24 ޖެނުއަރީ 2017 - 16:38

ވޮޝިންޓަން (ޖެނުއަރީ 24) - އެމެރިކާގެ ރައީސް ކަމުގެ ހުވާ މި މަހު 20 ވަނަ ދުވަހު ކުރެއްވުމުގެ ކުރިން ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާ ކުރިން ބައިވެރިވެވަޑައިގެންނެވި 400 އަށް ވުރެ ގިނަ ކުންފުނިން އިސްތިއުފާ ދެއްވާފައި ކަމަށް ލިޔެކިޔުންތަކުން ހާމަވެއްޖެ އެވެ.
ޓްރަމްޕް އޮގަނައިޒޭޝަނުން ސީއެންއެން އަށް ފޮނުވާފައިވާ 19 ސަފުހާގެ ސިޓީއެއްގައިވާ ވަނީ ޓްރަމްޕް އިސްތިއުފާ ދެއްވި 400 އަށް ވުރެ ގިނަ ކުންފުނީގެ ނަން ވެސް ހިމަނައިފަ އެވެ. މި މަހު 19 ވަނަ ދުވަހުގެ ތާރީޚުގައި ލިޔެފައިވާ ސިޓީގައި ސޮއިކުރައްވާފައި ވަނީ ޓްރަމްޕެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ޝޯން ސްޕައިސާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިއްޔެ ވިދާޅުވީ ވިޔަފާރިއާ ހަވާލުވެފައި ވަނީ ޓްރަމްޕުގެ ދޮށީ ދެ ފިރިހެން ބޭފުޅުން ކަމަށެވެ. މި މަހު 11 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ޓްރަމްޕް ވަނީ އޭނާގެ ފިރިހެން ބޭފުޅުން ހިމެނޭ ޓްރަސްޓަކަށް ވިޔަފާރި ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ޓްރަމްޕް އޮގަނައިޒޭޝަނުގެ ވަކީލް އެލަން ގާޓަން ސީއެންއެން އަށް ވިދާޅުވީ ޓްރަސްޓް މިހާރު އުފައްދާފައިވާ ކަމަށެވެ. އަދި ވިޔަފާރީގެ އެއްވެސް ކަމަކާ ޓްރަމްޕް އޭނާގެ ބޭފުޅުންނާ މަޝްވަރާ ނުކުރައްވާނެ ކަމަށް ކުންފުނީގެ ވަކީލުން ބުނެ އެވެ.
އެމެރިކާގެ ޑެލަވެއާ ސްޓޭޓުގައި އެކަނި ވެސް ވަނީ ޓްރަމްޕާ ގުޅުން ހުރި 300 އަށް ވުރެ ގިނަ ވިޔަފާރި ރަޖިސްޓްރީ ކޮށްފަ އެވެ.