ރަޝިޔާ ސިފައިން ބަޚްމުތުން ފައިބަނީ
ރަޝިޔާ ސިފައިން ބަޚްމުތުން ފައިބަނީ

ޔޫކްރޭންގެ އިރުދެކުނު ސަހަރެއް ކަމަށްވާ ބަޚްމުތު ހިފުމަށް އެ ސަހަރުގައި ހަނގުރާމަ ކުރަމުން ދިޔަ ރަޝިޔާ ސިފައިން، އެ ސަހަރު ދޫކޮށް ފައިބަން ފަށައިފި ކަމަށް، ރަޝިޔާ ސިފައިންނާ އެކުގައި ހަނގުރާމަކުރާ، ކުލީ ސިފައިންގެ ޖަމާއަތެއް ކަމަށްވާ ވަގްނާ ގުރޫޕުން މިއަދު ބުނެފި އެވެ.

ވަގްނާ ގުރޫޕްގެ ކޮމާންޑަރު ޔެވްގެނީ ޕްރިގޮޒީން ބުނީ ބަޚްމުތުގައި އެ ގުރޫޕްގެ ހަނގުރާމަވެރިން އެކަނިކޮށްލާފައި ރަޝިޔާ ސިފައިން ހަނގުރާމައިގެ މައިދާން ދޫކޮށް ބަޚްމުތުން ފައިބަމުންދާ ކަމަށެވެ. އަދި އެ ސަހަރު ހިފުމަށް ކުރަމުން އަންނަ ހަނގުރާމައިގައި ޔޫކްރޭން ސިފައިންގެ މައްޗަށް ކުރި ހޯދުމަށް ބޭނުންވާ ހަތިޔާރު އަދިވެސް ރަޝިޔާގެ އަސްކަރިއްޔާ އިން ނުފޮނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ބަޚްމުތުގައި ތިބި ޔޫކްރޭން ސިފައިން ބަލިކުރުމަށް ބޭނުންވާ ހަތިޔާރާއި ވަޒަން، ރަޝިޔާ އިން ފޯރުކޮށްނުދޭ ނަމަ، ވަގްނާގެ ހަނގުރާމަވެރިން މިއަދު ބަޚްމުތުން ފައިބާނެ ކަމަށް އެ ގުރޫޕުން ކުރިން އޮތީ އިންޒާރު ވެސް ދީފަ އެވެ. އެ އިންޒާރާ ގުޅިގެން، ރަޝިޔާގެ އަސްކަރިއްޔާ އިން ބުނެފައިވަނީ، ބަޚްމުތަށް ފޮނުވާ އަސްކަރީ ސާމާނު ހިފައިގެން ދަތުރުކުރާ ގާފިލާ މިހާރު މޮސްކޯ އިން ފުރާފައިވާ ކަމަށާއި، ވަރަށް އަވަހަށް ބަޚްމުތަށް އެ ތަކެތި ފޯރާނެ ކަމަށެވެ.

ކޮމާންޑަރު ޔެވްގެނީ ޕްރިގޮޒީން ބުނި ގޮތުގައި ބަޚްމުތުގައި ތިބި ރަޝިޔާ ސިފައިން އެ ސަރަހައްދުން ފައިބައިގެން ދަނީ، އެ ސަރަހައްދުގައި ތިބި ރަޝިޔާ ކޮމާންޑަރުންގެ ދޯހަޅި ވިސްނުމުގެ ސަބަބުންނެވެ. އަދި އެއީ މިފަދަ އަސްކަރީ ހަރަކާތެއް ހިންގުމަށް ކުފޫ ހަމަވާ ބައެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

ރަޝިޔާގެ ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި ބަޚްމުތުގެ ހުޅަނގު ސަރަހައްދުގައި މިހާރު ހިނގަމުންދާ ހަނގުރާމަ ކުރިއަށް ގެންދަނީ ވަގްނާގެ ހަނގުރާމަވެރިންނެވެ. އަދި ރަޝިޔާގެ ޕެރަޓްރޫޕް ލަޝްކަރުގެ ސިފައިން ގެންދަނީ ވަގްނާގެ ހަނގުރާމަވެރިންނަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ވެސް ރަޝިޔާގެ ދިފާއީ ވުޒާރާ އިން ބުންޏެވެ.

އާބާދީގައި 70000 މީހުން ދިރިއުޅޭ ބަޚްމުތު ހިފުމަށް ރަޝިޔާ ސިފައިން ހަނގުރާމަ ކުރަމުން އަންނަތާ އަހަރު ދުވަސް ވާން ކައިރިވެފައިވާ އިރު، އެ ސަރަހައްދު ރަޝިޔާގެ ބާރުގެ ދަށަށް ދިޔަނުދިނުމަށް، ޔޫކްރޭން ސިފައިން އަންނަނީ ވަރަށް ވަރުގަދަ އަށް ރައްދު ހަމަލާ ދެމުންނެވެ. މި ހަނގުރާމައިގައި ޔޫކްރޭން ސިފައިން މިހާރު ބޭނުންކުރަމުން ދަނީ، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް ފޮނުވާފައިވާ އެންމެ މި ޒަމާނުގެ އަސްކަރީ ޓޭންކުތަކާއި މިސައިލާއި ޑްރޯންތަކެވެ.

ފެބްރުއަރީ 24، 2022 ގައި ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމަ އަށް އަހަރަކާއި ދެ މަސް ފާއިތުވެގެން ދިޔައިރު، މިހާތަނަށް ދެ ފަރާތުގެ މެދުގައި އެންމެ ވަރުގަދަ ހަމަލާ ބަދަލުކުރަމުން ދަނީ ވެސް ބަޚްމުތުގަ އެވެ. ރަޝިޔާގެ ބާރުގެ ދަށަށް ބަޚްމުތު ހިނގައްޖެ ނަމަ، ޔޫކްރޭންގެ އިރުމަތީ ސަރަހައްދު ޔޫކްރޭނާ މުޅިން ވަކިވެގެން ދާނެ އެވެ.