09 މެއި 2023 - 11:34

ރިޓަޔަމެންޓް ޕެންޝަން ސްކީމްގެ ދަށުން، މި އަހަރު މީހުން ހައްޖަށް ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ޕެންޝަން އޮފީހުން އިއްޔެ ހުޅުވާލައިފި އެވެ.
އެ އޮފީހުގެ އިއުލާނެއްގައި ބުނީ ހައްޖުވުމަށް މޯލްޑިވްސް ރިޓަޔަމެންޓް ޕެންޝަން ސްކީމްގެ ފައިސާ ދޫކުރުމާ ބެހޭ ގަވާއިދުގެ ދަށުން، މި އަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ ގަވާއިދުގެ ދަށުން ހައްޖަށް ގެންދިއުމުގެ ހިދުމަތް ދޭނީ ޕެންޝަން އޮފީހާ އެކު، އެއްބަސްވުން ހަދާފައިވާ، ހައްޖަށް ގެންދިއުމުގެ ހިދުމަތް ދޭ ފަރާތްތަކަށް އެކަނި ކަމަށް އިއުލާނުގައި ބުންޏެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން، މި މަހުގެ 14 އިގެ ކުރިން ސިޓީ ނުވަތަ އީމެއިލް[email protected]މެދުވެރިކޮށް ޕެންޝަން އޮފީހަށް އެކަން އެންގުމަށް ޕެންޝަން އޮފީހުން އެދުނެވެ.
ޕެންޝަން ފަންޑުން ފައިސާ ނަގައިގެން ފުރަތަމަ ފަހަރަށް ރާއްޖެއިން މީހުން ހައްޖަށް ފޮނުވީ 2019 ވަނަ އަހަރު އެވެ. އެ އަހަރު 13 މީހަކު ޕެންޝަން ފަންޑުން ހައްޖަށް ދިޔަ އެވެ. އޭގެ ފަހުން އެ ފުރުސަތު ހުޅުވާލި މިއީ އަދި ދެވަނަ އަހަރެވެ.
ޕެންޝަން އޮފީހުން ކަނޑައަޅާފައިވާ ގޮތުން، ޕެންޝަން ފަންޑު ބޭނުންކޮށްގެން ހައްޖަށް ދެވޭނީ ރިޓަޔަމެންޓް ބެލެންސް އަށް 336،000ރ. ޖަމާވެފައިވާ މީހުންނަށެވެ. އެ އަދަދު ހަމަވިޔަސް ހައްޖަށް އެއް ފަހަރު ގޮސްފައިވާ މީހަކަށް އެ ފައިސާ ބޭނުމެއް ނުކުރެވޭނެ އެވެ. ހައްޖު އަދާކުރަން ޕެންޝަން ފަންޑުން ދެނީ ހަރަދުގެ 50 ޕަސެންޓެވެ.