07 މެއި 2023 - 15:23

ތައުލީމަށް އޮތީ ވަރުގަދަ ލޯތްބެކެވެ؛ އޭނާއަކީ ފުވައްމުލަކުގެ ޒަމާނީ ތައުލީމްގެ ބާނީ އެވެ.
އުމުރުން 77 އަހަރުގައި، އަބްދުލްހަމީދު އަލީ ދީދީ (ހަމީދުބެ)، އިއްޔެ އަވަހާރަވުމާ ހަމައަށް ވެސް ތައުލީމީ ދާއިރާ ދޫކޮށެއް ނުލައްވަ އެވެ. ވަޒީފާގައި ނޫޅުއްވިޔަސް ކިޔަވައިދިނުމާއި ދަރިވަރުންނާ ގުޅޭ ކަންކަން ގާތުން ބެއްލެވި އެވެ.
"މި ޖީލުގައި ސަރުކާރުގެ އިސް މަގާމެއް އަދާކުރިޔަސް ތައުލީމީ ދާއިރާގެ މީހަކަސް އިލްމީ މަސައްކަތެއް ވިޔަސް މި ރަށަށް ނިސްބަތްވާ ނަމަ ގިނަ މީހުންނަށް ހަމީދުބޭގެ އިލްމާއި އިރުޝާދު ވާނީ ލިބިފައި. އަޅުގަނޑަކީ ވެސް އޭގެތެރޭގައި ހިމެނޭ މީހެއް،" ހަމީދުބެ ސިފަކޮށްދެއްވައި ފުވައްމުލަކު ސްކޫލުގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ އަވަހާރަވީ، މުސްކުޅި ބަލީގައި ގިނަ ދުވަސްތަކެއް އުޅުއްވުމަށް ފަހު އެވެ. ގިނަ ބަޔަކަށް ފުން ހިތާމައެއް ލިބުނު މި މަރާއެކު ހަމީދުބެގެ ހިދުމަތުގެ ސޮފްހާއާ ބެހޭ ގޮތުން އެކި މީހުން ލިއުނު ގޮތުގައި، ފުވައްމުލަކަށް އެވަރުގެ ހިދުމަތްތެރިއަކު ނެތެވެ.
ފުވައްމުލަކުގެ އެންމެ ފުރަތަމަ ރަސްމީ ސްކޫލް "ފުވައްމުލަކު ސްކޫލް"، ފައުންޑަރަކީ ހަމީދުބެ އެވެ. ލިޔަންކިޔަން ދަސްކޮށްދެއްވުމުގެ ބުރަ ޒިންމާއަށް އޭނާ ނުކުމެވަޑައިގަތީ، ފުވައްމުލަކު ދޫޑިގަމު އެދުރޭގެ އަށިމަތިންނެވެ. ތައުލީމަށްޓަކައި އަމިއްލައަށް އެޅުއްވި ފުރަތަމަ ފިޔަވަޅަކީ 1969 ގައި "މަކްތަބުއް ނޫރާނިއްޔާ" ހުޅުވުމެވެ.
އެއީ، ފުވައްމުލަކު ގިނަ ބައެއްގެ ތައުލީމީ ބިންގަލެވެ. އޭގެ 17 އަހަރު ފަހުން 1989 ގައި ސްކޫލެއް އެތަނުގައި ހަދައި "ފުވައްމުލައް ސްކޫލްގެ" ގެ ނަމުގައި ހިންގަވަން ފެއްޓެވި އެވެ. އެ ކުރިއެރުން ތައުލީމީ ދާއިރާއަށް މަގު ފަހިކޮށްދެއްވައި، ސްކޫލް ހިންގަވަން ފެއްޓެވީ ހަމީދުބެގެ އަމިއްލަ ހަރަދުގަ އެވެ.
ފަހުން ޕްރައިމަރީ ސްކޫލެއްގެ ގޮތުގައި ސަރުކާރުން އެ ސްކޫލާ ހަވާލުވުމުން ވެސް ހަމީދުބެ ހިދުމަތުގައި 28 އަހަރު ދެމިހުންނެވި އެވެ.
އޭނާގެ ހިދުމަތުގެ ސޮފްހާގައި ފެންނަން އޮތީ ތައުލީމު ކުރިއަރުވަން ބެހެއްޓެވި ޝައުގުވެރިކަމެވެ. ހާއްސަކޮށް ފުވައްމުލަކުގައި ތައުލީމީ ޖީލެއް އުފެއްދުމަށް އޭނާ ކަނޑައެޅުއްވި އަޒުމު ފުރިހަމަ ކުރެއްވުމަށް ކުރެއްވި ބުރަ މަސައްކަތްތަކެވެ.
"ހަމައެކަނި ކިޔަވައި ދެއްވުން އެކަންޏެއް ނޫން. އަމަލީ ގޮތުން ދަރިވަރުންނަށް ނަމޫނާ ދެއްކެވި. ވަރަށް އަހުލާގު ރަނގަޅު ހުލުގު ހެޔޮ ބޭފުޅެއް ހަމީދުބެ އަކީ،" ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސްކޫލްގެ ނާޒިރު ކަމާއި ފަހުން ހެޑްމާސްޓަރުކަން ކުރެއްވި އިރު ވެސް އެކުގައި މަސައްކަތް ކުރެއްވި މުވައްޒަފުންނާ ވެސް އޯގާތެރި ކަމާ އެކު ނޫނީ ވާހަކައެއް ނުދައްކަވަ އެވެ.
"ދުވަހަކު ވެސް ކޯފާވެގެން މުވައްޒަފަކާ ދިމާލަށް އެއްޗެއް ވިދާޅުވެފައެއް ނެތް،" ފުވައްމުލަކު ސްކޫލްގެ އޮފިޝަލް ވިދާޅުވި އެވެ.
ސްކޫލްގެ ހެޑްމާސްޓަރުކަން ކުރެއްވިޔަސް، އެންމެ އާދައިގެ މަސައްކަތުގައި އަމަލީ ގޮތުން ހަމީދުބެ އުޅުއްވި އެވެ. އެގޮތުން ސްކޫލްގެ އިންވެންޓްރީ ބަލަހައްޓަވައި މެނޭޖް ކުރެއްވީ ވެސް އޭނާ އަމިއްލައަށެވެ.
"އިންވެންޓްރީ ލޮގް ފޮތެއްގައި ލިޔުއްވައިގެން ބަލަހައްޓަވަނީ. ސްކޫލުން ބޭރުގައި އޮންނަ ރަސްމިއްޔާތަކަށް ގޮނޑި އާއި މޭޒު ދޫކުރިޔަސް އެކަން ވެސް ބަރާބަރަށް ބައްލަވާނެ،" އޮފިޝަލް ވިދާޅުވި އެވެ.
އެ ސްކޫލުން ފާހަގަ ކުރާ ގޮތުގައި 1997ގައި އޭނާ ރިޓަޔާ ކުރެއްވިޔަސް ސްކޫލާ އޮންނަ ގުޅުމަށް ދުރުކަމެއް ނުބާއްވަވަ އެވެ. މީގެ ހަތް އަހަރު ކުރިން ހަމީދުގެ އާއިލާ މާލެ ބަދަލުވުމާ ހަމަ އަށް ސްކޫލްގެ ރަސްމިއްޔާތުތަކަށް ހަމީދު ވަޑައިގަންނަވާ ޝަރަފުވެރި ކޮށްދެވި އެވެ.
ހަމީދުބެ ކިޔަވައި ދެއްވި ދަރިވަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ފުވައްމުލަކަށް ހަމީދުގެ ފޯރުކޮށްދެއްވި ތައުލީމީ ހިދުމަތް އަގު ނުކުރެވޭނެ ކަމަށެވެ.
"ފުވައްމުލަކު ސްކޫލްގެ ބާނީ އަޅުގަނޑުގެ އުސްތާޒް އަދި އަހް އަބްދުލް ހަމީދު އަލި ދީދީއަކީ ރަށުގެ ތައުލީމަށް އަގުނުކުރެވޭ ފަދަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއް،" ނައިބު ރައީސް ވިދާޅުވި އެވެ.
ހަމީދުގެ އަނެއް ހުނަރަކީ އަރަބި ކެލިގްރަފީ އެވެ.
ސްކޫލުން ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވީ ރަށުގައި ބާއްވާ އެކިއެކި ރަސްމިއްޔާތަށް އަމިއްލަ އަތުން ކުރަހައިގެން އަރަބި ކެލިގްރަފީގެ ޑިޒައިންތައް ހަމީދުބެ ތައްޔާރުކޮށްދެއްވާފައި ކަމަށެވެ.
"ވަރަށް ރީތިކޮށް އަރަބި ކެލިގްރަފީ ލިޔުއްވާ. ހިލޭ ސާބަހަށް ރަސްމިއްޔާތުތަކަށް ބެނާތަކާއި ބެކްޑްރޮފް އަރަބި އަކުރު ޑިޒައިންތައް ތައްޔާރުކޮށް ދެއްވާ،" އޮފިޝަލް ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ތައުޒިޔާގެ މެސެޖްގައި ވެސް ވަނީ، ހަމީދުބެ އަވަހާރަވުމަކީ ފުވައްމުލަކުގެ ތައުލީމާއި މުޅި ރާއްޖޭގެ ތައުލީމީ ދާއިރާ އަށް ލިބުނު ފުން ހިތާމައެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.