ބޯގަންވިލާގޭގެ އެއްކޮޓަރި ވަނީ އެއްކޮށް އަނދާފައި
ބޯގަންވިލާގޭގެ އެއްކޮޓަރި ވަނީ އެއްކޮށް އަނދާފައި

މ. ބޯގަންވިލާގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެ ގޭގެ އެއް ކޮޓަރި އެއްކޮށް އަނދާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ

"ރޯވި ކޮޓަރި ވަނީ ހުރިހާ އެއްޗެއްސަކާ އެކު ބޭނުން ނުކުރެވޭ ވަރަށް އަނދާފައި،" އެ ކޮޓަރީގެ ބައެއް ފޮޓޯތަކާ އެކު، އެމްންޑީއެފުން މީޑިއާ ގުރޫޕަށް ފޮނުވި މެސެޖެއްގައި ވެ އެވެ.

މަންދު ކޮލެޖްގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއީލް (އިބުރާ) އަދި މި ސަރުކާރުގެ ބައެއް އިސްވެރިންގެ ގެ، ބޯގަންވިލާގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން އިބްރާ ވިދާޅުވީ، ލިބުނު ގެއްލުންތައް މިހާރު އަންނަނީ ބަލަމުންނެވެ.

"މި ވަރު ކަމެއް ވާއިރު ގޭގެ ސްޓްރަކްޗާ އަށް ވެސް ހުންނާނީ ކޮންމެވެސް ވަރެއްގެ އަސަރު ކޮށްފައި. އެހެންވެ، ލިބުނު ގެއްލުންތައް މިހާރު މިދަނީ ބަލަމުން،" އޭނާ ވިދާޅުވި އެވެ.

ދެ ބުރިއަށް ހުންނަ ގޭގެ މަތީ ބުރީގައި ހުރި ކޮޓަރީގައި ރޯވީ ރޭގެ 11:30 ހާއިރު އެވެ. އެކަމަކު، އެމްއެންޑީއެފަށް ގުޅިތާ ފަސްވަރަކަށް މިނިޓްގެ ތެރޭގައި ސިފައިން ގޮސް އެ އަލިފާންގަނޑު ނިއްވާލި ކަމަށް އިބްރާ ރޭ ވިދާޅުވި އެވެ.

އިބްރާ ވިދާޅުވީ އެ ކޮޓަރީގައި ދިރިއުޅެނީ އޭނާގެ އެއްބަނޑުއެއްބަފާ ކޮއްކޮއެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ކޮޓަރިން އަލުން ރިކަވަރު ނުކުރެވޭ ވަރުގެ ސާމާނުތަކަކަށް ގެއްލުން ވެފައިވުމަކީ އެކަށީގެންވާ ކަމެކެވެ.

"ފަހަރެއްގައި އަލުން ރިކަވާ ނުކުރެވޭ ވަރު ސާމަނު ވެސް އަނދާފައި ހުރެދާނެ،" އިބުރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮޓަރީގައި އަލިފާން ރޯ ވުމުން ރޭ ގެއިން ކަރަންޓް ކެނޑި ކަމަށެވެ. އެހެންވެ ގޭގެ ދިރިއުޅޭ މީހުން ރޭ ނިދީ ތިމާގެ އެހެން މީހުން އުޅޭ ގެތަކުގައި ކަމަށް އިބްރާ ވިދާޅުވި އެވެ.

އިބްރާ ވިދާޅުވީ ލިބުނު ގެއްލުންތައް މަރާމާތު ކުރަން ފެށޭނީ ވެސް ގޭގެ ސްޓްރަކްޗާ އަށް ލިބުނު ގެއްލުންތައް ބެލުމަށް ފަހު އެވެ.

"އަދި އެމްއެންޑީއެފުން ބަލަން ޖެހޭ ކަންކަން ވެސް ހުނާނެ. އިންޖިނިއަރިން އާއި ސްޓްރަކްޗާ ވައިސްކޮށް ވެސް ބަލަންޖެހޭ ބެލުންތައް ނިމުނީމަ ދެއްތޯ މަރާމަތު ކުރަން ފެށޭނީ ވެސް،" އިބްރާ ވިދާޅުވި އެވެ.