ރަޝިޔާގެ މުސްކުޅި ޓޭންކުތައް ހަނގުރާމައަށް
ރަޝިޔާގެ މުސްކުޅި ޓޭންކުތައް ހަނގުރާމައަށް

ރަޝިޔާގައި މީގެ 75 އަހަރު ކުރިން އުފައްދައި ބޭނުންކުރަން ފެށި އަސްކަރީ ޓޭންކުތައް، މިހާރު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުން ދާ ހަނގުރާމައިގައި ބޭނުންކުރަން ފަށައިފި އެވެ.

ރަޝިޔާގެ މުސްކުޅި ޓޭންކުތައް ހަނގުރާމައަށް
ރަޝިޔާގެ މުސްކުޅި ޓޭންކުތައް ހަނގުރާމައަށް

ޒަމާނީ ހަތިޔާރު އުފެއްދުމުގައި ނަން މަޝްހޫރު ރަޝިޔާ އިން، މުސްކުޅި ޓޭންކުތައް ހަނގުރާމައިގެ މައިދާނަށް މި ނެރެން ފެށީ، ފެބްރުއަރީ 24، 2022 ގައި ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމަ އަށް އަހަރަކާއި ދެ މަސް ފުރިގެން ދިޔައިރު، ގިނަ އަދަދެއްގެ އަސްކަރީ ސާމާނު ހަލާކުވުމާ ގުޅިގެންނެވެ. ޔޫކްރޭން ސިފައިން ދެމުންދާ ދިފާއީ ހަމަލާތަކުގައި ރަޝިޔާގެ ވަރަށް ގިނަ އަދަދެއްގެ ޒަމާނީ ހަތިޔާރާއި އަސްކަރީ ޓޭންކުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.

ރަޝިޔާގެ ވެރިރަށް މޮސްކޯގައި ހުންނަ އަސްކަރީ ގުދަންތަކުގައި ހުރި ދުވަސްވީ ޓޭންކުތަކެއް، މުދާ އުފުލާ ރޭލުތަކެއްގައި މޮސްކޯ އިން އެންމެ ފުރަތަމަ ބޭރަށް ގެންދަން ފެށީ މިދިޔަ މާޗް މަހުގެ ފަހުކޮޅުގެ ތެރޭގަ އެވެ. އޭގެ ފަހުން މިދިޔަ މަހުގެ ތެރޭގައި ވެސް، އެފަދަ ޓޭންކުތަކެއް، މުދާ އުފުލާ ރޭލުތަކެއްގައި، ރަޝިޔާ އާއި ޔޫކްރޭން ގުޅޭ ސަރަހައްދީ އިމާ ކައިރި އަށް ގެންދަނިކޮށް ފެނިފައިވެ އެވެ.

ޔޫކްރޭން ހަނގުރާމައިގައި ބޭނުންކުރުމަށް ރަޝިޔާ އިން މިފަހަރު ނެރުނު މުސްކުޅި ޓޭންކުތަކަކީ، ދެ ވަނަ ބޮޑު ހަނގުރާމަ ނިމުމަށް ފަހު، ކުރީގެ ސޮވިއެޓް ޔުނިއަންގެ އަސްކަރިއްޔާ އިން 1948 ވަނަ އަހަރު ޚިދުމަތަށް ނެރުނު ޓީ-55 މަރުކާގެ ޓޭންކުތަކެކެވެ. މި ބާވަތުގެ ބައެއް ޓޭންކުތައް، ރަޝިޔާގެ އެކި ސަރަހައްދުތަކުގައި ހުރި ދާރުލްއާސާރުތަކަށް ވެސް ވަނީ ލައިފަ އެވެ.

އަސްކަރީ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި، ޓީ-55 މަރުކާގެ ޓޭންކުތަކަކީ ދުވަސްވެ މުސްކުޅިވެފައިވާ ޓޭންކުތަކެއް ނަމަވެސް، އަދި މި ޒަމާނުގެ ލުއިފަސޭހަ ވަސީލަތްތައް އެ ޓޭންކުތަކުގައި ނެތަސް ވެސް، ހަނގުރާމައިގެ މައިދާނުގައި އޭގެ ބޭނުން ވަރަށް ރަނގަޅަށް ހިފޭނެ އެވެ.

ޓީ-55 މަރުކާގެ ޓޭންކަކީ، ދެ ވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ރަޝިޔާ ސިފައިން ބޭނުންކުރި ޓޭންކުތަކުގެ ތަޖުރިބާ އަށް ބަލައިގެން، ފިނި ހަނގުރާމައިގެ ދުވަސްވަރު ހުޅަނގުގެ ގައުމުތަކާ ވާދަ އަށް އުފެއްދި ހަތިޔާރުތަކުގެ ތެރެއިން ހަތިޔާރެކެވެ. ރަޝިޔާ ސިފައިން މި ބާވަތުގެ ޓޭންކު އެންމެ ގިނައިން ބޭނުންކޮށްފައިވަނީ، އަފްޣާނިސްތާނު އަޅުވެތިކޮށްގެން އުޅުނު ދުވަސްވަރު، އަފްޣާނިސްތާނުގެ މުޖާހިދުންނާ ދެކޮޅަށް ކުރި ހަނގުރާމައިގަ އެވެ.

އޭގެ އިތުރުން، ރަޝިޔާގެ އަސްކަރީ ނުފޫޒު އޮތް ގިނަ ގައުމުތަކަކަށް ރަޝިޔާ އިން ވަނީ މި ބާވަތުގެ ޓޭންކުތައް ވިއްކައިފަ އެވެ. އޭގެ ތެރޭގައި މިސްރު، ސޫދާން އަދި ޗައިނާ އާއި ކުރީގެ ޔޫގޮސްލާވިއާގެ އިއްތިހާދުގައި ހިމެނުނު ގައުމުތައް ވެސް ހިމެނެ އެވެ.