނީ އެ ކްލަބަށް 718 މެޗު ކުޅެފަ އެވެ. އޭނާ އަކީ ބާސެލޯނާ އަށް ތިން ވަނަ އަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ އެވެ.

"މިއީ ފަސޭހަ ނިންމުމަކަށް ނުވިޔަސް އަހަރެންނަށް ވިސްނޭ ގޮތުގަ މިއީ ކްލަބް ދޫކޮށްލަންވީ ވަގުތު. މިއީ ހަނދާނުން ފުހެނުލެވޭނެ ދަތުރެއް،" ބާސެލޯނާއާ އެކު ހޭދަކުރި މުއްދަތާ ގުޅޭގޮތުން ބުސްކެޓްސް ބުންޏެވެ.

ބުސްކެޓްސް ބާސެލޯނާގެ ޔޫތު ޓީމާ ގުޅުނީ 2005 ވަނަ އަހަރު އެވެ. އޭގެފަހުން ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ސީނިއާ ޓީމުން ބުސްކެޓްސް އަށް ޖާގަ ލިބުނީ 2008 ވަނަ އަހަރު އެވެ.

ބާސެލޯނާ އިން މިދިޔަ އަހަރުތަކުގައި ހޯދި ކާމިޔާބީގައި ބުސްކެޓްސްގެ ދައުރު ބޮޑެވެ. އޭނާ ވަނީ ބާސެލޯނާއާ އެކު ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން އަށް ފަހަރު ހޯދައިފަ އެވެ. ސްޕެނިޝް ކަޕްގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދިއިރު ސްޕެނިޝް ސުޕަ ކަޕް ވެސް ހަތް ފަހަރު ކާމިޔާބުކުރި އެވެ.

"ބާސެލޯނާގެ ދަނޑާއި މި ޖާޒީގައި ކުޅެން އަހަރެން އަބަދުވެސް ހުވަފެން ދެކުނިން. އެކަމަކު ކޮންމެ ކަމަކަށް ވެސް ނިމުމެއް އަންނާނެ. ގިނަ އަހަރުތަކެއް ވަންދެން މި ޓީމު ތަމްސީލު ކުރެވުމަކީ އަހަރެންނަށް ލިބުނު ފަހުރެއް،" ބުސްކެޓްސް ބުންޏެވެ.

ބުސްކެޓްސް ވަނީ ބާސެލޯނާއާ އެކު ޔޫރަޕިއަން ސުޕަ ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ. ފަހު ސީޒަނުގައި ކްލަބްގެ ކެޕްޓަން ބޭންޑް އަޅައިގެން ބާސެލޯނާއާ އެކު ސްޕެނިޝް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ބުސްކެޓްސް އަށް އެބައޮތެވެ. ލީގުގައި ބާކީ ފަސް މެޗު އޮތްއިރު ބާސެލޯނާ އެއްވަނައިގައި އޮތީ 13 ޕޮއިންޓުގެ ލީޑަކާ އެކު އެވެ.

ބާސެލޯނާގެ ސީނިއާ ޓީމުގައި ބުސްކެޓްސް 15 އަހަރު ހޭދަކުރި އެވެ. މި މުއްދަތުގައި 18 ގޯލު ޖަހައި 40 ގޯލު ޖަހަން އެހީތެރިވެދިނެވެ. ޑިފެންސިވް މިޑްފީލްޑަރެއްގެ މަގާމް އަދާކުރާ ބުސްކެޓްސް އަކީ މިދިޔަ 15 ވަރަކަށް އަހަރަށް ބަލާއިރު އެ މަގާމަށް ކުޅުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ.

ބުސްކެޓްސް ކްލަބް ދޫކޮށްލާނެކަން ހާމަކުރުމުން ބާސެލޯނާ އިން ބުނެފައިވަނީ، ބުސްކެޓްސް އަކީ ބާސެލޯނާގެ ތާރީހުގައި އެ ކްލަބް ތަމްސީލުކުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށެވެ.

ބާސެލޯނާގެ އިތުރުން ސްޕެއިން ގައުމީ ޓީމުގައި ވެސް ބުސްކެޓްސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ގައުމީ ޓީމާ އެކު ބުސްކެޓްސް ވަނީ 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2012 ވަނަ އަހަރުގެ ޔޫއެފާ ޔޫރޯ ކާމިޔާބުކޮށްފަ އެވެ. ގައުމީ ޓީމުން ބުސްކެޓްސް ރިޓަޔާ ކުރީ ގަތަރު ވޯލްޑް ކަޕަށް ފަހު މިދިޔަ ޑިސެމްބަރު މަހު އެވެ.