ދުނިޔޭގެ 99 ވަނައިގައި އޮތް ލެބަނާން ސާފް ޗެމްޕިއަންޝިޕަށް
ދުނިޔޭގެ 99 ވަނައިގައި އޮތް ލެބަނާން ސާފް ޗެމްޕިއަންޝިޕަށް

ފީފާ ރޭންކިންގެ 99 ވަނައިގައި އޮތް، ހުޅަނގު އޭޝިއާގެ ގަދަ ބާރެއް ކަމަށްވާ ލެބަނާން، މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާގޮތަށް ހަމަޖެހިއްޖެ އެވެ.

ލެބަނާނަކީ ސާފް އިން ދައުވަތު ދީގެން މުބާރާތުގައި ވާދަކުރާގޮތަށް ހަމަޖެހުނު ދެވަނަ ޓީމެވެ. އަނެއް ޓިމަކީ 143 ވަނައިގައި އޮތް ކުވައިތެވެ.

"ލެބަނާން ވަނީ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާނެކަން ރަސްމީކޮށް ޔަގީން ކޮށްދީފައި. އެގައުމުން ޔަގީން ކޮށްދީފައިވާ ގޮތުގައި މުބާރާތުގައި ވާދަ ކުރާނީ ލެބަނާންގެ ސީނިއާ ޓީމް،" ސާފްގެ ޖެނެރަލް ސެކްރެޓަރީ އަންވަރުލް ހާގް ހެލާލް، ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ "ދި ޑެއިލީ ސްޓާ" އަށް ވިދާޅުވި އެވެ.

"ލެބަނާނާއި ކުވައިތުގެ ބައިވެރިވުމާ އެކު ސަރަހައްދުގައި މުބާރާތުގެ ހައިބަތު އުފުލިގެން ދާނެ ކަމާމެދު ޝައްކެއް ނެތް."

ޖުމްލަ އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މި މުބާރާތުގައި ދެން ވާދަކުރާ ހަ ޓީމަކީ ވެސް ސާފްގެ މެމްބަރު ގައުމުތަކެވެ. އެއީ ދިވެހި ރާއްޖެ އާއި އިންޑިއާ އަދި ބަންގްލަދޭޝްގެ އިތުރުން ބޫޓާނާއި ނޭޕާލް އަދި ޕާކިސްތާނެވެ. ސާފް މެންބަރު ގައުމެއް ކަމަވާ ސްރީ ލަންކާ ފީފާގެ ސަސްޕެންޝަންގައި އޮތުމުން އެ ޓީމަށް ވާދަ ނުކުރެވޭނެ އެވެ.

ދުނިޔޭގެ ރޭންކިންގައި ލެބަނާން އާ އެންމެ ގާތްކުރާ ސާފްގެ މެމްބަރު ގައުމަކީ، އަށް ފަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޯށްފައިވާ އިންޑިއާ އެވެ. އެ ޓީމު އޮތީ ފީފާ ރޭންކިންގެ 101 ވަނައިގައި އޮތް އިންޑިއާ އެވެ. ރާއްޖެ އޮތީ 154 ވަނައިގަ އެވެ.

ޖޫން 21 އިން ފެށިގެން ޖުލައި ހަތަރަކާ ހަމައަށް މިއަހަރުގެ މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ އިންޑިއާގެ ބެންގަލޫރުގަ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ކުރިން އިންޑިއާގައި ބާއްވާ އިންޓަ ކޮންޓިނެންޓަލް ކަޕް މުބާރާތެއްގައި ލެބަނާން ވާދަ ކުރާނެ އެވެ. ޖޫން 9-18 އަށް ބުބަނޭޝްވަރުގައި ކުރިއަށް ގެންދާ މި މުބާރާތުގައި ލެބަނާނާއި އިންޑިއާގެ އިތުރުން ދެން ވާދަކުރާނީ މޮންގޯލިއާ އާއި ވެނުއާޓޫ އެވެ.