09 މެއި 2023 - 06:44

ހިންދުސްތާން ޓައިމްސް އިން "އިންޑިއާސް މޯސްޓް ސްޓައިލިޝް 2023" ގައި އެންމެ ޝަރަފްވެރި އެއް އެވޯޑު ކަމަށްވާ "މޯސްޓް ސްޓައިލިޝް" އެވޯޑް ކްރިތީ ސެނޮން އަށް ލިބިއްޖެ އެވެ.

އާދިއްތަ ދުވަހުގެ ރޭ އިންޑިއާގެ މުމްބާއީގައި ބޭއްވި އިންޑިއާގެ އެންމެ ބޮޑު ސްޓައިލް އެވޯޑު ހަފްލާގައި ވަނީ އެ ގައުމުގެ ފާހަގަކޮށްލެވޭ "ސްޓައިލް އައިކަން" އިންގެ އަގުވަޒަންކޮށްފަ އެވެ. ގިނަ އަދަދެއްގެ ބޮލީވުޑް ތަރިންނާއި އެތުލީޓުންގެ އިތުރުން ވިޔަފާރިވެރިން ވެސް އެ ހަފްލާގައި ބައިވެރިވި އެވެ.

އެންމެ ސްޓައިލިޝް ސްޓައިލިސްޓުން ފެށިގެން އެންމެ ސްޓައިލިޝް ވިޔަފާރިވެރިޔާގެ އެވޯޑު ވެސް ދޭ އެ ހަފްލާގައި ދޭ ޝަރަފްވެރި "ސްޓައިލިޝް ފޯ އަ ލައިފް ޓައިމް" އެވޯޑު ހޯދީ އެކްޓަރު ކަބީރް ބެދީ އެވެ.

"އިންޑިއާގެ އެންމެ ސްޓައިލިޝް" އަންހެން މީހާގެ އެވޯޑު ލިބުނީ ބަތަލާ ޖާންވީ ކަޕޫރަށެވެ. އަދި "އިންޑިއާގެ އެންމެ ސްޓައިލިޝް" ފިރިހެން މީހާގެ އެވޯޑު ހޯދީ އަޔޫޝްމަން ކުރާނާ އެވެ. "ސްޓައިލް ލެޖެންޑު" ގެ އެވޯޑު ލިބިފައިވަނީ ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތްރާ އަށެވެ.

ޒުވާނުންގެ ތެރެއިން ފާހަގަކޮށްލެވޭ އެންމެ ސްޓައިލިޝް މީހާ އަށް ދޭ "މޯސްޓް ސްޓައިލިޝް ޔޫތު އައިކަން" އެވޯޑު ހޯދީ ބަތަލާ އަނަންޔާ ޕާންޑޭ އެވެ. ބަތަލާ ސުޝްމިތާ ސެން އަށް ވެސް ވަނީ އެ ހަފްލާގައި އެވޯޑެއް ލިބިފަ އެވެ. އެއީ "ސްޓައިލް ވިތް ސަބްސްޓެންސް" އެވޯޑެވެ.
އަގުވަޒަން ކުރުމުގެ ގޮތުން ދޭ "ބްރޭކިން ދަ މޯލްޑް" އެވޯޑް ކަޕިލް ޝަރްމާ ހޯދި އިރު، "ސްޓައިލް ހޯލް އޮފް ފޭމް - ފިރިހެން" އެވޯޑު ހޯދީ އެކްޓަރު އަކްޝޭ ކުމާރެވެ. އަދި "ސްޓައިލް ހޯލް އޮފް ފޭމް - އަންހެން" ގެ އެވޯޑު ހޯދާފައި ވަނީ ރަވީނާ ޓަންޑަން އެވެ.
ފާއިތުވި 10 އަހަރު ތެރޭ ސްޓައިލްގެ ދުނިޔޭގައި އިންޑިއާއިން އެންމެ ފާހަގަކޮށްލެވޭ މީހާ އަށް ދޭ "ސްޓައިލް އައިކަން އޮފް ދަ ޑިކޭޑް" އެވޯޑު ހޯދާފައި ވަނީ ޝިލްޕާ ޝެޓީ އެވެ.
"ހިންދުސްތާން ޓައިމްސް" އިން މި އެވޯޑު ހަފްލާ ބާއްވާ މިއީ 11 ވަނަ އަހަރެވެ. "އެޗްޓީ އިންޑިއާސް މޯސްޓް ސްޓައިލިޝް" އެވޯޑު ހަފްލާ އަކީ ގިނަބައެއްގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ކާމިޔާބު ހަފްލާއެކެވެ.