ގާޒާ އަށް ބޮންއެޅުން ހުއްޓުމެއް ނެތި ކުރިއަށް
ގާޒާ އަށް ބޮންއެޅުން ހުއްޓުމެއް ނެތި ކުރިއަށް

އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ވައިގެ މަގުން ފަލަސްތީނުގެ ގާޒާ އަށް ދެމުންދާ ހަމަލާތައް ހުއްޓައިލުމަށް ދުނިޔޭގެ ގައުމުތަކުން ގޮވާލަމުން ދާއިރު ވެސް، އެ އަޑުތަކަށް ބެލުމެއް ނެތި، ގާޒާ އަށް ދޭ ހަމަލާތައް އިތުރުކޮށް ވަރުގަދަކޮށްފި އެވެ.

މީގެ ދެ ދުވަސް ކުރިން އިޒްރޭލުން ގާޒާ އަށް ދޭން ފެށި ހަމަލާތަކުގައި، މިއަދު އެންމެ ފަހުން ހަމަލާތައް ދިނީ، ގާޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނުސް ފޭލިގޭ އަވަށަށެވެ. އެ ސަރަހައްދަށް މިއަދު ދިން ހަމަލާތަކުގައި ފަލަސްތީނުގެ އެކަކު ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވި ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުންޏެވެ.

އޭގެ އިތުރުން ހުޅަނގު އައްސޭރީގެ ޖެނީން އަށް މިއަދު ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ދެ މީހަކު ޝަހީދުކޮށްލި އެވެ. އަދި އިރުމަތީ ގުދުސްގެ އީސާވިއްޔާ ކިޔާ އަވަށުގައި ފަލަސްތީނުގެ އާންމު ރައްޔިތުންނާއި އިޒްރޭލުގެ ސަލާމަތީ ބާރުތަކުގެ މެމްބަރުންނާ ދެމެދު މިއަދު ވަނީ ކުރިމަތިލުންތަކެއް ވެސް ހިނގައިފަ އެވެ. އިޒްރޭލުން ބުނި ގޮތުގައި އެ ސަރަހައްދަށް އިޒްރޭލު ސިފައިން ވަނީ، އިޒްރޭލާ ދެކޮޅަށް ޓެރަރިސްޓު ހަމަލާތައް ދިނުމުގައި ބައިވެރިވާ ބަޔަކު ހޯދުމުގެ ބޭނުމުގަ އެވެ.

އިއްޔެ އާއި މިއަދު އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު މިހާރު ވަނީ 16 އަށް އަރައިފަ އެވެ. އޭގެ ތެރެއިން ތިން މީހުންނަކީ އިސްލާމިކް ޖިހާދު ޖަމާއަތުގެ ހަނގުރާމަވެރި ގޮފި، ސަރާޔާ އަލް ގުދުސްގެ ތިން ކޮމާންޑަރެކެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނީ، މިހާރު ކުރިއަށްދާ އަސްކަރީ ހަރަކާތްތަކާ ވިދިގެން ފަލަސްތީނުގެ ހަނގުރާމަވެރިންގެ ފަރާތުން ކޮންމެ ފަދަ ކަމެއް ވެސް ކުރިމަތިވެދާނެ ކަމަށް ސަމާލުވެ ތިބި ކަމަށެވެ. އަދި އެކަމަށް އިޒްރޭލުގެ ރައްޔިތުން ވެސް ފާރަވެރިވެ ތިބުމަށް އަސްކަރިއްޔާ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

އިޒްރޭލުން ބުނި ގޮތުގައި ގާޒާ އަށް މިއަދު ދިން ހަމަލާތައް އަމާޒުކުރީ، އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދިނުމަށް ފަލަސްތީނުގެ ރައްޔިތުން ތައްޔާރުވަމުން ދިޔަ އަމާޒުތަކަކަށެވެ. އަދި މިއަދު ދިން ހަމަލާތަކުގައި، އިޒްރޭލަށް އަމާޒުކުރަން ތައްޔާރުކޮށްފައި ހުރި ރޮކެޓްތަކެއް ހަލާކުކޮށްލެވުނު ކަމަށް ވެސް އިޒްރޭލުން ބުނެ އެވެ.

ނަމަވެސް މިއަދުގެ ހަމަލާތައް އަމާޒުކުރީ، ފަލަސްތީނުގެ ހަނގުރާމަވެރި ކޮން ޖަމާއަތެއްގެ ހަތިޔާރުތަކަކަށް ކަމެއް އިޒްރޭލުން ނުބުނެ އެވެ. އިސްލާމިކް ޖިހާދު ޖަމާއަތުން ވެސް އަދި ހަމާސް ޖަމާއަތުން ވެސް، އިޒްރޭލުން މިއަދު ދިން ހަމަލާތަކާ ބެހޭ ގޮތުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.