މާޒިން، ޕެރަލިމްޕިކްގެ ފުރަތަމަ ރަން މެޑަލް އެތުލީޓް
މާޒިން، ޕެރަލިމްޕިކްގެ ފުރަތަމަ ރަން މެޑަލް އެތުލީޓް

އިންޑިއާގެ ބެންގަލޫރުގައި މި މަހުގެ 5-7 އަށް ކުރިއަށްދާ ފަސް ވަނަ އިންޑިއަން އޯޕަން ޕެރަ އެތުލެޓިކްސްގެ އިންޓަނޭޝަނަލް ޗެމްޕިއަންޝިޕުގައި ވާދަކޮށް ރާއްޖޭގެ މުހައްމަދު މާޒިން ރަން މެޑަލް ހޯދައިފި އެވެ.

މިއީ ޕެރަ އެތުލެޓިކްސް އިން ރާއްޖޭން ހޯދި ފުރަތަމަ ރަން މެޑަލް އެވެ. މާޒިންގެ ގައިޑެއްގެ ގޮތުގައި މި މުބާރާތުގައި ބައިވެރި ވެފައި ވަނީ ހުސައިން ޝިފާޒް އެވެ. މާޒިން ރަން މެޑަލް ހޯދީ ހުކުރު ދުވަހު އޮތް ޓީ 11 ކެޓަގަރީގެ 100 މީޓަރު ދުވުމުންނެވެ. މާޒިން ރޭސް ނިންމާފައި ވަނީ 16.39 ސިކުންތުންނެވެ.

މާޒިން އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ކާމިޔާބު ޕެރަ އެތުލީޓެވެ. އޭނާ ވަނީ މީގެ ކުރިން 2019 ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކޮށް ރާއްޖެ އަށް ލޯ މެޑަލް ހޯދައިދީފަ އެވެ.

މާޒިން އަންނަނީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް މެޑަލްތަކެއް ހޯދުމަށްޓަކައި ގިނަ ތަމްރީންތަކެއް ހަދަމުންނެވެ. އެގޮތުން މިއަހަރުގެ އައިއޯއައިޖީގައި ވެސް މެޑަލް ހޯދުމަކީ އޭނާގެ އުންމީދެކެވެ.

އިންޑިއާގައި ކުރިއަށްދާ މި މުބާރާތަކީ، މި އަހަރުގެ ޖުލައި މަހު ފްރާންސްގެ ޕެރިހުގައި އޮންނަ ވޯލްޑް ޕެރަ އެތުލެޓިކްސް ޗެމްޕިއަންޝިޕާއި، އޮކްޓޫބަރު މަހު ޗައިނާގެ ހަންގްޒޫ ގައި ބާއްވަން ހަމަޖެހިފައިވާ ހަވަނަ އޭޝިއަން ޕެރަ ގޭމްސްގެ ކޮލިފައިން އަށް ޕޮއިންޓް ލިބޭ މުބާރާތެކެވެ. ރާއްޖޭގެ އިތުރުން ގްރީސް އާއި ފިލިޕީންސް އަދި ސްރީ ލަންކާ އަދި ބަންގްލަދޭޝް އާއި ކަޒަކިސްތާނާއި ކިރިގިސްތާން އަދި މޮންގޯލިއާ އެތުލީޓުން ވެސް އިންޑިއާގައި ކުރިއަށްދާ މި މުބާރާތުގައި އަންނަނީ ވާދަކުރަމުންނެވެ.

ރީޖަނަލް ސްޕޯޓްސް ޓްރެއިނިން އާއެކު ކުރިއަށް ގެންދާ މިމުބާރާތުގައި ރާއްޖޭން ޕެރަ އެތުލެޓިކްސް ކުޅުންތެރިއަކާއި ޕެރަ އެތުލެޓިކްސް ކޯޗަކާއި ޕެރަ އެތުލެޓިކްސް ޓެކްނިކަލް އޮފިޝަލެއްގެ އިތުރުން ޕެރަ ބެޑްމިންޓަން ކްލެސިފަޔަރަކު ތަމްރީނު ކުރެވިފައިވެއެވެ.