25 ޖެނުއަރީ 2017 - 06:15

ނޮކިއާ ދެރަކޮށްލުމުގެ ނިޔަތެއް ނެތެވެ. ބުރުހެކޭ ކިޔައިގެން ދެރަކޮށްލެވޭނެ ގޮތެއް ވެސް ނެތެވެ. ބުރުގައި ހުރި މޮޅުކަން ހުރި އެހެން ބުރުހެއް މުޅި ދުނިޔޭގައި ވެސް ނެތެވެ. މިއީ މި ޒާތަށް ބަޔަކު އުފެއްދި ފުރަތަމަ ބުރުހެވެ. ނޮކިއާއިން އުފެއްދީ "ސްމާޓް ހެއާބްރަޝް" އެކެވެ.

ޖުމުލައެއްގެ ކުރި އަށް ނޮކިއާ އަތުވެއްޖެ ނަމަ، އެ ޖުމުލައިގެ ކޮންމެވެސް ހިސާބެއްގައި، ސްމާޓްފޯންގެ ވާހަކަ އޮންނާނެ އެވެ. ނޮކިއާއާ މެދު ގިނަ ބަޔަކަށް ދެކެެވެނީ ވެސް އެ ގޮތަށެވެ. ފޯނު އުފައްދަން އެ ވަރެއް ނެތް ކުންފުންޏެއް ގޮތަށެވެ. އެކަމަކު މިފަހަރު ދައްކަން މި އުޅެނީ "ޑިޖިޓަލް ހެލްތު ސެކްޓާ" އަށް ނޮކިއާ ވަދެގެން އުޅޭ ވާހަކަ އެވެ.

ނޮކިއާއިން އުފެއްދި ފުނާއަޅާ ބުރުހުގެ މޮޅު ވާހަކަ މި ކިޔައިދެނީ އެވެ. ބުރުހުގައި މައިކަކާއި ސެންސަރުތަކެއް ވަޅުލާފައި ހުރެ އެވެ. ބޭނުމަކީ ބޮލުގައި ބުރުސްއަޅާއިރު، އިސްތަށީގަ އާއި ތަލާގައި ބުރުސް ކޭއްތޭ އަޑު އެހުމެވެ. ސެންސަރުތަކުގެ ބޭނުމަކީ އިސްތައްޓާއި ހަމުގެ "ސިއްހަތު" ދެނެގަތުމެވެ.
ބޮލުގައި ބުރުސްއަޅަމުން ދާއިރު، އިސްތައްޓާއި ހަމުގެ ދުޅަހެޔޮ މިންވަރު، ސްމާޓް އެޕްލިކޭޝަނަކުން ބަލަމުން ދެ އެވެ. ބްލޫޓޫތު ނުވަތަ ވައިފައިގެ ޒަރިއްޔާއިންނެވެ. އިސްތަށިތަކުގެ ބުޑުގައި ތެތްކަން ހުރި މިންވަރު އަދި ހަންފޮޅުން ކަހަލަ ކަމެއް ހުރި ނަމަވެސް ދެނެގަނެ ސަމާލުކުރުވަ އެވެ. ސްމާޓް އެޕްލިކޭޝަނުން އެއްކުރާ މައުލޫމާތަށް ބުރަވެ، އެ އިސްތަށިގަނޑަކަށް އެންމެ ކަމުދާ ތެލާއި ޝޭމްޕޫ އަދި ކްރީމް ފަދަ އުފެއްދުންތަކަށް އިޚުތިޔާރު ދެ އެވެ.
މިއީ ނޮކިއާއިން ޑިޖިޓަލް ހެލްތު ސެކްޓާ އަށް ވަނުމަށް އުފެއްދި ފުރަތަމަ އާލާތެވެ. ނޮކިއާއިން އުންމީދުކުރަނީ އެ ދާއިރާގައި ބާރުގަދަކުރުމަށްޓަކައި އުފައްދާ ސްމާޓް އާލާތްތައް އިތުރުކުރުމަށެވެ.
ސްމާޓްފޯން މާކެޓްގައި އެ ވަރެއް ނެތް ވަރުގެ ކުންފުންޏަކަށް ވި ގޮތަށް، ސްމާޓް ސިއްހީ ދާއިރާގައި ވެސް ނުފޫޒު ގަދަ ކުންފުންޏަކަށް ވުމަށެވެ.