10 މެއި 2023 - 11:54

ޕެރިސް (މެއި 10) - ޕީއެސްޖީ އަށް ކުޅޭ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ސައުދީ އަރަބިއްޔާގެ ލީގަށް ބަދަލުވާން ނިންމާފައި ވާކަމަށް ފްރާންސްގެ މީޑިއާއިން ކޮށްފައިވާ ރިޕޯޓް، މެސީގެ ބައްޕަ އަދި އެޖެންޓް ޖޯޖް މެސީ ދޮގުކޮށްފި އެވެ.
މި ސީޒަނަށް ފަހު މެސީ، ޕީއެސްޖީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން އަންނަ ސީޒަންގައި އޭނާ ސައުދީ ލީގަށް ބަދަލުވާން ނިންމާފައި ވާކަމަށް ފްރާންސްގެ "އޭއެފްޕީ" ނިއުސް އެޖެންސީން އިއްޔެ ވަނީ ރިޕޯޓްކޮށްފަ އެވެ.
"އަންނަ ސީޒަނަށް އެއްވެސް ކްލަބަކާ އެކު އެއްބަސްވުމަކާ ހަމައަށް ނުދަން. ޕީއެސްޖީއާ އެކު ލީގުގެ ކުޅުން ނުނިމެނީސް އެއްވެސް ކަމެއް ފައިނަލް ނުވާނެ. ކަންކަން ދިރާސާކޮށް ގޮތެއް ނިންމާނީ މި ސީޒަން ނިމުނީމައި،" ޖޯޖް މެސީ ރޭ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
"ހަގީގަތެއް ނެތް ވާހަކަ ފަތުރައި މަގުބޫލުކަން ހޯދަން ވަރަށް ގިނަ ފަރާތްތަކުން ލިއޮނެލް [މެސީ]ގެ ނަން ބޭނުން ކުރަމުން ދޭ. އެކަމަކު ހަގީގަތް އޮންނަނީ މުޅިން ތަފާތުކޮށް. އަހަރެން ޔަގީން ކޮށްދެން އެއްވެސް ޓީމަކާ އެކު އެއްބަސްވުމަކަށް ނާންނަކަން. ސޮއިކޮށްގެން ވެސް އަނގަބަހުން ވެސް އެއްވެސް ގޮތަކަށް އެއްބަސްވުމަކަށް ނާދެވޭ. ސީޒަން ނިމެންދެން ކަން އޮންނާނީ އެހެން."
އެމެރިކާ ލީގުގެ އިންޓަ މިއާމީގެ އިތުރުން މެސީ ކުރިން ކުޅުނު ބާސެލޯނާއިން އަންނަނީ އަންނަ ސީޒަނުގައި އޭނާ ހޯދަން ޝައުގުވެރިކަން ފާޅު ކުރަމުންނެވެ. ނަމަވެސް މެސީ ގެންދިއުމުގައި ބާސެލޯނާއަށް އޮތް ގޮންޖެހުމަކީ އެޓީމަށް ދިމާވެފައިވާ މާލީ މައްސަލަތަކެެވެ.
ފުޓުބޯޅައިގެ ދުނިޔޭގައި މެސީގެ އެންމެ ވާދަވެރި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑީ މިހާރު ކުޅެމުން އަންނަނީ ސައުދީ އަރަބިއްޔާގެ އައް ނަސްރަށެވެ. އެޓީމުގެ ވާދަވެރި އަލް ހިލާލުން ވަނީ ރޮނާލްޑޯގެ މުސާރައަށް ވުރެ ދެގުނަ ބޮޑުކޮށް، 400 މިލިއަން ޔޫރޯގެ ޑީލް އެއް މެސީއަށް ހުށަހަޅައިފަ އެވެ. މި ހުށަހެޅުން ގަބޫލު ކޮށްފި ނަމަ މެސީ ވެގެންދާނީ ދުނިޔޭގެ އެންމެ މުސާރަ ބޮޑު އެތުލީޓަށެވެ. އެކަމަކު މެސީ ދެކޭގޮތުގައި އޭނާއަށް އަދިވެސް ޔޫރަޕުގެ އެންމެ މަތީ ފަންތީގައި މޮޅަށް ފުޓްބޯޅަ ކުޅެވޭނެ އެވެ.
މިދިޔަ ހަފްތާ ޕީއެސްޖީން ލީގުގައި ލޮރިއެންޓްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ކްލަބްގެ ހުއްދަ ނުހޯދައި މެސީ ސައުދީ އަރަބިއްޔާ އަށް ދިޔަ މައްސަލައިގައ ކްލަބުން ވަނީ ދެ ހަފްތާގެ މުއްދަތަކަށް މެސީ ސަސްޕެންޑް ކޮށްފަ އެވެ. މިއާ ގުޅިގެން އެންމެ ފަހުން ލީގުގައި ޓްރޯޔެސް އާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައި މެސީ ނުހިމެނެ އެވެ. ނަމަވެސް މެސީ އެކަމަށް މާފަށް އެދިފައި، ސަސްޕެންޝަނުގައި ހަފްތާއެއް ހޭދަކުރުމަށް ފަހު އޭނާ މިހާރު ވަނީ ކްލަބުގެ ފަރިތަކުރުންތަކަށް ނުކުމެފަ އެވެ.
މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ ވަނީ ޖަރުމަންގެ ބެޔާން މިއުނިކް އަތުން ބަލިވެގެން ކަޓައިފަ އެވެ. ނަމަވެސް ލީގުގައި އެޓީމު އޮތީ ހަ ޕޮއިންޓުގެ ލީޑަކާ އެކު އެއްވަނައިގަ އެވެ. ލީގުގައި ޕީއެސްޖީއަށް ބާކީ އޮތީ ހަތަރު މެޗެވެ.