09 ޖޫން 2016 - 15:10

ނިއު ޔޯކް (ޖޫން 9) - ސަބް-ސަހަރާ އެފްރިކާ އިން ފަގީރުކަން ނައްތާލަން މައިކްރޯސޮފްޓުގެ ފައުންޑާ ބިލް ގޭޓްސްގެ "ކުކުޅު ކެމްޕޭން" ނިއު ޔޯކުގައި ލޯންޗުކޮށްފި އެވެ.

ބިލިއަނަރު ގޭޓްސް ވިދާޅުވީ ކުކުޅު ބޮޑުކޮށް ކުކުޅު ވިއްކުމަކީ ފަގީރުކަން ނައްތާލުމަށް އެހީވެދޭނެ ކަމެއް ކަމަށެވެ. ގޭޓްސް ވަނީ އެފްރިކާ އަށް އެއް ލައްކަ ކުކުޅު ހަދިޔާ ކުރައްވައިފަ އެވެ. މި ޕްރޮޖެކްޓުގެ ޕޭޖް ވަނީ އެތައް ހާސް ބަޔަކު ޝެއާކޮށްފަ އެވެ. ގޭޓްސް ވިދާޅުވީ ދަނޑުވެރިއަކަށް ފަސް ފިޔޮއް ލިބުނު ނަމަވެސް އަހަރަކު އޭނާ އަށް 1،000 ޑޮލަރަށް ވުރެ ގިނައިން އާމްދަނީ ލިބޭނެ ކަމަށެވެ. ޕަވަޓީ ލައިނަކީ 700 ޑޮލަރެވެ.
ސަބް-ސަހަރާ އެފްރިކާގައި އާދަޔާޚިލާފު ފަގީރު ކަމުގައި 41 ޕަސެންޓް މީހުން ދިރިއުޅޭ ކަމަށް އދ. އިން އަންދާޒާ ކުރެ އެވެ. އަދި ފަގީރު ހާލަތުގައި 800 މިލިއަން މީހުން ދުނިޔޭގައި އުޅެމުންދާ ކަމަށް އދ. އިން ބުނެފައިވެ އެވެ.
ގޭޓްސް ވިދާޅުވީ ކުކުޅު ޕްރޮޖެކްޓުގެ ބޭނުމަކީ އެފްރިކާގެ ރަށްފުށު ހިސާބުތަކުގެ 30 ޕަސެންޓް މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށެވެ. އަދި މިއީ އިތުރަށް އިންވެސްޓް ނުކޮށް އަބަދުވެސް ފައިދާ ލިބިލިބި ހުންނާނެ މަޝްރޫއެއް ކަމަށް ވިދާޅުވި އެވެ. މި މަޝްރޫ ގޭޓްސް ކުރިއަށް ގެންދަނީ ފަގީރުކަން ނައްތާލުމަށް ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ހެއިފާ އިންޓަނޭޝަނަލްއާ ގުޅިގެންނެވެ.