10 މެއި 2023 - 06:18

(އާދިއްތަ ދުވަހާ ގުޅޭ)
"އަހަރެން މި ދަނީ." އާމިރާގެ ނިންމުން ބަދަލެއް ނުކުރި އެވެ.
އާމިރާ ގޮސް ކޮޓަރި އަށް ވަނެވެ. ފައިސަލަށް ވިސްނަން ހުރެވުނީ އެވެ. ދެބަސްވެ އަރައިރުންވުމަކީ އަލަށްވާ ކަމެއް ނޫނެވެ. ކޮންމެ ކަމެއް ކޮށްފައި ވެސް އާމިރާގެ ބޮލުގައި އެ ކަމެއް އަޅުވައިފައި ފަސޭހަކަމާ އެކު ފައިސަލަށް ސަލާމަތްވެވެ އެވެ. ފުރަތަމަ ފަހަރަށް އެހެން ނުވުމުން، އެ ކަން ބަލައިގަންނާކަށް ފައިސަލަކަށް ފަސޭހައެއް ނުވި އެވެ. އެ ފަހަރަކީ، ދެން އާމިރާ ނުހިފޭއްޓޭނެ ކަމާއި ދަރިފުޅު ބެލުމުގެ ހުރިހައި ޒިންމާއެއް ތިމާގެ ބޮލުގައި އެޅެން އުޅޭހެން ފައިސަލަށް ހީވި ފުރަތަމަ ފަހަރު ވެސް މެ އެވެ. ފާޑެއްގެ ބިރަކާއި ނުތަނަވަސް ކަމެއް ވެސް އުފެދުނު ފަހަރެވެ. ފައިސަލަކީ އޮފީސް ވަޒީފާގެ އިތުރުން ކުޑަ ވިޔަފާރިއެއް ވެސް ހިންގާ މީހެކެވެ. ވީމާ ދަރިފުޅު ބަލަމުން، އޮފީހަށް ދަމުން، ފިހާރަ އަށް ވަންނާނެ ވަގުތެއް ނުވާނެ ކަމުގެ ރަތް ސިގްނަލު ވެސް ދިއްލެން ފެށި އެވެ. ކޮންމެ އެއްޗެކޭ ކިޔައިގެން ވިޔަސް އާމިރާ ހުއްޓުވުން ފައިސަލަށް މަޖުބޫރެވެ.
"އޯކޭ!" ފައިސަލް ކޮޓަރި އަށް ވަދެފައި ބުންޏެވެ. "ސޮރީ! ދެން ރުޅިމަޑުކުރޭ! ހިނގާ ޒިޔާނަށް ގޮވައިފައި ސަޕްރައިޒް ދެމާ! ހިނގާ ކޭކު ފަޅަން. ސެލެބްރޭޓު ކުރަން މާދަމާ ރެސްޓޯރަންޓަކަށް ދާނީ. ޕިއްޒާހަޓް، ކޭއެފްސީ، ބާގަކިންގް، ކޮޕީކްލަބް، މެންހާޓަން. ބޭނުން ތަނެއް ބުނޭ! ޖެން ވެސް އޯކޭ."
ފޮށްޓަށް އެއްޗެހި އަޅަން ހުރި އާމިރާ އަށް ފައިސަލްގެ އަޑު ނީވޭ ކަހަލަ އެވެ. އެއްޗެއް ނުބުނި ތަނުގައި ބަލައި ވެސް ނުލި އެވެ.
"ތި ގޮތަށް ފިރިމީހާއާ ރުޅިހަދާލައިފައި ދިޔުމަކީ ކިހާ ގޯސް ކަމެއް ކަން އާމިރާ އަށް އެނގޭތަ؟" ފައިސަލް ދެން ނެގީ ދީނީ ކާޑެވެ. "ދަރިފުޅަށް އެންމެ މުހިންމު މީހަކީ މަންމަ. އެހެންވެ މަންމަގެ ފައިތިލަ ދަށުގައި ސުވަރުގެ އޮންނަނީ. މަންމަގެ ލޯބިން ދަރިފުޅު މަހުރޫމް ކޮށްލުމަކީ ހާދަ ބޮޑު ފާފައެކޭ."
ފައިސަލް އެ ތަނުގައި ހުރިހެން ދެން ވެސް އާމިރާއަކަށް ހިއެއް ނުވި އެވެ. އަލަމާރިން ދެ ހެދުން ނަގައިފައި އެ އަށް ބަލަހައްޓައިގެން ހުރެފައި، މަޑުމަޑުން ބުނެލި އެވެ. ގެންދަންވީ ކޮން ހެދުމެއްބާ އެވެ؟ އަމިއްލަ ނަފުސާ ވާހަކަ ދައްކާ އިރު ވެސް ފައިސަލާ ވާހަކަ ދައްކާކަށް އާމިރާ ބޭނުމެއް ނުވި އެވެ.
"މި ގެ އިން ނުކުމެގެން ކޮން ތާކަށް އާމިރާ ދާނީ؟" ފައިސަލް އެހި އެވެ.
އާމިރާ އަށް އެ އަޑުއިވުނެވެ. ދެން ވެސް ފައިސަލާ ދިމާއަކަށް ނުބަލަ އެވެ.
"އަހަރެންގެ ފެމެލީ ދިރިއުޅެނީ އިންޑިޔާގައި،" ކުރާ ކަމެއް ކުރަމުން އާމިރާ ބުންޏެވެ. "މަ ދާން ވެސް އޮންނާނީ އެ ތަން."
"އެކަމަކު މި ރެޔަކު ނުފުރޭނެތާ؟" ފައިސަލް ބުންޏެވެ. "މިރޭ ކޮން ތާކަށްހޭ ތި ދަނީ؟"
"ތި ކަމާ ވިސްނާނީ ފަހުން،" އާމިރާ ދިނީ ފިނި ޖަވާބެކެވެ. "ޒިޔާންގެ ނޭފަތަށް ޖަހާ ބޭސް އެހެރީ! ކޮންމެ ރެޔަކު ނިދުމުގެ ކުރިން ޖަހާތި! ޓިއުޝަން ޓީޗަރުގެ ނަންބަރު އޮންނާނެ ޒިޔާން އަތުގައި. ހެނދުނު ޒިޔާން ކާނީ ވަކި ވައްތަރެއްގެ ކޯންފްލޭކްސްއެއް. ސީމާ އަށް އެނގޭނެ ނަން. ޒިޔާން ބޭނުން ވާނެ ޒިޔާން ބަލާ ބައްޕަ ނޫނީ މަންމަ ސްކޫލަށް އަންނަން. ނިމޭ ގަޑި ހަނދާން އެބަހުރިތަ؟"
އެ ކަމާ ވިސްނާކަށް ވެސް ފައިސަލް ބޭނުމެއް ނޫނެވެ. ފައިސަލަކަށް އެ ކަންކަމެއް ނުވާނެ އެވެ.
"އާމިރާއަކަށް ތިހެނެއް ނުދެވޭނެ." ފައިސަލް ބުންޏެވެ.
"އަދިވެސް ހަމަ ޖަދަލު!" ފޫހި ގޮތަކަށް އާމިރާ ބުނެލި އެވެ.
ފޮށްޓަށް އެއްޗެހި އެޅުން އެ ހިސާބުން ހުއްޓައިލުމަށް ފަހު، ފޮށި ހިފައިގެން އާމިރާ ނުކުންނަން ހިނގައިގަތެވެ. އޭރު ގަޑިން ދަންވަރު ދޭއް ޖަހައި ބޮޑުވެއްޖެ އެވެ. އެޕާޓުމަންޓުގެ ދޮރާ ހަމައިން އާމިރާގެ އަތުގައި ފައިސަލް ހިފެހެއްޓި އެވެ.
"ދަންވަރު ގަޑީގައި ތިހެން ނުކުންނާކަށް ނުވާނެ." ފައިސަލް މަޑުމަޑުން ބުންޏެވެ.
"އެހެންތަ؟ އަހަރެން ދެކެ ފައިސަލް އެހާ ލޯބިވޭ؟" ރުޅި އައިސްފައި އެކަމަކު މަޑުމަޑުން އާމިރާ ބުންޏެވެ. "ތި އުޅެނީ އަހަރެން ގޮސްދާނެތީ ބިރުން. އަހަރެން ދިޔައީމާ ދަރީގެ ކަންކަން ނުބެލޭނެތީ. ހާސް ނުވޭ! މަ މިއީ މެއިޑެއް. މަ ދިޔައީމާ އެހެން މެއިޑެއް ގެންނާނީ. ސީމާ ވެސް އެހެރީނު. މި ފެމެލީ އަށް މަ މުހިންމެއް ނޫނޭ. ސައުވީސް ގަޑިއިރުގެ ތެރެއިން އެންމެ ދެ މިނިޓް ވެސް އަހަންނާ ވާހަކަ ދައްކާލަން ފައިސަލް އަކަށް ޓައިމެއް ނުވޭ! އޮފީހުގަ އުޅެންޏާ ބިޒީ. ފިހާރައިގައި އުޅެންޏާ ބިޒީ. ގެ އަށް ވަދެއްޖެއްޔާ ކަންފަތުން ފޯނެއް ނުނެއްޓޭނެ. ދޫކޮށްލާ! މަށަކަށް ނޫޅެވޭނެ މި ތާކު."
"ތިހެން ނަހަދާ އާމިރާ! ޕްލީޒް!" ފުރަތަމަ ފަހަރަށް ފައިސަލް އާދޭސްކުރި އެވެ. "ދަރިފުޅަށްޓަކައި މަޑުކުރޭ!"
"އެ ވަރުން ވެސް އާމިރާ އަށް ޓައިމް ދޭނަމެކޭ ނުބުނެވުނެއްނު!" އަތް ފޮޅުވައިލަމުން އާމިރާ ބުންޏެވެ.
އާމިރާ ނުކުމެގެން ދަމުން ތަންކޮޅެއް ބާރަށް ދޮރު ޖެހި އެވެ. ފައިސަލް ގަބުވެފައި ހުރީ އެވެ. އަޑެއް އިވިގެން ސީމާ ކޮޓަރީގެ ދޮރު ހުޅުވައިލި އެވެ. ފައިސަލް ފެނުމުން، ވެގެން އުޅޭ ގޮތް ސީމާ އަށް ލަފާކޮށްލެވުނެވެ. ފައިސަލް ދޮރު ހުޅުވައިލައިފައި ބޭރަށް ނުކުތެވެ. އޭރު އާމިރާ ފޮށި ދަމަމުން ދެ އެވެ. ފަހަތުން ދާން ފައިސަލް ހިތަށް އެރި އެވެ. އެހެނަސް އާމިރާގެ ގޮތްދޫނުކުރުން ހުންނަ ވަރު ފައިސަލަށް އެނގެ އެވެ. އާމިރާ ދެން ނާންނާނެކަން ވެސް އެނގެ އެވެ. ފައިސަލް ފޯނު ނަގައިފައި އާމިރާ އަށް ގުޅި އެވެ. ފޯނު ރަނގަބީލުވެ އެވެ. އާމިރާ ފޯނެއް ނުނެގި އެވެ. ފަޅު، ހަމަހިމޭން މަގުގައި އެއް އަޑަކަށް ހުރީ އާމިރާގެ ފޮށީގެ ފުރޮޅުން އިވޭ އަޑެވެ. ފަރުވާކުޑަކުރުމުގައި ފައިސަލަށް މާ ގިނަ ވަގުތު ބޭކާރުކުރެވުނީ އެވެ. މައްސަލައަކީ އެއީ އެވެ.
އެނދުގައި އޮށޯވެލައިގެން ގަޑި އަށް ބަލަހައްޓައިގެން ފައިސަލް އޮތެވެ. ގޭގައި އާމިރާ އުޅުނު ހުރިހައި ދުވަހަކު، އާމިރާގެ މުހިންމު ކަމެއް ފައިސަލަކަށް ނުވިސްނެ އެވެ. އެއް ހަގީގަތް ފައިސަލަށް ގަބޫލު ކުރެވުނެވެ. މީހެއްގެ މުހިންމުކަން އިހުސާސް ކުރެވެނީ އެ މީހަކު ނެތީމަ އެވެ. ހެނދުނު ހޭލައިފައި ޒިޔާންގެ ފުރަތަމަ ސުވާލަކަށް ވާނީ މަންމަ ކޮބައި ހެއްޔެވެ؟ އެއް ހާސް ޖަވާބު ވިސްނައިގެން ވެސް ޒިޔާނަށް ދޭނެ ޖަވާބެއް ފައިސަލަކަށް ނުވިސްނުނެވެ. އެހައި ކުޑަކުޑަ ކަމަކުން ވެސް ފައިސަލް ވީ ނާކާމިޔާބެވެ. ދެން ހުރި ކަންކަން ވިސްނާކަށް ވެސް ފައިސަލް ބޭނުމެއް ނޫނެވެ.
ހެނދުނު ޒިޔާން ހޭލުމުގެ ކުރިން ފައިސަލް އޮފީހަށް ދިޔަ އެވެ. އެ ކަމާ ކުރިމަތިލާނެ ހިތްވަރު ފައިސަލަށް ނުލިބުނީ އެވެ. އޮފީހުގައި ފައިސަލަށް އިނދެވޭ ވަރެއް ނުވި އެވެ. ފޯނަކަށް ފަހު ފޯނެއް އާދެ އެވެ. އޮފީހުގެ އެންމެ ގާތް އެކުވެރިޔަކީ ސިރާޖެވެ. އޭނަ އަށް ފެންނަމުން ދިޔައީ ކުރިން ނުފެންނަ މަންޒަރެކެވެ.
"ކުރުދޮށީގެ ދުވަހެއްތޯ؟" ސަމާސާ ރާގެއްގައި ސިރާޖު އެހިއެވެ.
"ވަން މިނިޓް!" ފައިސަލް ބުންޏެވެ.
ފޯނު ނެގުމަށް ފަހު، ފުއްކުދި ވާހަކަތަކެއް ދައްކައިފައި ފައިސަލް ފޯނު ޖީބަށްލި އެވެ.
"ނަގިލި ކަހައިލައިގެން މި އުޅެނީ،" ފައިސަލް ޖަވާބުދިނެވެ. "އެބަ އަންނަން. ކޮފީއަކަށް ދާން ވާނެ."
ނަގިލި ކަހައިލުމުގެ މާނައަކީ، އަނބިމީހާ ރުޅި ހަދައިލައިފައި ދިޔުމެވެ. ސިރާޖަށް ވެސް އެ ކަން އެނގެ އެވެ. ފައިސަލް ގެއަށް ދިޔަ އިރު ގޭތެރޭގައި އޮތީ މައްސަލަ ވަރަށް ބޮޑުވެފަ އެވެ. އާމިރާ ވީ ތަނެއް ޒިޔާނަށް ނޭނގުމާއި އެ ސުވާލުގެ ޖަވާބު ސީމާ ނުދިނުމުގެ މައްސަލަ އެވެ. އޭރު ވެސް އެ ބަހުސު ދިޔައީ ކުރެވެމުންނެވެ. ފައިސަލް ފެނުމާއެކު ޒިޔާން ސައިބޯން އިނދެފައި ދުވެފައި އަ އެވެ.
"ބައްޕާ! މަންމަ ކޮބާ؟" ދެ ބަހުން އެއް ބަސް އިނގިރޭސިކޮށްގެން ޒިޔާން ވާހަކަ ދެއްކި އެވެ. "މީނަ ވެސް ނުބުނި. މަންމަ އަށް ފޯނުކޮށްބަލަ! މިއަދު ދިވެހި ކޮސްޓިއުމެއް ލައިގެންނޭ ސްކޫލަށް ދާން ޖެހެނީ. ކޮބާ ކޮސްޓިއުމް؟"
ގަސްދުގައި ނުވަތަ ނޭނގި ނަމަވެސް، އާމިރާ އެ ކަހަލަ ވާހަކައެއް ނުބުނެ އެވެ. ފައިސަލް ގުޅަން ޖެހޭނީ އާމިރާ އަށެވެ. އޭނަ ހުރި ތަނެއް ފައިސަލަކަށް ނޭނގެ އެވެ. ފޯނު ނުނަގާނެކަން ވެސް ކަށަވަރެވެ. ގެއިން ނުކުތް ފަހުން ފައިސަލް ގުޅި އެއްވެސް ކޯލެއް އާމިރާ ނުނަގަ އެވެ.
"ދެން މިއަދު ދިވެހި ކޮސްޓިއުމް ނުލާނީ. އޯކޭ ވާނެ." ފައިސަލް އެދުނެވެ.
"ނޯ! ޓީޗަރު ރުޅި އަންނާނެ،" ޒިޔާން އެއްބަހެއް ނުވި އެވެ. "މަންމަ އަށް ގުޅާބަލަ! ކޮން ތާކަށްތަ މަންމަ ދިޔައީ؟ ޑެޑީ ކީއްވެ ރޭގައި ނައީ؟"
އާމިރާ ދިޔަތާ ދެތިން ގަޑިއިރު ވެސް ނުވަނީސް ފައިސަލްގެ ސިކުނޑި ސުމަކަށް ދިޔަ އެވެ. ހަދާނެ ގޮތް ހުސްވި އެވެ. ޒިޔާނަށް ދައްކާލަން އާމިރާ އަށް ގުޅާ ކަމަށް ފައިސަލް ހެދުނެވެ. އެހެނަސް އާމިރާއަކަށް ނުގުޅަ އެވެ. އެހައި އަވަހަށް ގޮތް ހުސްވުމަކީ ފައިސަލްގެ ނަޒަރުގައި ލަދުވެތި ކަމެކެވެ. އާދޭސް ކުރެވިއްޖެ އެވެ.
"މަންމަ ފޯނެއް ނުނަގައޭ! ޑެޑީ އަށް ފެންނަ ގޮތް ބުނަން؟" ޒިޔާން ގެންގޮސް ގޮނޑީގައި ބައިންދައިފައި ފައިސަލް ބުންޏެވެ. "މިއަދު ހިނގާ ސްކޫލް ކެންސަލް ކުރަމާ! މިއަދަކީ ބާތުޑޭ ހޮލިޑޭ! ކިހިނެއް ވާނެ؟"
ޒިޔާނަށް ކުޑަކޮށް ރޮވޭ ގޮތްވި އެވެ. ދިވެހި ހެދުން ލައިގެން މަދަރުސާ އަށް ދާން ޒިޔާން ވަރަށް ބޭނުމެވެ. ފައިސަލް ޖެހުނީ ދެވަނަ ވިސްނުމަކަށް ދާށެވެ.
"ޑެޑީ އޮންނާނެ ދަރިފުޅުގެ ހަދިޔާ ގެނެސްފައި. އެއީ ވަރަށް ބޮޑު ސަޕްރައިޒެއް،" ފައިސަލް ބުންޏެވެ. "ލޯމަރައިގެން އިންނައްޗޭ! ޔޫ ވިލް ލަވް އިޓް!"
ވަގުތުން ޒިޔާންގެ މޫނުމަތިން އުފާވެރިކަން ފާޅުވި އެވެ. ފައިސަލް ގޮސް ހަދިޔާ ހިފައިގެން، ދެ އަތް ފުރަގަހަށް ލައިގެން އަ އެވެ. ޒިޔާން އިނީ ލޯ މަރައިގެންނެވެ. ފައިސަލް އެދުމުން ލޯ ހުޅުވި އެވެ. ޒިޔާނަށް ލިބުނީ ޒިޔާން އުންމީދުކުރި އެއްޗެއް ނޫނެވެ. އެ އަށް ވުރެ ވަކި ދެރަ އެއްޗެއް ވެސް ނޫނެވެ.
"މިއީ ދަރިފުޅުގެ ފުރަތަމަ ފޯނު. ސިމް ވެސް ލައްވާ، ހުރިހާ ކަމެއް ކޮށްފައި އޮންނާނީ،" އުފާވެރިކަން ފާޅުކުރަމުން ފައިސަލް ބުންޏެވެ. "މަންމަ ދިޔައީ ރައްޓެއްސެއްގެ ގެއަށޭ! ހިނގާ ގުޅާފައި އަހަމާ ކޮން އިރަކުންހޭ އަންނަނީ؟"
ޒިޔާން ވަރަށް އުފާވެފައި ފޯނު ނެގި އެވެ. ފޯނު މަތީގައި ލޯބިން ފިރުމައިލި އެވެ. އާމިރާގެ ނަންބަރު ރައްކާކޮށް، ފަސޭހައިން ގުޅޭނެ ގޮތް ހަދައިފައި ވުމުން އެ ނަންބަރަށް ގުޅައިދިނީ ފައިސަލެވެ. އާމިރާ ފޯނެއް ނުނެގި އެވެ.
"ނޭނގޭ ނަންބަރަކުން ގުޅާތީ މަންމަ ނުނެގީކަން ނޭނގޭ،" ފައިސަލް ބުންޏެވެ. "ހިނގާ މެސެޖެއް ފޮނުވަމާ! ދަރިފުޅު މެސެޖު ލިޔޭ! ބުނޭ މިއީ ޒިޔާންގެ އާ ފޯނޭ. ފޯނު ނަގާށޭ!"
އެ މެސެޖު ފޮނުވައިލުމަށް ފަހު، އަނެއްކާ ޒިޔާން ގުޅި އެވެ. ހަމަ ގުޅާ އިރަށް އާމިރާ ފޯނު ނެގި އެވެ. (ނުނިމޭ)