ބޯގަންވިލާ ގޭގައި އަލިފާނުގެ ހާދިސާއެއް
ބޯގަންވިލާ ގޭގައި އަލިފާނުގެ ހާދިސާއެއް

ރަށްދެބައި މަގުގައި ހުންނަ މއ. ބޯގަންވިލާ ގޭގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ބޯގަންވިލާ ގޭގައި އަލިފާނުގެ ހާދިސާއެއް
ބޯގަންވިލާ ގޭގައި އަލިފާނުގެ ހާދިސާއެއް

ބޯގަންވިލާ ގެޔަކީ މަންދު ކޮލެޖުގެ ވެރިޔާ، އިބްރާހިމް އިސްމާއިލް (އިބްރާ) އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ވެސް އާއިލީ ގެ އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ރިޕޯޓްކޮށްފައި ވަނީ މިރޭ 11:30 ހާއިރު ކަމަށެވެ. ރިޕޯޓް ލިބުނުތާ ކުޑަ އިރުކޮޅެއްގެ ތެރޭ ސިފައިން ގޮސް އަލިފާން ވަނީ ނިއްވާލައިފަ އެވެ.

އިބްރާ ވިދާޅުވީ އަލިފާން ރޯވީ ގޭގެ ފުރަތަމަ ބުރީގައި ހުންނަ ކޮޓަރިއެއްގައި ކަމަށައި އަލިފާން ރޯވެފައި ހުއްޓާ ފެނުމާ އެކު ގެއިން މީހުން ނުކުތީ ކަމަށެވެ. ދެ ބުރިއަށް ހުންނަ ގެ ހަދަން ގިނައިން ބޭނުންކޮށްފައި ހުރީ ލަކުޑި ކަމަށާއި އެހެންވެ ގެއިން މީހުން ނުކުންނަންވީއިރު ވެސް ހުރީ ހުޅު ފަޅައިގެން ގޮސްފައި ކަމަށް އިބްރާ ވިދާޅުވި އެވެ.

ހާދިސާ ހިނގި އިރު ގޭގައި އުޅެނީ ހަ މީހުން ކަމަށް އިބްރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިފައިންނަށް ރިޕޯޓްކުރިތާ ފަސް ވަރަކަށް މިނެޓް ތެރޭ އައިސް އަލިފާން ނިއްވާލި ކަމަށެވެ. އެކަމަކު އަދިވެސް ގޭތެރޭގައި ވަރަށް ބޮޑަށް ދުން އެބަ ހުއްޓެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގެ އެވެ.