މާލޭ އޭ ޓީމުން 23 އަހަރުން ދަށުގެ ޓީ20 މުބާރާތް ކާމިޔާބު ކޮށްފި
މާލޭ އޭ ޓީމުން 23 އަހަރުން ދަށުގެ ޓީ20 މުބާރާތް ކާމިޔާބު ކޮށްފި

ރާއްޖޭގެ ކްރިކެޓް ބޯޑް (ސީބީއެމް) އިން 23 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒު ކޮށްގެން މި މަހުގެ 2-9 އަށް ކުރިއަށް ގެންދިޔަ ޓީ-20 ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން މާލޭ އޭ ޓީމުން ހޯދައިފި އެވެ.

މާލޭ އޭ ޓީމުން 23 އަހަރުން ދަށުގެ ޓީ20 މުބާރާތް ކާމިޔާބު ކޮށްފި
މާލޭ އޭ ޓީމުން 23 އަހަރުން ދަށުގެ ޓީ20 މުބާރާތް ކާމިޔާބު ކޮށްފި

މާލޭ އޭ ޓީމުން ވަނީ އިއްޔެ ކުޅުނު ފައިނަލް މެޗުގައި ހަ ލަނޑުން ފުވައްމުލަކު ޓީމު ބަލިކޮށްފަ އެވެ.

މާލޭ އޭ ޓީމުން 23 އަހަރުން ދަށުގެ ޓީ20 މުބާރާތް ކާމިޔާބު ކޮށްފި
މާލޭ އޭ ޓީމުން 23 އަހަރުން ދަށުގެ ޓީ20 މުބާރާތް ކާމިޔާބު ކޮށްފި

މެޗުގެ ޓޮސް ދިމާވުމުން މާލޭ އޭ ޓީމުން ނިންމީ ކުޅޭށެވެ. މި އިނިންސްގައި އެޓީމުން ވަނީ ހަތަރު ކުޅުންތެރިން ނުބައި ވެގެން 134 ލަނޑު ހަދައިފަ އެވެ. މާލޭ އޭ ޓީމުގެ ރަޔާން ތޮލާލް 39 ބޯޅައިން 31 ލަނޑު ހެދިއިރު ޝިއުސް ފަރީދު ވަނީ 44 ބޯޅައިން 45 ލަނޑު ހަދައިފަ އެވެ. އެކަމަކު ތަފާތަކަށް ވީ އަލީ އިންމާން އެވެ. އޭނާ ވަނީ ނުބައި ނުވެ 20 ބޯޅައިން 32 ލަނޑު ހަދައިފަ އެވެ.

ފުވައްމުލަކު ޓީމުން މި އިނިންސްގައި ނެގި ހަތަރު ވިކެޓުގެ ތެރެއިން ތިން ވިކެޓު ނެގީ މަބްސާރު އަބްދުﷲ އިބްރާހިމް އެވެ. ފުވައްމުލަކު ޓީމުގެ އުކުންތެރިން ކަމަށްވާ އަލީ ނަސީމް އާއި އަޒީން ރަފީގާއި މުހައްމަދު ހައިކަލް އަދި އިބްރާހިމް އަޒޫޒް އާއި މުހައްމަދު އަފްސަހު ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ޖަވާބުގައި ކުޅެން އަރައި ފުވައްމުލަކު ޓީމުން ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 129 ލަނޑެވެ.

ފުވައްމުލަކު ޓީމުން ދެވަނަ އިނިންސް ފެށީ އިތުބާރާ އެކު އެވެ. އެޓީމުން އެންމެ މޮޅަށް ކުޅުނު އަޒީން ވަނީ 39 ބޯޅައިން 61 ލަނޑު ހަދައިފަ އެވެ. އޭނާ ނުބައިވީ 14 ވަނަ އޯވަރުގެ ތެރޭގަ އެވެ. މާލޭ އޭ ޓީމުގެ މުހައްމަދު ރަޔާން ތޮލާލް ވަނީ މި އިނިންސްގައި މުހިއްމު ތިން ވިކެޓު ނަގައިފަ އެވެ. އަދި އެޓީމުގެ ތަރުޝާ ކަވިންދާ ވަނީ ދެ ވިކެޓު ނަގައިފަ އެވެ.

މާލޭ ކުޅިވަރު އެކުވެނި ކްރިކެޓް ދަނޑުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ ތިން ޓީމެއް ވާދަ ކުރި އެވެ. އެއީ ފުވައްމުލަކު ޓީމާއި މާލޭ އޭ ޓީމުގެ އިތުރުން މާލޭ ބީ ޓީމެވެ. މި ތިން ޑިވެލޮޕްމަންޓް ސްކޮޑަކީ ވެސް ކްރިކެޓް ބޯޑުގެ ބެލުމުގެ ދަށުން ތަމްރީނު ކުރަމުން އަންނަ ޓީމުތަކެކެވެ. މާލޭ އޭ ޓީމާއި ބީ ޓީމު ތަމްރީނު ކުރަނީ ކޯޗު އިސްމާއިލް ނިހާދާއި އިސްމާއިލް ނަޒުވާން އެވެ. ފުވައްމުލަކު ޓީމުގެ ފަރިތަކުރުންތައް ފުވައްމުލަކުގައި ކުރިއަށް ގެންދަނީ ރިޔާޒު ރަޝީދާއި ހަސަން މަތީއުގެ ކޯޗުކަމުގެ ދަށުންނެވެ.

މުބާރާތް ކުރިއަށް ދިޔައީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް ތިން ޓީމު ކުޅޭ ގޮތަށެވެ. ފައިނަލް ކުޅުނީ ނަތީޖާ އެންމެ ރަނގަޅު ދެ ޓީމެވެ.

މި މުބާރާތުގެ އެންމެ މޮޅު ބެޓްސްމަނަކަށް ހޮވުނީ ޝިއުސް ފަރީދެވެ. އެންމެ މޮޅު އުކުންތެރިއަކަށް ތަރުޝާ ކަވިންދާ ހޮވުނުއިރު އެންމެ މޮޅު ފީލްޑަރަކީ ނާއިލް އިސްމާއިލް ނަސީރެވެ. މި ތިން ކުޅުންތެރިންނަކީ ވެސް މާލޭ އޭ ޓީމުގެ ކުޅުންތެރިންނެވެ.

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކީ ފުވައްމުލަކު ޓީމުގެ މަބްސާރު އަބްދުﷲ އިބްރާހިމް އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ މާލޭ އޭ ޓީމުގެ ޝިއުސް ފަރީދެވެ.

މިއީ ގައުމީ ޔޫތު ޗެމްޕިއަންޝިޕްސްގެ ދަށުން ކްރިކެޓް ބޯޑުން މިއަހަރު ބޭއްވި ފުރަތަމަ މުބާރާތެވެ. ޔޫތު ޗެމްޕިއަންޝިޕްސްގައި ދެން އޮންނާނީ އަންހެނުންގެ ޓީ-20 ކްރިކެޓް ޝީލްޑް މުބާރާތެވެ. ޖޫން މަހުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މާލެ އާއި ފުވައްމުލަކުގެ އިތުރުން ލާމު އަތޮޅުގެ ޓީމުތައް ވާދަ ކުރާނެ އެވެ.