ދަނޑުމަތިން ރަތްކާޑު، ދަނޑުބޭރުން އިތުރު މައްސަލައެއް
ދަނޑުމަތިން ރަތްކާޑު، ދަނޑުބޭރުން އިތުރު މައްސަލައެއް

ލަންޑަން (ޖެނުއަރީ 25) - އާސެނަލްގެ ސްވިޒަލެންޑް މިޑްފީލްޑަރު ގްރޭނިޓް ޒަކާ ލަންޑަނުގެ ހީތުރޯ އެއާޕޯޓުގެ މުވައްޒަފަކާ ނަސްލީ ގޮތުން ދިމާކުރި މައްސަލައެއްގައި ޒަކާއާ ފުލުހުން ސުވާލުކޮށްފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ބާންލީ އަތުން އާސެނަލް 2-1 އިން މޮޅުވި މެޗުގައި ޒަކާ އަށް ވަނީ ރަތްކާޑެއް ވެސް ދައްކައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ބާންލީ މެޗަށް ފަހު ހޯމަ ދުވަހު ހީތުރޯ އެއާޕޯޓުގެ މުވައްޒަފަކު ރަތް ކާޑުގެ ވާހަކަ ދެއްކުމުން ޒަކާ ވަނީ އޭނާއާ ނަސްލީ ގޮތުން ދިމާކޮށްފަ އެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ހީތުރޯ އެއާޕޯޓުގެ ސްޓާފުންނެވެ.

މެޓްރޮޕޯލިއަން ޕޮލިސް ޑިޕާޓްމެންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހީތުރޯ އެއާޕޯޓުގެ ސްޓާފަކާ ނަސްލީ ގޮތުން ދިމާކުރިކަމުގެ މައްސަލައެއްގައި މީހަކާ ސުވާލުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ސުވާލުކުރަން ގެނައި މީހާ (ޒަކާ) ގެނައީ ހައްޔަރުކޮށްގެން ނޫން ކަމަށް އެ ބަޔާނުގައިވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން މައްސަލަ ހުށަހެޅި ފަރާތުން ބޭނުން ނަމަ މި މައްސަލަ ކޯޓަށް ހުށަހެޅުމުގެ އިހުތިޔާރު އެބައޮތެވެ.

ދަނޑުމަތީގައި ރުޅިގަދަ ކުޅުންތެރިޔެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ޒަކާ އަށް ވަނީ އާސެނަލާ ގުޅުނު ފަހުން ދެ ރަތް ކާޑު ދައްކައިފަ އެވެ. އެއީ ބާންލީ މެޗުގެ އިތުރުން ސްވަންސީ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އަދި ކުޅުނު ގިނަ މެޗުތަކުގައި އޭނާ އަށް ރީނދޫ ކާޑު ދެއްކި އެވެ.

އާސެނަލްގެ ކޯޗު އާސެން ވެންގާ ވެސް ވަނީ ޒަކާ އަކީ ހުނަރުވެރި މޮޅު ކުޅުންތެރިޔެއް ކަމަށާއި އެހެން ނަމަވެސް އޭގެ ބޭނުން އެންމެ ފުރިހަމަ އަށް ހިފަން ބޭނުންނަމަ އޭނާ ރުޅި ކޮންޓްރޯލްކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.