ޝާހްރުކްގެ "ޖަވާން" ރިލީޒްކުރުން ސެޕްޓެމްބަރަށް ފަސްކޮށްފި
ޝާހްރުކްގެ "ޖަވާން" ރިލީޒްކުރުން ސެޕްޓެމްބަރަށް ފަސްކޮށްފި

"ޕަތާން" ގެ ކާމިޔާބީއަށް ފަހު މި އަހަރު ނެރުމަށް ހަމަޖެހިފައިވާ ޝާހްރުކް ހާންގެ "ޖަވާން" ފިލްމު ރިލީޒްކުރުން އަންނަ ސެޕްޓެމްބަރު މަހަށް ފަސްކޮށްފި އެވެ.

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަޓްލީ ކުމާރް ޑައިރެކްޓުކޮށްފައިވާ އެ ފިލްމު ރިލީޒްކުރަން ކުރިން ހަމަޖެހިފައި އޮތީ އަންނަ މަހު އެވެ. ސެޕްޓެމްބަރު މަހަށް ފިލްމު ފަސްކުރިކަން ޝާހު އާއި އޭނާގެ އަންހެނުން ގައުރީ ވަނީ ކަށަވަރުކޮށްދީފަ އެވެ. މި ފިލްމުގެ ޕްރޮޑިއުސަރު ގައުރީ އެވެ.

ފިލްމުގެ ޓީޒާއަކާ އެކު ޝާހުގެ އިންސްޓަގްރާމުގައި ޝެއާކޮށްފައިވާ ޕޯސްޓެއްގައި ބުނީ "ޖަވާން" ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ކަމަށެވެ.

މި ފިލްމުގެ އަންހެން ލީޑުގެ ރޯލު ނަޔަންތަރާ ކުޅޭއިރު، ސުނިލް ގްރޯވާ އާއި ޕްރިޔަމަނީ އާއި ވިޖޭ ސެތުޕަތީ އާއި ސަންޔާ މަލްހޯތްރާ އަދި ރިދީ ދޮގްރާ ވެސް މުހިންމު ރޯލުތަކުން ފެނެ އެވެ. އޭގެ އިތުރުން، ޝާހުގެ "ޕަތާން" ކޯ-ސްޓާ ދީޕިކާ ޕަދުކޯން އާއި ވިޖޭ އާއި ސަންޖޭ ޑަޓް އަދި އައްލު އަރްޖުން، ފިލްމުގައި ގެސްޓު އެޕެއަރެންސްއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.