06 މެއި 2023 - 17:49

މި އަހަރުގެ މިހާތަނަށް ހަތް ލައްކަ ޓޫރިސްޓުން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ، އިއްޔެގެ ނިޔަލަށް 710،645 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު އެއީ ކޮވިޑްގެ ކުރިން 2019 އިގެ އެ މުއްދަތަށް ބަލާ ނަމަ 6.4 ޕަސެންޓުގެ ކުރިއެރުމެއް ކަމަށެވެ. ކޮވިޑްގެ ކުރިން 2019 އިގެ މޭ 5 އާ ހަމައަށް ރާއްޖެ އައީ ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 66،720 ޓޫރިސްޓުންނެވެ.
މިދިޔަ އަހަރުގެ މޭ 5 އާ ހަަމައަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދަށް ބަލާއިރު ވެސް މި އަހަރު ވަނީ ކުރިއެރުން ހޯދައިފަ އެވެ. މިދިޔަ އަަހަރުގެ އެެ މުއްދަތުގައި ރާއްޖެ ޒިޔާރަތް ކުރީ 640،730 ޓޫރިސްޓުންނެވެ. އެހެންވެ، މި އަހަރުގެ މޭ 5 އާ ހަމައަށް ވެސް ވަނީ 17.5 ޕަސެންޓުގެ ކުރިއެރުމެއް ހޯދައިފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، މި އަހަރުގެ މޭ މަހުގެ ފުރަތަމަ ފަސް ދުވަހު ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު މި ދިޔަ އަހަރުގެ އެ މުއްދަތާ ބަލާއިރު 19.9 ޕަސެންޓަށް ދަށް ވެފައިވާ ކަމަށެވެ. އެކަމަކު، ކޮވިޑްގެ ކުރިން 2019 ވަނަ އަހަރުގެ މޭ މަހުގެ ފުރަތަމަ ފަސް ދުވަހާ ހަމައަށް ބަލާއިރު މި އަހަރުގެ އެ މުއްދަތުގައި 3.3 ޕަސެންޓް ކުރިއެރުން ހޯދާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި، ކޮވިޑާ ގުޅިގެން ދުވަސްގަނޑެއްގެ މެދުކެނޑުމަކަށް ފަހު ޗައިނާގެ ޓޫރިސްޓުންގެ އަދަދު އަންނަނީ ވަރަށް ބޮޑަށް އިތުރު ވަމުންނެވެ. މި މަހުގެ ފުރަތަމަ ފަސް ދުވަހުގެ ނިޔަލަށް ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން 4.7 ޕަސެންޓަކީ ޗައިނާގެ މީހުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ..
އެ ކުރިއެރުމާ އެކު، ޗައިނާ މިހާރު ވަނީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރާ ގައުމުތަކުގެ ލިސްޓުގެ ހަ ވަނަ ހޯދައިފަ އެވެ.