25 ޖެނުއަރީ 2017 - 09:19

ދުވުމުގެ ތެރެއަށް ނުކުތްތާ އެންމެ ފަސް މަސް ދުވަހުގެ ތެރޭގައި، ރާއްޖޭގެ 18 އަހަރުވީ 10 ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑް ރާއްޖޭގެ ގައުމީ ޓީމުގެ ދުވުންތެރިޔާ ޒައިދު ޝަރީފް މުގުރާލައިފި އެވެ.

ރާއްޖޭގެ ކުރީގެ އެއް ވަނަ ދުވުންތެރިޔާ ނަސީރު އިސްމާއިލް 1999 ވަނަ އަހަރުގެ މާލޭ މެރެތަންގައި 35:05 މިނެޓުން ދުވެގެން ހެދި ރެކޯޑް ޒައިދު މުގުރާލީ މިދިޔަ ހުކުރު ދުވަހު ޑުބާއީ މެރެތަންގައި 34:40 މިނެޓުން ދުވެގެންނެވެ. އޭނާ ރެކޯޑް އެ ދުވަހު އިއުލާންނުކުރެވުނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ޓައިމިން ވެރިފައި ނުވުމުންނެވެ.
މޯލްޑިވްސް ޕޮލިސް ސާވިސަސްގެ ލާންސް ކޯޕަރްލެއްގެ މަގާމުގައި ހުރި އުމުރުން 24 އަހަރުގެ ޒައިދަކީ ގައުމީ ކޯޗު އަބްދުﷲ އިބްރާހިމް (އަބުޅޯ) ގެ ބަހުން ނަމަ "ރާއްޖޭގެ އެންމެ މޮޅު ދުވުންތެރިޔާއަށް ވެވިދާނެ" އެތުލީޓެކެވެ.
"އޭނާ އަލަށް ވެސް ދުވަން އައިތާ މިވީ ފަސް މަސް. މިހާ ކުރު މުއްދަތެއްގައި ތެރޭގައި އެ މުގުރާލީ ރާއްޖޭގެ އެންމެ މޮޅު ދުވުންތެރިޔާގެ ރެކޯޑް. އޭނާ އަކީ ކުރިމަގުގައި ރާއްޖޭގެ އެންމެ މޮޅު ދުވުންތެރިޔާއަށް ވާނެ،" އަބުޅޯ ބުންޏެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު ގައުމީ ސްކޮޑާ ގުޅި ޕްރެކްޓިހަށް ދާން ފެށި ޒައިދު ވަނީ އޭނާގެ ފުރަތަމަ ރަސްމީ މުބާރާތް ކަމަށްވާ މިދިޔަ އަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގައި ވެސް ވަރަށް ބޮޑު ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން 10،000 މީޓަރު ދުވުމުން އެއް ވަނަ ހޯދައި 5000 މީޓަރު ދުވުމުން ދެ ވަނަ ހޯދި އެވެ. އެ އިވެންޓުގައި އޭނާ ވަނީ ތަޖުރިބާކާރު ދެ ދުވުންތެރިން ކަމަށްވާ ޝިފާޒް މުހައްމަދާއި އަހުމަދު ރިޒާ ފަހަތަށް ޖައްސާލައިފަ އެވެ.
ރާއްޖޭގައި ބާއްވާ އެންމެ އުނދަގޫ އެއް ރޭސް ކަމަށްވާ ރެޑްބުލް ކެޗްދަފެރީ ރޭހުން ތިން ވަނަ އަދި ދިރާގު ރޯޑްރޭހުގެ 10 ކިލޯމީޓަރު ދުވުމުން އެއް ވަނަ ވެސް ހޯދި އެވެ. އެ އިވެންޓުގައި އޭނާ ރޭސް ނިންމީ 36 މިނެޓު 33 ސިކުންތުންނެވެ. އެހެންކަމުން ޑުބާއީ މެރެތަންގައި އޭނާ މި ހޯދީ 1 މިނެޓު ނުވަ ސިކުންތުގެ ކުރިއެރުމެކެވެ.
"އޭނާ އަކީ ވަރަށް ޑެޑިކޭޓެޑް ކުއްޖެއް. އެއް ދުވަސް އައިސް އަނެއް ދުވަހު ނާންނަ ކުދިންނަށް މިކަމެއް ނުވާނެ. ކޮންމެ ދުވަހަކު އަޔަސް ޓްރެއިނިން ފުރިހަމަނުކުރަންޏާ ވެސް އުނދަގޫވާނެ. ޒައިދަކީ ބަރާބަރަށް އައިސް ފުރިހަމަ ސަމާލުކަމާ އެކު ތަމްރީން ފުރިހަމަ ކުރާ ޑިސިޕްލިން ދުވުންތެރިޔެއް،" އަބުޅޯ ބުންޏެވެ.
"އޭނާގެ ކާމިޔާބީގެ ސިއްރަކީ އެއީ."
މިދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި ޒައިދަށް ކޯޗުކޮށްދީ އޭނާގެ ތަމްރީނުގެ ހުރިހާ ކަމެއް ބެލެހެއްޓީ އަބުޅޯ އެވެ. އެހެންވެ ޒައިދުގެ ކާމިޔާބަކީ އަބުޅޯ އަށް ވެސް ލިބުނު ބޮޑު އުފަލެކެވެ. އެކަމަކު އޭނާ އެންމެ ހިތްހަމަޖެހެނީ ވަޅުޖެހިފައިވާ ދިގު ރާސްތާ ދުވުން އަލުން ކުރިއަރައިގެން އަންނާތީ އެވެ.
"ރާއްޖޭގައި ލޯންގް ޑިސްޓެން ދުވުން މިއޮތީ ވަރަށް ބޮޑަށް ވަޅުޖެހިފައި. މިދިޔަ ދުވަސްތަކުގައި ވެސް ބޮޑަށް ސްޕީޑް އިވެންޓްތަކުން ކާމިޔާބީ ހޯދިތަން ފެނުނީ. މިހާރު މި ފެންނަނީ މަޑުމަޑުން ލޯންގް ޑިސްޓެންސް ވެސް ކުރިއަރާތަން. މިދިޔަ ނޮވެމްބަރު މަހު ފަސް ކިލޯމީޓަރުގެ ރެކޯޑް ފަޒީލް އެ މުގުރާލީ. އޭގެ ދެ މަސް ފަހުން 10 ކިލޯމީޓަރުގެ ރެކޯޑް ޒައިދު މި މުގުރާލީ. މިއީ ރަނގަޅު ފާލެއް،" އަބުޅޯ ބުންޏެވެ.
ލ. ގަމަށް އުފަން ޒައިދު ރެކޯޑް މި މުގުރާލީ ކުރިން ރެކޯޑް ހަދާފައިވާ ދުވުންތެރިން އެކަން ކުރި އުމުރަށް ވުރެެ ޒުވާން އުމުރެއްގަ އެވެ. އެހެންކަމުން ހުރިހާ ގޮތަކުން ވެސް ޒައިދާ މެދު ބޮޑު އުއްމީދެއް އޭނާގެ ކޯޗުން ކުރެ އެވެ.
"އޭނާ ވަރަށް އަވަހަށް 10،000 ކިލޯމީޓަރު (ޓްރެކް އިވެންޓް) ރެކޯޑް ވެސް ހަދާނެ ކަމަށް މި ބަލަނީ،" މެދު ރާސްތާ ދުވުމަށް ހާއްސަވެފައިވާ ދުވުންތެރިޔާއާ ބެހޭގޮތުން އަބުޅޯ ބުންޏެވެ.