09 މެއި 2023 - 17:30

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ ހައިކޯޓުގެ ބޭރުން ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިއަދު ހައްޔަރުކޮށްފި އެވެ.
އިމްރާން ޚާން ކޯޓަށް ހާޒިރުވެވަޑައިތީ ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި ކުރާ ދައުވާގެ ޝަރީއަތަށެވެ. އެއީ ސިޔާސީ ދައުވާތަކެއް ކަމަށް އޭނާ ވިދާޅުވެ އެވެ.
އިމްރާން ހައްޔަރުކުރީ ކޯޓުގެ ގޯތިތެރެއަށް ވަދެވަޑައިގަތުމާ އެކު، ހަތިޔާރުއެޅި ވެހިކަލްތަކުގައި ތިބި ޕެރަމިލިޓަރީންނެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު ބޮޑުވަޒީރުކަމުން ދުރުކުރި ފަހުން އިމްރާން ގެންދަވަނީ އަވަސް އިންތިހާބަށް ކެމްޕެއިން ކުރައްވަމުންނެވެ. އާންމު އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅުގަ އެވެ.
އިމްރާން ވެރިކަމުން ދުރުކުރި ފަހުން އޭނާއާ ދެކޮޅަށް ވަނީ ދިހަވަރަކަށް މައްސަލަ ހުށަހަޅާފަ އެވެ. މީގެ ކުރިން ވެސް ސަލާމަތީ ބާރުތަކުން އޭނާ ހައްޔަރުކުރަން އުޅުނަސް ސަޕޯޓަރުން ހުރަސްއެޅީ އެވެ.
އަދި ހިނގާލުމެއްގެ ތެރެއިން އޭނާ އަށް ބަޑިން ހަމަލާދީ ޒަހަމް ވެސް ކޮށްލި އެވެ.
އިމްރާން އަވަހާރަކޮށްލަން ސިފައިންގެ ވެރިޔަކު ރާވާކަމަށް އިމްރާން ތުހުމަތުކުރެއްވުމުން އަސްކަރިއްޔާއިން އިއްޔެ ވަނީ އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް އިންޒާރު ދީފަ އެވެ.