07 މެއި 2023 - 07:58

(ބުދަ ދުވަހާ ގުޅޭ)
ދެވަނަ ސިކުންތުގައި އާމިރާ ގުޅައިލީ މައުރޫފަށެވެ. މައުރޫފު ފޯނެއް ނުނެގި އެވެ. ތިން ފަހަރު ގުޅައިގެން ވެސް އާމިރާއަކަށް ކާމިޔާބެއް ނުވިއެވެ. އެކަމަކު މެސެޖެއް އައެވެ.
"އަހަރެން ހިޔެއް ނުކުރަން ފައިސަލް ފޯނުނަގާފާނެކަމަކަށް،" މައުރޫފުގެ މެސެޖުގައި އޮތެވެ. "ސޮރީ."
މައުރޫފަށް ހީވީ އާމިރާ ގުޅަނީ އެ ކަމާ ރުޅިއައިސްގެން ކަމަށެވެ. ވެގެން އުޅޭ ގޮތް މެސެޖަކުން ކިޔައިދޭކަށް އާމިރާ ބޭނުމެއް ނުވި އެވެ. އަނެއްކާ ވެސް މައުރޫފަށް ގުޅި އެވެ. އާމިރާ އުންމީދުކުރި ވަރަށް ވުރެ މައުރޫފު މާ ފިނޑިއެވެ. ފޯނެއް ނުނެގި އެވެ.
އާމިރާ ވަރި ފޯމެއް ހޯދި އެވެ. ފޯމު ފުރައި ނިމުނު އިރު އާމިރާގެ ހިޔާލު ބަދަލުވެއްޖެ އެވެ. ކުރިން ހަނދާން ނުވެ އޮތް ކަމެއް ހަނދާންވީ އެވެ. ދަރިފުޅުގެ އުފަންދުވަސް އޮތީ ވަރަށް ކައިރީގަ އެވެ. އޭގެ ކުރިން އާމިރާ ހިނގައްޖެ ނަމަ ޒިޔާން ވަރަށް ދެރަވާނެ އެވެ. ދާއިރު ޒިޔާން ގޮވައިގެންދާހައި ފެންވަރެއް އާމިރާގެ ނެތެވެ.
ފައިސަލާ އެކުގައި އުޅޭ ނަމަ، ފައިސާގެ ދަތިކަމެއް އާމިރާއަކަށް ނޯންނާނެ އެވެ. އެކަމަކު ފައިސަލްގެ އަންބެއްގެ ގޮތުގައި ހުރުމުގެ މުހިންމުކަން އާމިރާ އަށް ކުޑަވާން ފެށި އެވެ. ކައިވެނީގެ މުހިންމުކަމާ މެދު ވެސް އާމިރާގެ ހިތުގައި ސުވާލު އުފެދިއްޖެ އެވެ. ރަނުން ހަދައިފައިވާ ކޮށްޓެއްގައި އާމިރާއަކަށް ނީނދެވޭނެ އެވެ. ފިރިމީހާ ބޭވަފާތެރި ވެދާނެ ކަމުގެ ބިރެއް ވެސް އާމިރާއަކަށް ނެތެވެ. އެކަމަކު، އެ ވަފާތެރިކަމުން އާމިރާއަށް ލިބުނީ އެކަނިވެރިކަން ފިޔަވައި އެހެން ކޯޗެއް ހެއްޔެވެ؟ ވީ އިރު ދެން ކޮން ކަމަކާ ވިސްނާކަށް ހެއްޔެވެ؟
އެކުވެރިންގެ ނަޒަރުގައި އާމިރާއަކީ ނަސީބު ގަދަ އަންހެނެކެވެ. އެންމެނަށް ވެސް ފެންނަނީ އާމިރާގެ ތަނަވަސް ދިރިއުޅުމެވެ. އަޅާ ހެދުންތަކާއި ގަހަނާތަކެވެ. ގެންގުޅޭ ފޯނާއި ބޭރުފުށުން ކޮށްފައި ހުންނަ މޭކަޕެވެ. ހިތުގެ އެންމެ ފުނެއް ނުފެނެ އެވެ. އެ ހިތުގައި އުފެދިފައިވާ ޝަކުވާތަކާއި ރިހުމެއް އިހުސާސެއް ނުކުރެވެ އެވެ. އެހެން މީހުން ކުށްވެރި ކުރުމުގެ ބޭނުމެއް ނެތެވެ. ފައިސަލްގެ އުޅުމަކަށް ވެސް އެއްވެސް ބަދަލެއް ނައެވެ. އެއް ވާހަކައެއް ދައްކަދައްކާ އާމިރާ ވަރުބަލި ވެއްޖެ އެވެ. އެއް މައްސަލައެއް ހައްލުކުރަން އުޅެއުޅެ އާމިރާ ފޫހިވެއްޖެ އެވެ.
"މަންމާ!" ޒިޔާން ގޮވައިލި އަޑު އިވުނެވެ.
އެ އަޑަށް އާމިރާ ސިއްސައިގެނެއް ނުދިޔަ އެވެ. އަޑު އަންނަ ދިމާއަކަށް ނުވެސް ބެލި އެވެ. ފައިސަލް ދެކެ ވާ ފޫހި މުޅި ދުނިޔެ އަށް ފެތުރިފައިވާ ކަހަލަ އެވެ.
"މަންމަ އަށް ވެސް ދުވައޭ ވަސް،" އޮތް ގޮތަށް އޮވެފައި އާމިރާ ބުންޏެވެ. "އެބަ ބަލަމޭ!"
ފޫހި ގޮތަކަށް އާމިރާ ތެދުވި އެވެ. ފުން ނޭވައެއް ބޭރުކޮށްލި އެވެ.
"މި ރޭ ވާނެ ބޮޑު ރެޔަކަށް." ހިތާހިތުން އާމިރާ ބުނެލި އެވެ.
މޭޒުމަތީގައި ބާއްވައިފައި އޮތް އިލޮށި ހިފައިގެން އަވަން ކައިރިއަށް އާމިރާ ގުދުވި އެވެ. އަވަންގެ ދޮރު ހުޅުވައިލުމަށް ފަހު ކޭކަށް އިލޮށި ހަރައިލި އެވެ. ކޭކު ނެގި އެވެ. އުންމީދުކުރި ގޮތަށް ކޭކު ފިހެވިފައި އޮތީމާ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް އާމިރާ އަށް ލިބުނެވެ. މޭޒުމަތީގައި ކޭކު ބެހެއްޓުމަށް ފަހު ފައިސަލަށް ގުޅައިލި އެވެ. ފޯނެއް ނުނަގަ އެވެ. ނަގާނެ ކަމަކަށް އާމިރާ އުންމީދެއް ނުވެސް ކުރެ އެވެ. ފޯނު ކަނޑައިލައިފައި އާމިރާ ވިސްނައިލި އެވެ. އެ ވަގުތު ފޯނަށް މެސެޖެއް އައެވެ.
"ހަނދާން އެބަހުރި!" ފައިސަލް ބުނެފައި އޮތެވެ.
"ވަރަށް!" ހިތާހިތުން އާމިރާ ބުނެލި އެވެ.
ފައިސަލްގެ ގޮތް އާމިރާ އަށް އެނގެ އެވެ. އެތައް ދުވަހެއް ކުރިންސުރެ ޒިޔާން ބުނެފައިވާ ހަދިޔާ ފައިސަލް ހަނދާނެއް ނުހުންނާނެ އެވެ. ފަހު ވަގުތު އަންނާނީ ހުސްއަތާ އެވެ. އާމިރާ އަތުގައި ފައިސާ ހުއްޓެވެ. އެހެންކަމުން، ކުޑަކޮށް ރީތިވެލައިގެން ބޭރަށް ނުކުތެވެ. ކައިރި ފިހާރައަކުން ރަނގަޅު ހަދިޔާއެއް ފެނޭތޯ ބެލި އެވެ. ދެން ހިތަށް އެރި އެވެ. ފައިސަލްގެ ފިޔަވަޅު ލައްކަ ދުވަހު އާމިރާ އަށް ފުހެވިއްޖެ އެވެ. ގެންނަން ވައުދުވާ އެއްޗެއް ނުގެނައުމާއި މަދަރުސާގެ ބައްދަލުވުންތަކަށް ނާދެވުމާއި ޒިޔާން ބައިވެރިވާ ކުޅިވަރުތައް ބަލަން ނާދެވުމުން ވެސް އެ ތަން ފޫބައްދަނީ އާމިރާ އެވެ. ކަންކަން ގޯހުންގޯހަށް ދިޔައީ ވެސް އެހެންވެ އެވެ. ދަރިފުޅުގެ އުފަލަށް ޓަކައި ބައްޕަގެ ޒިންމާތައް އާމިރާ ނުއުފުއްލި ނަމަ މާ ރަނގަޅުވީހެވެ. ފިރިމީހާ ލައްވާ ޖެހޭނީ ޒިންމާ އަދާކުރުވާށެވެ. އެއީ، ލުއިކުރި ވަރަކަށް ލުއިކޮށް އުޅޭ ބައެކެވެ. އާމިރާ އަށް ކުރިން އެ ކަން ނުވިސްނުނީ އެވެ.
ގަޑިން ރޭގަނޑު އަށެއް ޖެހީއްސުރެ ބައްޕަޔަށް ޒިޔާން އިންތިޒާރުކުރި އެވެ. ކިތަންމެ ފަހަރަކު ފޯނުކުރި އެވެ. މެސެޖު ފޮނުވި އެވެ. ފައިސަލް އަންނާނެ ކަމަށް ޒިޔާން އުންމީދު ކުރި އެވެ. ފޯނުން ޖަވާބު ނުދިނަސް، ކޮންމެވެސް މަޖާ މެސެޖެއް ފައިސަލް ފޮނުވަ އެވެ. ޒިޔާން ވަރަށް އުފާވެ އެވެ. އުންމީދު އާކުރެއެވެ. އެންމެ ފަހު އުފަންދުވަހު ކަންތައްވީ ގޮތް ޒިޔާން ހަނދާން ނެތް ކަހަލަ އެވެ. އާމިރާ އަށް އެނގެ އެވެ. އެ ކަން ތަކުރާރުވާނެ އެވެ. ކޮންމެ ފަހަރަކު ހިހޫފެން އަޅަނީ އާމިރާ އެވެ. ދެނެއް ނާޅާނެ އެވެ.
"ޑެޑީ ބުނީ ވަރަށް ބޮޑު ސަޕްރައިޒެއް އޮންނާނޯ!" ކެތްތެރިކަން ކުޑަ ގޮތަކަށް ޒިޔާން ބުނެލި އެވެ. "މަންމަ އަށް އެނގޭތަ އެއީ ކޮން ސަޕްރައިޒެއްކަން؟"
"ސަޕްރައިޒަކީ ކުރިން އެނގޭ އެއްޗެއް ނޫނެއްނު ދަރިފުޅާ!" އާމިރާ ދިނީ ވަރަށް ފިނި ޖަވާބެކެވެ. "މަންމަ އަށް ހީވަނީ ޑެޑީހެން މިރޭ ސަޕްރައިޒް ވާނީ."
"އެއީ ކީއްވެ؟" ޒިޔާން އެހި އެވެ.
"ދެންމެ ވެސް މަންމަ ބުނީމެއްނު. ސަޕްރައިޒްއަކީ ސަޕްރައިޒޭ. ވަގުތު ޖެހުނީމަ އެނގޭނީ." އާމިރާ ޖަވާބުދިނެވެ.
ޒިޔާނަކަށް ބައްޕަ ދަހެއް ނުވެ އެވެ. ގަޑިން ރޭގަނޑު ނުވައެއް ޖެހި އެވެ. ދިހައެއް ޖެހި އެވެ. ކޭކު ބަހައްޓައިފައި ހުރި މޭޒުގައި ބޯއަޅައިގެން ޒިޔާން ނިދި އެވެ. އާމިރާ އައިސް ޒިޔާން ގެންގޮސް އެނދުގައި ބޭއްވި އެވެ. އެހެން ފަހަރުތަކުގައި ކޭކު އައިސްއަލަމާރިއަށް ލައިފައި، ކަންކަން ހަމައަކަށް އަޅުވައިފައި އާމިރާ ވެސް ނިދަނީ އެވެ. އެ ރޭ އާމިރާ އިނީ ހޭލަ އެވެ. ބާރަ ޖެހި އެވެ. އެކެއް ޖެހި އެވެ. އެ ހިސާބުން ފައިސަލަށް ގުޅަން އާމިރާ ބޭނުންވި އެވެ. ފައިސަލަށް ކަމެއް ވީ ކަމަށް ހީކޮށެވެ. އާމިރާ ގުޅާ އިރަށް ފައިސަލް ފޯނު ކަނޑައިލަ އެވެ. ގެއަށް އަންނަންދެން ފައިސަލް ކަންތައް ކުރީ އެހެންނެވެ. ދެން ކުއްލިއަކަށް ފެނުނީ ފައިސަލް ވަން ތަނެވެ. އަތުގައި ކުޑަ ޕާރުސަލެއް އޮތެވެ. އެއީ އެންމެ ފަހުގެ ފޯނެކެވެ. ޒިޔާން ބޭނުންވި އެތި، ފަހު ވަގުތު ނުލިބުމުން އެހެން އެއްޗަކަށް ބަދަލުކޮށްލީ އެވެ. ޒިޔާން ބޭނުންވާ އެއްޗަކަށް ނޫނެވެ. ފައިސަލް ބޭނުންވާ އެއްޗަކަށެވެ. ޓައީގެ ގޮށް ދޫކޮށްލުމަށް ފަހު ފައިސަލް ޓައީ ނެގި އެވެ. ދަށަށް ޖަހައިފައިވާ ގަމީސް ދަށުން ނައްޓައިލި އެވެ.
"މާ ލަސްވީ ދޯ؟" ފައިސަލަށް ކުރެވުނީ މޮޔަ ސުވާލެކެވެ.
"ނޫނޭ!" ހިތްހަމަނުޖެހިފައި އާމިރާ ބުންޏެވެ. "އަދި އިރުއަރަން ކައިރި ވެސް ނުވެއެއްނު! ކީއްކުރަން ތިހާ އަވަހަށް ތި އައީ؟"
ފައިސަލް މިސްރާބު ޖެހީ ޒިޔާންގެ ކޮޓަރިއަށެވެ. ދެ ފިޔަވަޅެއް އެޅުމަށް ފަހު ހުއްޓުނެވެ. އެނބުރި އާމިރާ ގާތަށް އައެވެ. ސޯފާގައި އިށީނެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލި ވަގުތު، ހުއްޓައިލުމަށް އަތުގެ އިޝާރާތުން އާމިރާ ބުންޏެވެ. އާމިރާ އިނީ ބަހަނާ އަޑުއަހާ މޫޑެއްގައެއް ނޫނެވެ.
"އެކެއް، އޮފީހުން ނުކުންނަން އުޅެނިކޮށް ކަމެއް ޖެހުނީ،" އިނގިލި މަޅަމުން އާމިރާ ބުނެލިއެވެ. "ދޭއް، ރައްޓެއްސަކު ފެނިގެން ކޮފީއަކަށް ދިޔައީ. ތިނެއް، ސައިކަލު ސްޓާޓު ނުވީ. ކޮންމެހެން ބަހަނާއެއް ދައްކާނެ ކަމެއް ނެތް. ހަމައެކަނި ނަންބަރު ބުނެލާ! ފުދޭނެ."
ފައިސަލްގެ އަނގަ ބަންދުވި އެވެ. އާމިރާ ސޯފާ އިން ތެދުވި އެވެ. ދިފާއުގައި ދައްކާނެ ވާހަކައެއް ފައިސަލްގެ ނެތެވެ. ރުޅިމަޑުވޭތޯ އާމިރާގެ ކޮނޑުގައި ފިރުމައިލަން އުޅުމުން ފައިސަލްގެ އަތް އާމިރާ ފޮޅުވައިލި އެވެ.
"އަހަރެންގެ އެއްވެސް ބާތުޑޭއަކު ފައިސަލަކަށް ގެއަކު ނުހުރެވޭ! ކޮންމެވެސް ކަމެއް ޖެހޭނެ. އެ ޝަކުވާ ވެސް މިހާރު ހުއްޓާލައިފިން،" އާމިރާ ވަރަށް ފޫހިވެފައި ބުންޏެވެ. "މީ ފައިސަލްގެ ދަރިފުޅުގެ އުފަންދުވަހޭ! މި ދިޔަ ފަހަރު ވެސް ހަމަ މިހެންވީ! ނަސީބަކުން އެއް ގަޑިއިރު ފަހުން ވެސް ޒިޔާން ބުނި އެތި ހިފައިގެން އައީ. މިރޭ އެހެރަ އެއްގަޑި ބައިވަނީ. މަށަށް ޓައިމް ނުދެވޭ ތާނގަ މިހާރު ޒިޔާނަށް ޓައިމް ދިނުން ވެސް ހުއްޓާލީ! ކޮން ކަހަލަ ބައްޕައެއް ތީ؟ ކިހާ އިރެއް ވަންދެން ބައްޕަ އަށް އޭނަ މަޑުކުރި؟ މި އަންނަނީ، ހަމަ މިހާރު މި ދަނީ، މި ނިކުތީ، ދެ މިނެއްޓު. ކިތައް ދޮގު ފައިސަލް ހެދީ؟ އެންމެ ފަހުން ދެން ފޯނު ނުވެސް ނެގީ."
"ވަރަށް ޓްރައި ކުރިން އާދެވޭތޯ،" ފައިސަލް ޖަވާބު ދިނެވެ. "މީޓިން ނުނިމުނީ. އާމިރާ އަށް އެނގޭނެ ޒިޔާން ދެކެ އަހަރެން ވެސް ކިހާ ލޯބިވާކަން."
"އެހެންތަ؟ ތިހެން ވިއްޔާ ޒިޔާން ގާތުގަ ތި ހުރިހާ ވާހަކައެއް ދައްކާ!" ފޫހިވެފައި ހުރި ވަރުން މާ ގިނަ ވާހަކަ ދައްކާކަށް އާމިރާ ބޭނުމެއް ނުވި އެވެ. "މަ ހިތަށްއަރާ.."
"މަ އޭނަ އަށް ވިސްނައިދޭނަން." ފައިސަލް ކުރުކޮށްލި އެވެ.
"އެކަމަކު މަ ވިސްނާވިސްނާ ވަރުބަލިވެއްޖޭ!" އަތުގައި އޮތް ރިމޯޓު ސޯފާ އަށް ހޫރާލަމުން އާމިރާ ބުންޏެވެ. "ހަމަ ތެދެއް މި ބުނީ. މިހެނެއް ނޫޅެވޭނެ. ކޮންމެ ކަމަކަށް ވެސް އޮންނާނެ ލިމިޓެއް. އިރުއިރުކޮޅާ މި ޒުވާބެއް ކުރަން މަށަކަށް ނީނދެވޭނެ. އަހަރެން މިހާރު އޮންނާނެ ފޯމު ނަގާފައި. މާދަމާ..."
"މި ވަރު ކުޑަ ކަމަކާ އަހަރުމެން ސެޕަރޭޓު ވީމަޔޯ؟" ކަންބޮޑުވެފައި ފައިސަލް ބުންޏެވެ.
"ކުޑަކަމެކޭ؟ ކުޑަކަމެކޭ؟ އެނގޭތަ ޒިޔާނަށް މިހާރު ކިތައް އަހަރުކަން؟ އޭނަ ހެނދުނު ހޭލާ އިރު ބައްޕަ ގެއަކު ނޫޅޭ، ނިދާ އިރަކު ވެސް ބައްޕަ ގެއަކު ނޫޅޭ. އަހަންނަށޭ ހުރިހާ މަންޒަރެއް ފެންނަނީ. މި ގެއިން ދިޔާމަ ގައިމު ވެސް އަހަންނަކަށް އެ މަންޒަރެއް ނުފެންނާނެއްނު،" އާމިރާ ހިތުގައި ޖެހޭ ގޮތް ވި އެވެ. "ފައިސަލަކަށް ނުވެސް ވިސްނޭނެ އެކަނިމާ އެކަނި ދަރިޔަކު ގެންގުޅުމަކީ.."
"ގަބޫލުކުރަމޭ! އެޕްރިޝިއޭޓު ވެސް ކުރަން." ފައިސަލް ވާހަކަ ދެއްކީ ވިސްނައިދޭ ކަހަލަ ރާގެއްގަ އެވެ.
އެ ފަދަ ކޮންމެ ފަހަރަކު ހަތިޔާރު ބަހައްޓަނީ އާމިރާ އެވެ. ޒުވާބަށް ނިމުމެއް އަންނަނީ އެހެންވެ އެވެ. ހިތާމައަކީ ފައިސަލަށް ނުވިސްނޭ ކަމެވެ. ހިހޫތަނުން ކާން ފައިސަލް އާދަވެފައިވާ ކަމެވެ.
"އެޕްރިޝިއޭޓެއް ނޫން. އެކްސްޕީރިޔަންސް. އަހަރެން ބޭނުން ފައިސަލް އަމިއްލަ އަށް ތަޖުރިބާ ކޮށްލަން،" އާމިރާގެ ނިންމުން ބަދަލެއް ނުކުރި އެވެ. "މިހާރުން ފެށިގެން ޒިޔާންގެ މަންމައަކީ ވެސް ބައްޕައަކީ ވެސް ތީ. އަހަރެން މި ދަނީ."
(ނުނިމޭ)