ދަރިންނަށް ޚަރަދު ނުދޭ ބައްޕަގެ މުސާރަ ކޯޓަށް ޖަމާކުރަން އަމުރުކޮށްފި
ދަރިންނަށް ޚަރަދު ނުދޭ ބައްޕަގެ މުސާރަ ކޯޓަށް ޖަމާކުރަން އަމުރުކޮށްފި

ދެ ދަރިންގެ ޚަރަދު ނުދޭ ބައްޕައެއްގެ މަހު މުސާރަ، އޭނާ ވަޒީފާ އަދާކުރާ އިދާރާ މެދުވެރިކޮށް ކޯޓަށް ޖަމާކުރުމަށް ފަހު، އެ ޚަރަދު ނަގައިދޭން މެޖިސްޓްރޭޓް ކޯޓަކުން ހުކުމެއް ކޮށްފި އެވެ.

އެ ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ދެ މީހުންގެ ކައިވެނި ރޫޅުމުން ދެ ދަރިންގެ ޚަރަދަށްވާ 3،000ރ. ކޮންމެ މަހަކު ކޯޓު މެދުވެރިކޮށް ދޭން ބައްޕަ އެއްބަސްވެ ހުކުމްކޮށްފައި އޮތަސް އެ ހުކުމާ އެއްގޮތަށް އޭނާ ފައިސާ ނުދައްކަ އެވެ.

އެ ހުކުމް ތަންފީޒުކޮށްދޭން އެދި ދަރިންގެ މަންމަ ހުށަހެޅި މައްސަލާގައި ކޯޓުން ކުރި ހުކުމުގައި ބުނީ ދަރިންގެ ޚަރަދަށް މިހާތަނަށް ކޯޓަށް ދައްކާފައި ވަނީ 68،000ރ. ކަމަށެވެ. ރެކޯޑުތަކުން 70،000 އަށް ވުރެން ގިނަ ރުފިޔާ އޭނާ ނުދައްކާ އޮތް ކަމަށެވެ.

ސަރުކާރު އިދާރާއެއްގައި ޒިންމާދާރު ވަޒީފާއެއް އަދާކުރަމުން އަންނަ ބައްޕަ، ގަވައިދުން ފައިސާ ނުދައްކާ ކަމަށް ކޯޓުގައި އެއްބަސްވި އެވެ. އޭނާ އެދުނީ ނުދައްކާ އޮތް ފައިސާ ބަހާލައިގެން ދައްކަން އެއް އަހަރުގެ މުއްދަތެއް ދިނުމަށެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އިއުތިރާޒް ނުކުރާ ކަމަށް އަންހެން މީހާ ކޯޓުގައި ބުންޏަސް އޭނާ އެދުނީ މުސާރައިން އެބައި އުނިކޮށް ލިބޭނެ ގޮތެއް ހައިދިނުމަށެވެ.

މުސާރައިން އުނިކުރަން ފިރިހެންމީހާ އިންކާރު ކުރުމުން ގާޒީ ނިންމެވީ، އެ މައްސަލައަކީ ޝަރީއަތުން ގޮތެއް ކަނޑައަޅަން ޖެހޭ ކަމެއްގެ ގޮތުގަ އެެވެ.

އެ ހުކުމުގައި، އާއިލާއާ ބެހޭ ގާނޫނާއި މެޖިސްޓްރޭޓް ކޯޓުތަކުގެ އާއިލީ އިޖުރާއަތުގެ އުސޫލްގެ 87 ވަނަ މާއްދާއާ ހަވާލާދީ ބުނެފައި އޮތީ "ޚަރަދު ދޭން ޖެހޭ މީހާއަކީ ވަޒީފާއެއްގައި އުޅޭ މީހެއް ނަމަ އޭނާގެ މުސާރައިން ކެނޑުމަށް ފަހު ކޯޓަށް ފައިސާ ޖަމާކުރުމަށް އެ މީހާ ވަޒީފާ އަދާކުރާ އޮފީހަށް ނުވަތަ މަސައްކަތްކުރާ ތަނަށް އަންގައި އަމުރުކުރެވިދާނެ" އެވެ.

ގާޒީ ހުކުމް ކުރީ، ދަރިންގެ ޚަރަދަށް ދޭން ޖެހޭ ފައިސާ ފަސް މަހުގެ ތެރޭގައި އޭނާގެ މުސާރައިން އުނިކޮށް ނަގައިދިނުމަށެވެ. މަހަކު 5،847ރ އާއި ދެ ދަރިންނަށް ކޮންމެ މަހަކު ދޭން ޖެހޭ 3،000ރ. އެކު މުސާރައިން އުނިކުރަން އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް އޮތީ ހުކުމުގައި އަމުރުކޮށްފަ އެވެ.

ވަޒީފާ އިން ވަކިވިޔަސް އެ ފައިސާ ދައްކަން އެ ހުކުމުގައި އޮތީ އަމުރުކޮށްފަ އެވެ.

މި ފަހުން ވަނީ، ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ބެލެހެއްޓުމުގެ ހަރަދު ދޭން ވެސް ބައްޕަގެ މައްޗަށް އާއިލާއާ ބެހޭ ކޯޓުން ވެސް އަމުރެއްކޮށްފަ އެވެ.

ކޯޓުގައި އެއްބަސްވާ ގޮތަށް ދަރިންގެ ޚަރަދަށް މަހަކު ދައްކަން ޖެހޭ 2،000 ރ. ނުދީގެން ގިނަ މައްސަލަތަކެއް ކޯޓަށް ހުށަހަޅާފައިވެ އެވެ. މިހާރު ނަގައިދޭން އޮންނަ މިންވަރަކީ ކުރަން ޖެހޭ ހަރަދުތަކާ ނުބައްދަލު، ދަރިންގެ ހައްގުތައް ކަށަވަރުކޮށްދޭން ހުރަސްއެޅޭ މިންވަރެއް ކަމުގެ ކަންބޮޑުވުންދަނީ ފާޅުކުރަމުންނެވެ.

ދަރިންގެ ޚަރަދުގެ ފައިސާ ހުކުމާ އެއްގޮތަށް ނުދައްކާ މީހުންގެ މައުލޫމާތު އާއްމުކުރުމުގެ އިތުރުން އެ މީހުންގެ ޕާސްޕޯޓް ހިފަހައްޓައި، ފުރުން މަނާ ކުރުމާއި އެކައުންޓް ފްރީޒް ކޮށްގެން ފައިސާ ހޯދުން ފަދަ ފިޔަވަޅުތައް އެޅުމުގެ ބާރު ވެސް އާއިލާއާ ބެހޭ ގަވާއިދުގެ ދަށުން ކޯޓުތަކަށް އޮވެ އެވެ.

ދަރިންގެ ހަރަދު ހޯދުމަށް އެކައުންޓައް ހިފަހައްޓައި މުސާރަ ކޯޓަށް ޖަމާކުރުމަށް އަމުރުކުރުމަކީ ކުރިން ވެސް ކުރާ ކަމެކެވެ.