ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތްކުރާ ޚަލީޖް އަތުން ވެސް ރޮނާލްޑޯގެ ޓީމް މޮޅެއް ނުވި
ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތްކުރާ ޚަލީޖް އަތުން ވެސް ރޮނާލްޑޯގެ ޓީމް މޮޅެއް ނުވި

ރިޔާދު (މެއި 9) - ސައުދީ ޕްރޮފެޝަނަލް ލީގުގައި ކުޅޭ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޓީމު އައް ނަސްރު، ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތް ކުރާ އަލް ޚަލީޖް އާ ވާދަކޮށް 1-1 އިން އެއްވަރުވެ، ނަސްރުން ލީގު ހޯދުމުގެ ފުރުސަތު ހަނިވެއްޖެ އެވެ.

އަންނަ ސީޒަންގެ އޭއެފްސީ ޗެމްޕިއަންސް ލީގުން އައް ނަސްރަށް ޖާގައެއް ހޯދެން އޮތް ހަމައެކަނި ގޮތަކީ ލީގުގެ ޗެމްޕިއަންކަން ހޯދުމެވެ. ނަމަވެސް ރޭގެ މެޗުން ނަސްރަށް މޮޅެއް ނުހޯދި، އެޓީމު ދެވަނައިގައި އޮތީ އެއްވަނައިގައި އޮތް އަލް އިއްތިހާދަށް ވުރެ ފަސް ޕޮއިންޓް މަދުކޮށެވެ. ދެ ޓީމަށް ވެސް ލީގުގައި ބާކީ އޮތީ ހަތަރު މެޗެވެ.

ލީގު އެއްވަނައިގައި ގިނަ ދުވަސްތަކެއް ވަންދެން އޮވެފައި ނަސްރު ދެވަނައަށް ވެއްޓުނީ މާޗު މަހު އިއްތިހާދު އަތުން ބަލިވެގެންނެވެ. ރޮނާލްޑޯއާ އެކު ނަސްރު ވަނީ ސައުދީ ސުޕަ ކަޕާއި ސައުދީ ކިންގް ކަޕް ގެ ވެސް ސެމީ ފައިނަލުން ބަލިވެފަ އެވެ. ކިންގް ކަޕް ކާމިޔާބު ކުރާ ޓީމަކަށް ވެސް އޭއެފްސީ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބެ އެވެ.

މި މެޗުގެ ކުރިން، ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ނަސްރު ވަނީ 4-0 އިން އައް ރައީދު ބަލިކޮށްފަ އެވެ. އެ މެޗުގައި ރޮނާލްޑޯ ވަނީ ގޯލެއް ވެސް ޖަހައިފަ އެވެ. އޭގެ ކުރީ ދެ މެޗުން ވެސް ނަސްރު މޮޅު ވެފައި ނުވާއިރު ޓީމަށް ގޯލެއް ވެސް ކާޟިޔާބު ނުކުރެވުނެވެ.

އައް ނަސްރުގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ހަތަރުވަނަ މިނިޓުގައި ޚަލީޖުން ވަނީ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. މި ގޯލު އެޓީމަށް ޖަހައިދިނީ ޕޯޗުގަލްގެ ފޯވާޑް ފަބިއޯ މާޓިންސް އެވެ. މެޗުގެ 17 ވަނަ މިނިޓުގައި ނަސްރަށް އެއްވަރު ކޮށްދިނީ މި ސީޒަނުގައި ފްރާންސްގެ މާސޭ ދޫކޮށް އެޓީމަށް ބަދަލުވި ސްޕެއިންގެ ޑިފެންޑަރު އަލްވަރޯ ގޮންޒާލެޒް އެވެ.

ރޮނާލްޑޯ މި މެޗުގައި ފޮނުވާލި ހަމަލާއެއް ޚަލީޖްގެ ގޯލްކީޕަރު ދިފާއު ކުރިއިރު، އެހެން ހަމަލާއެއް ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ. އަދި ރީބައުންސް ބޯޅައަކުން ރޮނާލްޑޯ ގޯލެއް ވެސް ޖެހި އެވެ. އެހެން ނަމަވެސް ގޯލު ޖެހީ އޭނާ އޮފްސައިޑް މަގާމެއްގައި ހުރެ ކަމަށް ވުމުން އެ ގޯލު ބަލައެއް ނުގަނެ އެވެ.

މެޗަށް ފަހު ރޮނާލްޑޯ ވަނީ އޭނާގެ މެޗުގައި ބޭނުންކުރި ޖޯޒީ، އިދިކޮޅު ޓީމަށް ގޯލު ޖަހައިދިން ޕޯޗުގަލް ކުޅުންތެރިޔާއަށް ދީފަ އެވެ. ނަމަވެސް މީޑިއާގައި ސަމާލުކަމެއް ލިބުނީ، ޚަލީޖްގެ ބެކްރޫމް ސްޓާފަކު މެޗަށް ފަހު ދަނޑުމަތީގައި ރޮނާލްޑޯއާ އެކު ސެލްފީއެއް ނަގަން އުޅުމުން އޭނާ އެކަމާ ދެކޮޅު ހެދިތަން ދައްކުވައިދޭ މަންޒަރުތަކަށެވެ.

ރޮނާލްޑޯ ވަނި މެޗަށް ފަހު ވެސް އިދިކޮޅު ކުޅުންތެރިންނާ ސަލާމް ކޮށްފަ އެވެ. އެކަމަކު މެޗުގެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހިފައި ހުރި ރޮނާލްޑޯ ރުޅިއަންނަން މެދުވެރިވީ، އޭނާ ސެލްފީ ނަގަން ދެކޮޅު ހެދުމުން ވެސް ޚަލީޖްގެ ދެ ސްޓާފަކު އޭނާގެ ކޮނޑަށް އަތް ލައިގެން ސެލްފީ ނަގަން މަސައްކަތް ކުރުމުންނެވެ.