10 މެއި 2023 - 15:02

އުރީދޫން އެސްޓީއޯ ޕީޕަލްސް ޗޮއިސްއާ އެކު ގާއިމް ކުރި ޕާޓްނާޝިޕްގެ ދަށުން އެސްޓީއޯގެ ކަސްޓަމަރުންނަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް އުރީދޫގެ ޑިޖިޓަލް ވޮލެޓް އެމް-ފައިސާ މެދުވެރިކޮށް މިހާރު ފައިސާ ދެއްކޭނެ ކަމަށް އުރީދޫން ބުންޏެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ކައުންޓަރުގައި ބަހައްޓާފައިވާ ކިއުއާރު ކޯޑު އުރީދޫ އެޕުން ސްކޭން ކުރުމުން، ފަސޭހަކަމާ އެކު ފައިސާ ދެއްކޭނެ ކަމަށް އުރީދޫން ބުނެ އެވެ.
އެެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވި ގޮތުގައި އެސްޓީއޯ އަކީ ކަސްޓަމަރުންނަށް އީޖާދީ އަދި ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކުންފުންޏެކެވެ. އެމް-ފައިސާ ތައާރަފްކުރުމަކީ އެ މަސައްކަތައް ބަރު ލިބޭނެ ކަމެއް ކަމަށާއި އެމް-ފައިސާގެ ސަބަބުން ފައިސާގެ މުއާމަލާތްތައް ކުރުމަށް ކަސްޓަމަރުންނަށް އިތުރު ލުޔެއް ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އެމް-ފައިސާ އަކީ ރައްކާތެރި އަދި ހަރުދަނާ ޑިޖިޓަލް ސޮލިއުޝަނެއް ކަމަށެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސް ފަދަ ތަނަކަށް އެ ހިދުމަތް ލިބޭނެ ގޮތް ތައާރަފް ކުރެވުމަކީ އެ ތަނުން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ހޯދައި ދެވޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެއް ކަމަށް ވެސް ވިދާޅުވި އެވެ.
އެމް-ފައިސާ އަކީ ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ބޭނުން ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ޑިޖިޓަލް ވޮލެޓެކެވެ. އެމް-ފައިސާ އެޕް ޑައުންލޯޑް ކުރުމަށް ފަހު ރަޖިސްޓަރީ ކޮށްގެން އެ އެޕް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރެވޭނެ އެވެ. އެ އެޕް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޓްރާންސްފާ ކުރުމުގެ އިތުރުން ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ އެވެ. ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީ އާއި އުރީދޫގެ އަދި މީޑިއާނެޓް ފަދަ ހިދުމަތްތަކަށް ފައިސާ ދެއްކޭނެ އެވެ.
އެ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް އެކި ފައުންޑޭޝަންތަކަށް ފައިސާ ހަދިޔާ ކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާދީފަ އެވެ.