އޭބީޔޫ ސަމިޓްގެ ޕްލެޓިނަމް ޕާޓްނަރަކަށް ދިރާގު
އޭބީޔޫ ސަމިޓްގެ ޕްލެޓިނަމް ޕާޓްނަރަކަށް ދިރާގު

އިއްޔެ ފެށި މި އަހަރުގެ އޭބީޔޫ މީޑިއާ ސަމިޓްގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ބައިވެރިވެއްޖެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ބްރޯޑްކާސްޓިން ޔޫނިއަން، އޭޝިއާ-ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ) އަދި ޕީއެސްއެމުން ގުޅިގެން އިއްޔެ ފެށި އެ ސަމިޓް ކުރިއަށް ގެންދަނީ މިއަދުގެ ނިޔަލަށެވެ.

ކްރޮސްރޯޑްސްގައި ކުރިއަށް ގެންދާ މި އަހަރު ސަމިޓްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރަނީ މޫސުމަށް އަންނަ ބަދަލުތަކާއި އެކި ކާރިސާތަކުން ރައްކާތެރިވުމަށް ކުރަންޖެހޭ މަސައްކަތުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމުގައި މީޑިއާގެ ދައުރަށެވެ. ކްލައިމެޓް ސައިންސްގެ އެންމެ ފަހުގެ ހޯދުންތަކާއި ބްރޯޑްކާސްޓަރުންނަށް އެ މައުލޫމާތު ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތަކާއި އެ މައުލޫމާތާއި ވަށައިގެންވާ ތަފާތު މައްސަލަތަކާއި ބެހޭ ގޮތުން ވެސް މަޝްވަރާ ކުރާނެ އެވެ.

އޭބީޔޫ ސަމިޓްގެ މި އަހަރުގެ ޝިއާރަކީ "ފްރޮމް އެޓޯލްސް ޓު އާލްޕްސް އެންޑް އެރިޑް ލޭންޑްސް: ކޮމިއުނިކޭޝަން ދަ ކްލައިމެޓް ޗޭންޖް ޗެލެންޖް" އެވެ.

ދިރާގުން ބުނިގޮތުގައި ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި އެ ސަމިޓްގައި ބައިވެރިވީ އެއީ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތަށް ބަރު އަޅާ ސަމިޓަކަށް ވުމުންނެވެ. އެ ކުންފުނިން މަސައްކަތް ކުރަނީ އެ ފަދަ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ކަމަށް ވެސް ދިރާގުން ބުންޏެވެ.

ތިމާވެށި ހިމާތްކުރުމުގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.