ފަހަތުން އަރައި ބުރު ބަލިކޮށް އީގަލްސް ފެށުން ރަނގަޅު ކޮށްފި
ފަހަތުން އަރައި ބުރު ބަލިކޮށް އީގަލްސް ފެށުން ރަނގަޅު ކޮށްފި

ފަހަތުން އަރައި ބުރު ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް ކްލަބް އީގަލްސް އިން މިއަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

ލީގު ފެށުމުގެ ކުރިން މި ދެޓީމު ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލްގައި ވެސް ވާދަ ކޮށްފަ އެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރު ވުމުން އީގަލްސް ކާމިޔާބުކުރީ އިތުރު ވަގުތުގައި ގޯލު ޖަހައިގެންނެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗަކީ އަލަށް ޕްރޮމޯޓްވި ބުރު ސްޕޯޓްސް ކްލަބް ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ގެ އިރުޝާދުގެ ދަށުން ކުޅޭ ބުރުން ވަނީ މެޗުގެ 14 ވަނަ މިނިޓުގައި ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. މި ގޯލަކީ މުހައްމަދު ތަޝްމީން (ތައްތި) އޭރިއާ ތެރެއަށް ތިރިތިރިން ހުރަސްކޮށްލި ބޯޅަ ކްލިއާ ކޮށްލަން އުޅުނު އީގަލްސްގެ އިމްރާން ނަޝީދު (އިންމަ) ފައިގައި ޖެހިފައި ގޯލަށް ވަން ގޯލެކެވެ.

ބުރުން ގޯލު ޖެހުމާ އެކު އީގަލްސް އިން ކުރިއަށް ޖެހިގެން ގޯލެއް ޖަހަން ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ފޮނުވާލި ބޯޅައެއް ގޯލްކީޕަރު ޝައިހާން އަލީ ދިފާއު ކުރިއިރު އީގަލްސްގެ ކެޕްޓަން އަހުމަދު ރިޒުވާން (ރިޒޭ) ފޮނުވާލި ބޯޅައެއް ގޯލާ އަމާޒެއް ނުވި އެވެ. އަދި އީގަލްސްގެ އަހުމަދު ހަސަން (އަންމަޑޭ) ފޮނުވާލި ހަމަލާއެއް ބުރުގެ ޑިފެންޑަރު މުހައްމަދު ސާއިފް ވަނީ ބްލޮކް ކޮށްފަ އެވެ.

މި ހާފުގެ ފަހުވަގުތު ބުރުގެ ކެޕްޓަން އަލީ ހަމްދާން (އައްޔަ) އެޓީމުގެ އަހުމަދު ރަޝީދު (އަންމަޑޭ) އާ އެކުވެގެން ހޯދި ހުސް ފުރުސަތެއްގައި އައްޔަ އަށް ބޯޅަ ފޮނުވާލެވުނީ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އާ ދިމާއަށެވެ. އޭގެ ކުރިން މުހައްމަދު ސާމިރު އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.

ދެވަނަ ހާފުގައި އީގަލްސް އިން ވަނީ އެޓީމުގެ ބްރެޒިލް ފޯވާޑް އިވާން ކާލޯސްގެ ބަދަލުގައި މިޑްފީލްޑަރު ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ކުޅެން އަރުވައިފަ އެވެ. މެޗުގެ 66 ވަނަ މިނިޓުގައ ނިޝާމް ދިން ބޯޅައެއް ހިފައިގެން ކުރިއަށް އަރައި ގޯލު މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިގެ އީގަލްސް އަށް އެއްވަރު ކޮށްދިނީ ރިޒޭ އެވެ.

އީގަލްސް އިން ނަތީޖާ އެއްވަރު ކުރުމާ އެކު ބުރުން އުފެއްދި ކައުންޓާ އެއްގައި އަލުން ލީޑު ނަގަން ތައްތި އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ.

ހެޑް ކޯޗް އިހުސާން އަބްދުލް ގަނީ (ސާންތި) ބަލިވެ އުޅޭތީ އެސިސްޓެންޓް ކޯޗު މުއާވިޔަތު އަންވަރު އިރުޝާދު ދިން މި މެޗުގައި އީގަލްސް އަށް ލީޑު ނަގައިދިނީ ވެސް ރިޒޭ އެވެ. މެޗުގެ 83 ވަނަ މިނިޓުގައި އޭނާ މި ގޯލު ޖެހީ މަހުދީ ފޮނުވާލި ހަމަލާއެއް ކީޕަރު ޝައިހާން ދިފާއު ކުރުމުން ލިބުނު ރީބައުންސް ބޯޅަ އެއްފަހަރުން ގޯލަށް ފޮނުވާލައިގެންނެވެ.

އޭގެ ކުރިން ޒައިން ޒަފަރު ގެ ހަމަލާއެއް ކީޕަރު ޝައިހާން ދިފާއު ކުރުމުން ލިބުނު ރީބައުންސް ބޯޅަ ރިޒޭ ގޯލަށް ފޮނުވާލި އިރު އޭނާ ހުރީ އޮފްސައިޑް މަގާމުގަ އެވެ. އޭގެ ފަހުން ޝައިހާން ވަނީ ރިޒޭ ނަގައިދިން ހިލޭޖެހުމަކުން އީގަލްސްގެ އަންމަޑޭ ބޮލުން ފޮނުވާލި ހަމަލާއެއް ދިފާއު ކޮށްފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި އީގަލްސްގެ ތިންވަނަ ގޯލު ޖަހައިދިނީ މަހުދީ އެވެ. އޭނާ މި ގޯލު ޖެހީ ޒައިން ކުރިއަށް ދިން ބޯޅައަށް މަހުދީ ހުސްކޮށް ކުރިއަށް އަރަނިކޮށް ކީޕަރު ޝައިހާން ކުރިއަށް ނުކުމެ ރަނގަޅަށް ކްލިއާ ކޮށް ނުލެވުމުގެ ފައިދާ ނަގައި މުޅިން ހުސް ގޯލަކަށް ބޯޅަ ފޮނުވާލައިގެންނެވެ.