08 މެއި 2023 - 15:12

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދުނު ކަނޑުގެ މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީފުޅު ބާތިލްކުރަން ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތުމަށް ނިންމައިފި އެވެ.
މޮރިޝަސްގެ ބޮޑުވަޒީރަށް މިދިޔަ އަހަރު ރައީސް ސިޓީފުޅެއް ފޮނުއްވީ އިނގިރޭސި ވިލާތުގެ ދަށުގައި އޮތް ޗާގޯސް، މޮރިޝަސްއާ ހަވާލު ކުރުމުގެ މައްސަލާގައި ރާއްޖެ އިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެ ކަން ހާމަ ކުރުމަށެވެ.
އެ ސިޓީފުޅު ބާތިލް ކުރުމަށާއި ސިޓީފުޅު ހާމަކޮށް އަދި އެއާ ގުޅިގެން ކޮށްފައިވާ ހުރިހާ މުއާމަލާތްތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އިތުރު ދެ ބޭފުޅެއްގެ ފަރާތުންނެވެ.
އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވިކަން އެ ކޯޓުން ކަށަވަރު ކޮށްދިނެވެ.
ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ އެ ގޮތަށް ނިންމިޔަސް، އެ ނިންމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިމުގެ މައްސަލާގައި ބައިނަލްއަގްވާމީ ޓްރައިބިއުނަލުން ނިންމީ ރާއްޖެ އަށް 47،000 އަކަ ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،000 އަކަ ކިލޯމީޓަރު ލިބޭ ގޮތަށެވެ.